Roadha Mihaaru
ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ

ޓެކްސްގެ ބާގަނޑުން ވަދެ ރިސޯޓްތަކުން ނާޖާއިޒު ފައިދާ!

28 ފެބުރުއަރީ 2023

އާންމު ދިރިއުޅުމާއި ދައުލަތަށް ވަންނަ އާމްދަނީ އަށް ބަލައިލީމަ މީގެ ވަރަށް ރަނގަޅު ތަސައްވުރެއް ކޮށްލެވޭނެ އެވެ! ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިޒަމް މަންޒިލްގެ ގޮތުގައި ރާއްޖެ އޮވެ، ދައުލަތަށް ޓޫރިޒަމް ޓެކްސް އިން ލިބޭ އާމްދަނީ އަކީ އެންމެ 6.6 ބިލިއަން ރުފިޔާ އެވެ. މިއީ ގަބޫލު ކުރެވޭ ވަރުގެ އަދަދެއް ހެއްޔެވެ؟

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އާންމު ދިރިއުޅުމާއި ދައުލަތަށް ވަންނަ އާމްދަނީ އަށް ބަލައިލީމަ މީގެ ވަރަށް ރަނގަޅު ތަސައްވުރެއް ކޮށްލެވޭނެ އެވެ! ދުނިޔޭގެ އެންމެ އަގުބޮޑު ޓޫރިޒަމް މަންޒިލްގެ ގޮތުގައި ރާއްޖެ އޮވެ، ދައުލަތަށް ޓޫރިޒަމް ޓެކްސް އިން ލިބޭ އާމްދަނީ އަކީ އެންމެ 6.6 ބިލިއަން ރުފިޔާ އެވެ. މިއީ ގަބޫލު ކުރެވޭ ވަރުގެ އަދަދެއް ހެއްޔެވެ؟

ބައެއް ރިސޯޓްތަކުގެ މުޅި އަހަރުގެ ފައިދާ ވެސް އެތައް ސަތޭކަ މިލިއަނަކަށް އަރަ އެވެ. އެކަމަކު، ރާއްޖޭގައި 169 ރިސޯޓް އޮތް އިރު، އަހަރެއްގެ ތެރޭގައި ދައުލަތަށް ހަ ޕަސެންޓުގެ ޓެކްސްއެއް ދެއްކުމުން ވެސް ހަ ބިލިއަނުގެ އާމްދަނީއެއް އުޅޭ ނަމަ އެއީ ކޮންމެވެސް މައްސަލައެއްކަން ޔަގީނެވެ.

އޭގެ އެއްގޮތަކީ، ޓެކްސް އަށް މަކަރު ހެދުން ކަމަށް، މި ރިޕޯޓަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވި އެވެ. އަނެއް ގޮތަކީ، ޓެކްސްގެ ބާގަނޑުން ވަދެ، ރޫމް ރެންޓް އޮޅުވާލުމެވެ. އެއީ ގާނޫނުގެ ތެރެއިން "މަކަރު" ހެދުމެވެ.

ރާއްޖޭހެ ރިސޯޓަކަށް އައި ޓޫރިސްޓުންތަކެއް. ޓެކްސް ދެއްކުމުގައި ވީ އެންމެ ކުޑަ އަދަދުތަކެއް ދެއްކުމަށް ބައެއް ރިސޯޓުތަކުން މަސައްކަތް ކުރޭ-- ފޮޓޯ: މިހާރު

ރާއްޖޭހެ ރިސޯޓަކަށް އައި ޓޫރިސްޓުންތަކެއް. ޓެކްސް ދެއްކުމުގައި ވީ އެންމެ ކުޑަ އަދަދުތަކެއް ދެއްކުމަށް ބައެއް ރިސޯޓުތަކުން މަސައްކަތް ކުރޭ-- ފޮޓޯ: މިހާރު

އެކަހަލަ އެތައް މައްސަލައެއް ކޯޓުން ވެސް އޮތީ ނިންމައިފަ އެވެ. އަދި، ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލަތަކުގައި ރިސޯޓް ކުށްވެރިވެ، މީރާ އިން އެ ފައިސާ ހޯދި މައްސަލަތަކެއް ވެސް ސިވިލް ކޯޓުން މީގެ ކުރިން ނިންމި އެވެ. އެކަހަލަ އެތައް މައްސަލައެއް ކޯޓުގައި މިހާރު ވެސް އެބައޮތެވެ.

