Roadha Mihaaru
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި

ނުލިބި ހުރި ޓެކްސް ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި

30 ސެޕްޓެމްބަރ 2024

ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 639 މިލިއަން ރުފިޔާ ޓެކްސް އިދާރާ، މީރާއިން ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓެކްސް އާއި އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން 639 މިލިއަން ރުފިޔާ ޓެކްސް އިދާރާ، މީރާއިން ހޯދައިފި އެވެ.

އެ އިދާރާގެ ދެވަނަ ކުއާޓާގެ ރިޕޯޓުގައިވާ ގޮތުން ވޭތުވެދިޔަ ހަ މަސް ތެރޭ ވަނީ ތަކުރާރުކޮށް ގުޅައިގެން، ޓެކްސް ހޯދުމަށް އަންގައިގެން 515 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފަ އެވެ. ޑިއުޒް ކްލިއަރެންސްގެ ގޮތުގައި 93 މިލިއަން ރުފިޔާ ހޯދި އިރު، ބޭންކް އެކައުންޓު ފްރީޒްކޮށްގެން 21 މިލިއަން ރުފިޔާ ހޯދައިފައިވެ އެވެ. އަދި އޯވަޑިއުވެފައިވާ ޕޭމެންޓްތަކުގެ ގޮތުގައި 12 މިލިއަން ރުފިޔާ ހޯދި އެވެ.

ރިޕޯޓުގައިވާ ގޮތުން މީރާއިން ވަނީ ޓެކްސް ދައްކަން ޖެހޭ ފަރާތްތަކަށް ހަނދާންކޮށްދީގެން 135،000ރ. ހޯދައިފަ އެވެ. އަދި ކޯޓު މަރުހަލާގެ ތެރެއިން 10،000ރ. ހޯދައިފަ އެވެ.

މީރާ އިން 639 މިލިއަން ރުފިޔާ ހޯދި އިރު ޖުމްލަ ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 10 ބިލިއަން ރުފިޔާ އެބަހުއްޓެވެ. އޭގެ ތެރޭގައި ޓެކްސްގެ ގޮތުގައި ނުލިބޭ 5.5 ބިލިއަން ރުފިޔާ އާއި ރިސޯޓު ކުލީގެ ގޮތުގައި ނުލިބި ހުރި 4.3 ބިލިއަން ރުފިޔާ ހިމެނެ އެވެ.

މީރާ އިން ބުނީ، ވޭތުވެދިޔަ ހަ މަސް ތެރޭގައި ޝައްކުކުރެވޭ މުއާމަލާތްތަކާ ހެދި 83 އޮޑިޓެއް ހަދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބީޕީޓީއާ ގުޅޭ 14 އޮޑިޓަކާއި ޖީޖީއެސްޓީއާ ގުޅޭ 10 އޮޑިޓަކާއި ޓީޖީއެސްޓީއާ ގުޅޭ 17 އޮޑިޓެއްގެ އިތުރުން އާމްދަނީން ނަގާ ޓެކުހާ ގުޅޭ 37 އޮޑިޓަކާއި ގްރީން ޓެކްސްއާ ގުޅޭ ފަސް އޮޑިޓެއް ހިމެނެ އެވެ.

އެ އޮޑިޓްތަކުން 93 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބެން ޖެހޭކަން ވަނީ ފާހަގަކުރެވިފަ އެވެ.

މީރާ އިން ބުނި ގޮތުގައި ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ 10,796 ފަރާތް އެ ބަޔާންތައް ހުށަނާޅާ އެބަތިއްބެވެ. އަދި ޓެކްސް ނުދައްކާ 8,947 ފަރާތް ފާހަގަކުރެވިފައިވާ ކަމަށެވެ.

މީރާއިން އަންނަނީ ޓެކްސް ނުދައްކާ ފަރާތްތަކަށް އިންސްޓޯލްމެންޓް އުސޫލުން ވެސް ފައިސާ ދެއްކޭނެ ޕްލޭންތައް ހަމަޖައްސާދެމުންނެވެ. މީރާ އިން މިވަގުތު 162 ފަރާތަކަށް 364 މިލިއަން ރުފިޔާއާ ހަމައަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތްތައް ވެސް ވަނީ ހަމަޖައްސައިފަ އެވެ.