Roadha Mihaaru
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް

ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން އާންމުކޮށްފި

13 އޮކްޓޯބަރ 2024

މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން ޓެކްސް އިދާރާ މީރާ އިން މިއަދު އާންމުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން ޓެކްސް އިދާރާ މީރާ އިން މިއަދު އާންމުކޮށްފި އެވެ.

އެ އިދާރާ އިން ބުނީ، ނަން އާންމުކުރި ފަރާތްތަކަކީ ދެވަނަ ކުއާޓާއާ ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި އެއް ލައްކަ އަށް ވުރެ އިތުރަށް ދައްކަން ޖެހޭ ފަރާތްތަކުގެ ނަންތައް ކަމަށެވެ.

ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރޭގައި ރިސޯޓު ވިޔަފާރީގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކެއް ހިމެނެ އެވެ. އޭގެ ތެރެއިން ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުއްޓަކީ ތްރީއޭ ކުންފުނީގެ ތިން ރިސޯޓެވެ. އެއީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަލި ޝިޔާމްގެ އާއިލާ އިން ހިންގާ ކުންފުންޏެކެވެ. ރަހާ ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ރިސޯޓެކެވެ.

ޓީޖީއެސްޓީ/ގްރީން ޓެކްސް ނުދައްކާ މަޝްހޫރު ކުންފުނިތައް

- ތްރީއޭ (ފިލިތެޔޮ، މެދުފުށި، ހޮނޑާފުށި ރިސޯޓު)

- ކިހާ މޯލްޑިވްސް

- ޓްރައިޓަން ޕްރިސްޓީޖް

- ރަހާ ރިސޯޓު

- މޫދު ހޮލިޑޭސް

- ވެލިދޫ އައިލެންޑް ރިސޯޓު

- އޯގާ އާޓް ރިސޯޓު

- ރިޒޯޓް ލައިފް ޓްރެވަލް

- ސައުތު ޕާމް ރިސޯޓު

- ނަޒާކީ ހޮޓެލްސް އެންޑް ރިސޯޓްސް

- އެރިޔަދޫ އައިލެންޑް ރިސޯޓު

- މިރިހި އައިލެންޑް ރިސޯޓު

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފައިވަނީ އެ ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށް ފަހު ކަމަށް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ ފާއިތުވި ތިން މަސް ތެރޭގައި ޖުމްލަ 44،390 އެސްއެމްއެސް، 22,761 ފޯނުކޯލް އަދި 30,550 ނޯޓިސް ޓެކްސް ދައްކާ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން 397 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިގޮތްތަށް ހަމަޖައްސައިދީފައި ވާނެ ކަމަށް ވެސް މީރާ އިން ބުންޏެވެ.