"މިހާރު ވެސް އުޅޭނެ ޓްރައިބިއުނަލްގައި ވެސް. ކޯޓު މަރުހަލާތަކުގައި. ޓްރާންސްފާ ޕްރައިޒިން އުސޫލުން ވެސް، މަކަރު ހެދުމުގެ ގޮތުން ވެސް އެފަދަ ކަންކަން އެބަ ފާހަގަކުރެވޭ. މިސާލަކަށް އަޅުގަނޑުމެންނަށް އެނގެނީ، ވަރަށް ބޮޑަށް ޔަގީން ކުރެވެނީ. އެކަމަކު ޖިނާއީ ގޮތުން އެކަން ސާބިތުކުރެވޭ މިންގަނޑު އެބަ ތަފާތުވޭ،" މީރާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކޮޓަރީގެ އަސްލު އަގާ ކުޅުމަކީ ވަރަށް ގިނަ ރިސޯޓުތަކުން ކުރާ ކަމެކެވެ. އެކަން ސަރުކާރަށް ވެސް، އަދި ދައުލަތުގެ މާލީ އިދާރާތަކަށް ވެސް އެނގެ އެވެ. އެކަމަކު، ސަރުކާރުން އެކަން ގަބޫލު ކުރަނީ، އަދި ގަބޫލު ކުރެވެން ވެސް އޮތީ އެއީ އެކަން ކުރެވެން އޮތް ގޮތް ކަމެވެ. އެކަމަކު، އެއީ އެތައް ބައެއްގެ ހިޔާލު ތަފާތުވުން ބޮޑު މައްސަލައެކެވެ.

ކޮޓަރި ވިއްކާފައި ހުންނަނީ ޓެކްސް ދައްކާ އަގަކު ނޫން

ރާއްޖޭގެ ރިސޯޓްތަކުގެ ބޮޑު ޕަސެންޓެއް ބޭރުގެ އިންވެސްޓަރުން ވެސް ހިއްސާ ވެ އެވެ. އެހެންވެ، ބައެއް މުއާމަލާތްތައް ބޭރުގެ ބޭންކްތައް މެދުވެރިކޮށް ވެސް ހިނގަ އެވެ. އެކަން މީގެ ކުރިން އެމްއެމްއޭ އިން ފާހަގަކޮށްފައިވެ އެވެ. އެމްއެމްއޭ އިން ބުނީ ބޭރުގެ ބޭންކްތައް މެދުވެރިކޮށް ހިންގާ މުއާމަލާތްތައް ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ.

ރިސޯޓެއްގެ އިސްބޭފުޅަކު ވިދާޅުވީ، ބައެއް ރިސޯޓުތަކުން "ޓްރާންސްފާ ޕްރައިޒިން" އުސޫލުން އެކަން ކުރަނީ ވަރަށް ވެސް ރޭވުންތެރިކަމާ އެކު ކަމަށެވެ. އޭނާ ވިދާޅުވީ، ރިސޯޓުން އޭޖެންޓުންނަށް ރޫމް ވިއްކާ އަގާއި، އޭޖެންޓުން މެދުވެރިކޮށް ޓޫރިސްޓުންނަށް ރޫމް ވިއްކާ އަގުތަކުގައި ތަފާތު ގެނައުމަކީ، ރާއްޖޭގެ ގިނަ ރިސޯޓުތަކުން ކުރާ ކަމެއް ކަމަށެވެ.

ރިސޯޓެއްގެ ކޮޓަރިއެއް. ބައެއް ރިސޯޓުތަކުން ކޮޓަރިން ޖީއެސްޓީ ދައްކާ އަގާއި އޭޖެންޓު ކަސްޓަމަރަށް ކޮޓަރި ވިއްކާ އަގުގައި ބޮޑެތި ފަރަގުތައް ހުރޭ-- ފޮޓޯ: މިހާރު

ރިސޯޓެއްގެ ކޮޓަރިއެއް. ބައެއް ރިސޯޓުތަކުން ކޮޓަރިން ޖީއެސްޓީ ދައްކާ އަގާއި އޭޖެންޓު ކަސްޓަމަރަށް ކޮޓަރި ވިއްކާ އަގުގައި ބޮޑެތި ފަރަގުތައް ހުރޭ-- ފޮޓޯ: މިހާރު

މިސާލަކަށް ރާއްޖޭގެ ފަސްތަރީގެ ރިސޯޓަކުން ބޭރުގެ އޭޖެންޓަށް ރޫމު ވިއްކަނީ 500 ޑޮލަރަށެވެ. އެކަމަކު އެ ރޫމް އޭޖެންޓް ވިއްކީ 1750 ޑޮލަރެވެ. އެހެން ހެދުމުން މީރާއަށް އެ ކޮޓަރިން ޓެކްސްގެ ގޮތުގައި ލިބޭނީ 80 ޑޮލަރެވެ. އެހެން ނަމަވެސް، އެ ކޮޓަރި އޭޖެންޓު މެދުވެރިނުކޮށް ރިސޯޓުން 1750 ޑޮލަރަށް ވިއްކި ނަމަ މީރާ އަށް ޓީޖީއެސްޓީގެ ގޮތުގައި 280 ޑޮލަރު ވަންނާނެ އެވެ. އޭޖެންޓު މެދުވެރިވެގެން ކޮޓަރި ވިއްކުމުން ދައުލަތަށް ޓެކްސްގެ ގޮތުގައި އެ ގެއްލެނީ ގާތްގަނޑަކަށް 70 ޕަސެންޓެވެ.

