Roadha Mihaaru
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ

ހަތް މަހުން ޓެކްސް އަށް 15 ބިލިއަން ރުފިޔާ

12 އޯގަސްޓް 2024

މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 15 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 15 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ހަތް މަހާ އަޅާ ބަލާއިރު، ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ހަތް މަހު ދައުލަތަށް ވަނީ 14 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް އެންމެ ބޮޑު ޓެކްސްއެއް ލިބުނީ ޓީޖީއެސްޓީ އިންނެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހު ޓީޖީއެސްޓީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ކިޔާއިރު 400 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާންމުންގެ އަތުން ނަގާ ޖީއެސްޓީ އިން ދައުލަތަށް ލިބުނީ 2.8 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 300 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ ހަތް މަހު 4.9 ބިލިއަން ރުފިޔާ ލިބުނުއިރު، އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޖުމްލަ ޓެކްސް އާމްދަނީ އަށް ބިލިއަނެއްހާ ރުފިޔާ މިދިޔަ ހަތް މަހު އިތުރުވި ނަމަވެސް އެ މުއްދަތުގައި ވިޔަފާރީގެ ފައިދާއިން ލިބުނު ޓެކްސްގެ އަދަދު ވަނީ 80 ޕަސެންޓު ދަށަށް ގޮސްފަ އެވެ. މި އަހަރުގެ ފުރަތަމަ ހަތް މަހު ވިޔަފާރީގެ ފައިދާއިން ލިބުނީ 17 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 88 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

ޓެކްސް އާމްދަނީގެ އިތުރުން ދައުލަތަށް އެންމެ ބޮޑު އަދަދެއް ވަންނަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. މި އަހަރުގެ ހަތް މަހު ދައުލަތަށް ބިލިއަނެއްހާ ރުފިޔާ ލޭންޑު ރެންޓުގެ ގޮތުގައި ލިބިފައި ވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 100 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 670 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ އާމްދަނީ 17.9 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް 13 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރު ނިމޭ އިރު ދައުލަތަށް 33.5 ބިލިއަން ރުފިޔާ ހޯދުމަށް ބަޖެޓު ފޮތުގައި ލިޔެފައިވެ އެވެ.