"މިއީ ގާނޫނާ ހިލާފު ކަމެއް ނޫން. އެކަން ކުރުމުގެ ޖާގަ އެބަ އޮތް ގާނޫނުން ލިބިފައި. އެކަމަކު ބައެއް ރިސޯޓުތަކުން އެކަން އެބަކުރޭ، ޓެކްސް މަދުން ދެއްކުމުގެ ނިޔަތުގައި. މިއީ އަމިއްލަ ފަރާތްތަކުގެ ބޮޑެތި އިންވެސްޓްމެންޓްތައް. އެހެންވެ، ހަރަދު ކުޑަކުރުމުގެ ނިޔަތުގައި އެފަދަ ފިޔަވަޅުތައް އެޅުމަކީ މައްސަލައެއް ކަމަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު މީރާ އަށް ބެލެން ނޯންނަ ކަމަކީ، އެ ކޮޓަރީގެ ހަގީގީ އަގެވެ. ދުއިސައްތަ ޑޮލަރުގެ ރޭޓުން ކޮޓަރި ވިއްކި ކަމަށް ބުނެ، ޓެކްސް ދައްކާ އިރު، އެ އަގަކީ ހަމައެކަނި ދައުލަތަށް ޓެކްސް ދައްކަން ވިއްކާ އަގެކެވެ. ބައެއް ރިސޯޓްތަކުން އޭޖެންޓަށް ކޮޓަރި ވިއްކީ ކަމަށް ބުނާ އިރު، އެ އޭޖެންޓަކީ ވެސް ހަމަ އެ ރިސޯޓުގެ ވެރިފަރާތުގެ މަސްލަހަތު އޮންނަ ބަޔަކަށް ވެ އެވެ.

"މީގައި މި ވާ ގޮތަކީ ރާއްޖޭގައި ޕްރޮޑަކްޓް ހުއްޓަސް އޭތި މާކެޓް ކުރުމާއި އެހެން ވަރަށް ގިނަ މަސައްކަތް އެބަ ކުރޭ ރާއްޖެ އިން ބޭރުގައި. އެހެންވެ، ޕްރޮޑަކްޓްގެ ސީދާ އަގަކީ އެ ވިކޭ އަގު ކަމަށް ވެސް ބަލައިގެން ނުވާނެ،" ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ.

ހައްލު ކުރަން އުނދަގޫ މައްސަލައެއް

މީރާގެ ޗެއާޕާސަން އަހުމަދު ސަރުވަޝް ވިދާޅުވީ، ކަސްޓަމަރު ގަންނަ އަގާއި، ޓެކްސް ކުރާ އަގުގެ ތަފާތައް ހުރުމުގެ މައްސަލަ އަބަދުވެސް އޮންނަ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގައި މައްސަލަ ހުރި ނަމަވެސް ބައެއް ހާލަތްތަކުގައި އެކަން އެގޮތަށް ދިމާވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކީ ރިސޯޓެއް ހިންގުމުގެ ބޮޑު ދައުރެއް ބައެއް ކުންފުނިތަކުން އެހެން ގައުމުތަކުގައި ވެސް ތިބެގެން ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ވިޔަފާރީގައި ހުންނާނެ އެކި ފަންކްޝަންތައް. ރާއްޖޭގެ ފަންކްޝަނަކީ އެނދު ހުރުން. އެ ޕްރޮޑަކްޓް މިހުންނަނީ ރާއްޖޭގައި. އެކަމަކު ޕްރޮޑަކްޓުގެ ބައެއް ފަންކްޝަންތައް ހުރެދާނެ އެކި ދިމާލުތަކުގައި. އޭގެ މާކެޓިންނާއި ވިޔަފާރި ހިންގުމުގެ ހެޑްކުއާޓާ ހުރެދާނެ ސެންޓްރަލައިޒްކޮށް އެހެން ތަނެއްގައި. އަދި އެނދެއް މިތާ ހުއްޓެކޭ ކިޔައިފަ ނުވެއް ވިކޭނެ. އެ މާކެޓުކޮށް ބްރޭންޑް ވެލިއު އެއަށް އެޑްކޮށްގެން ވަރަށް ގިނަ މަސައްކަތުން އެ އެނދުގެ އަގު މިސާލަކަށް 1،000 ޑޮލަރަށް މިއަރުވަނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޓެކްސްގެ ނިޒާމުގެ ތެރެއިން މިފަދަ މައްސަލަތައް ދެނެގަތުމުގެ ގާބިލުކަން މީރާގެ އެބަހުރި ކަމަށެވެ. އެގޮތުން މިހާރު ވެސް އެންމެ ބޮޑެތި ޓެކްސް ޕޭޔަރުންގެ ތެރޭގައި ހިމެނޭ 200 ކުންފުނި ކޮންމެ އަހަރަކު އޮޑިޓް ކުރަމުން އަންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ގިނަ ކުންފުނިތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް. ރާއްޖެއަކީ ލަގްޒަރީ ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ގައުމެއް--

ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް. ރާއްޖެއަކީ ލަގްޒަރީ ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ ގައުމެއް--

މީރާއަށް ވަންނަ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ، އެ ކުންފުނިތައް އޮޑިޓް ކޮށްގެން، ދައުލަތުގެ ޓެކްސް އާމްދަނީ ބެލެހެއްޓޭނެ ނިޒާމެއް އެ އިދާރާގެ އެބައޮތެވެ.

"މި ބޮޑެތި ކުންފުނިތަކަކީ އާދައިގެ ކުންފުނިތަކެއް ނޫން. މަލްޓި ނެޝަލަން ކުންފުނިތައް މިއުޅެނީ. އެ މީހުންގެ ޓެކްސް ލޯޔަރުން ތިބޭ. ބައެއް ކޭސްތަކުގައި މީރާގެ ޓެކްނިކަލް ޕްރިންސިޕަލްތައް ގަބޫލުނުކުރާތީ ޓްރައިބިއުނަލަށް އަދި ކޯޓަށް ވެސް އެބަ މައްސަލަ ލާ،" އޭނާ ވިދާޅުވި އެވެ.

"މިއީ އެއްކޮށް އެލިމިޓޭޓް ކުރެވޭނެ މައްސަލައެކޭ ދުވަހަކު ވެސް ނުބުނެވޭނެ. ގާނޫނުތަކާއި ގަވައިދުތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް އެބަ ކުރަން. ޓެކްސް ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް އަދިވެސް އެބަހުރި. މިހާރު ވެސް ޖީއެސްޓީގެ އާ ގާނޫނެއް ވެސް މިދަނީ ލިޔަމުން."

ޓްރާންސްފާ ޕްރައިސިން ގަވައިދާއި އެޑްވާންސް ޕްރައިސިން އެގްރިމެންޓް ގަވައިދުގެ ތެރެއިން ވެސް މިކަހަލަ މަންފާ ހޯދާ ފަރާތްތައް މަދުކުރަން މިރާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އާ އުސޫލުތަކައި ގަވައިދުތައް ގެންނަ އިރު ރާއްޖެ އަށް ޓެކްސް ލިބޭ މިންވަރާއި، އޮޅުވާލުންތައް ހުރި ވަރު ދެނެގަތުމަށް ރަސްމީކޮށް އެކަމާ ގުޅޭ ދިރާސާއެއް އަދިއެއް ހެދިފައެއް ނެތެެވެ. އެހެންވެ، ލިބެންޖެހޭ ޓެކްސް އިން މަދުވާވަރެއް ކަނޑައެޅިފައެއް ނުވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކުން ބުނާ ގޮތަށް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ވެސް ދެކޭ ގޮތުގައި މިކަން އެއްކޮށް ހައްލު ކުރެވޭނެ ގޮތެއް ނެތެވެ. ސަބަބަކީ މިފަދަ އޮޅުވާލުންތައް އޮޅުވާލަނީ، ގާނޫނީ ގޮތުން ޑިއު ޕްރޮސެސް ފުރިހަމަކޮށްގެން ކަމަށްވާތީ އެވެ. އެހެން ނަމަވެސް މިއީ ނުވާ ކަމަކަށް ހަދައިގެން ބަލަން ތިބެވޭކަށް ވެސް ނެތެވެ. ޓޫރިޒަމް ދާއިރާއިން ޓެކްސް ދެއްކުމުގައި ގެންގުޅޭ އުކުޅުތައް ދެނެ ގަނެ، ގާނޫނުތަކަށް ބަދަލުތައް ގެނެސްގެން، ޓެކްސް ގާނޫނުގައި ހުރި "ބާގަނޑުތައް" ކުޑަ ކުރަން މަސައްކަތް ކުރަން ޖެހެ އެވެ.