Roadha Mihaaru
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"

ޖީއެސްޓީ ގާނޫނަށް ބަދަލު ގެންނަނީ ޓޫރިޒަމުން ގެއްލޭ ފައިދާ ގައުމަށް ހޯދަން: ފިނޭންސް މިނިސްޓްރީ

25 އޯގަސްޓް 2024

ޖީއެސްޓީގެ ގާނޫނަށް އަންނަ އަހަރު އިސްލާހު ގެންނަނީ ޓޫރިޒަމް ދާއިރާއިން ބޭރަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ބޭނުމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޖީއެސްޓީގެ ގާނޫނަށް އަންނަ އަހަރު އިސްލާހު ގެންނަނީ ޓޫރިޒަމް ދާއިރާއިން ބޭރަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ބޭނުމުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ، ޖީއެސްޓީ ދައްކާ އުސޫލު "ޑެސްޓިނޭޝަން ޕްރިންސިޕަލް" އަށް ބަދަލުކުރަނީ ރާއްޖެއަށް ލިބެންޖެހޭ އާމްދަނީ "ބޭރުވާ ދޮރުތައް" ބަންދުކޮށް ރާއްޖޭގައި ޓެކްސް ކުރުމުގެ ހައްގު ފުރިހަމައަށް ބޭނުން ކުރުމަށްޓަކައި ކަމަށެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް އަކީ، ޓެކްސް ނެގުމުން އެ އުފެއްދުމެއް ބޭނުންކުރާ ހިސާބަކުން ނެގުމެވެ. އޮންލައިންކޮށް ވިއްކާ މުދަލާއި ހިދުމަތުން ވެސް ޓެކްސް ނެގުމުގެ ބާރު ލިބޭނެ އެވެ.

މި އުސޫލަށް ބަދަލުކުރުމުގައި ކުރިން ބޮޑު ރޭޓުތަކުގައި އޮންލައިން ޓްރެވަލް އެޖެންޓުންނަށް ވިއްކާ އަގުތަކުން ވެސް ޓެކްސް ނަގަން ފަށާނެ އެވެ.

ފިނޭންސް މިނިސްޓްރީގެ ފަންނީ އޮފިޝަލަކު ވިދާޅުވީ، ރިސޯޓުން އެޖެންޓުންނަށް ކޮޓަރި ވިއްކާ އަގާއި އެޖެންޓުން މެދުވެރިކޮށް، ޓޫރިސްޓުންނަށް ކޮޓަރި ވިއްކާ އަގުތަކުގައި ތަފާތު ގެނައުމަކީ، ރާއްޖޭގެ ގިނަ ރިސޯޓުތަކުން އަމަލުކުރާ ގޮތް ކަމަށެވެ.

މިސާލަކަށް، ރާއްޖޭގެ ފަސްތަރީގެ ރިސޯޓަކުން ބޭރުގެ އެޖެންޓަށް ކޮޓަރި ވިއްކަނީ 500 ޑޮލަރަށެވެ. އެކަމަކު އެޖެންޓް އެ ރޫމް ވިއްކީ 1،750 ޑޮލަރަށެވެ. އެހެން ހެދުމުން މީރާ އަށް އެ ކޮޓަރިން ޓެކްސްގެ ގޮތުގައި ލިބޭނީ އެންމެ 80 ޑޮލަރެވެ. ނަމަވެސް، އެ ކޮޓަރި އެޖެންޓު މެދުވެރިނުކޮށް ރިސޯޓުން 1،750 ޑޮލަރަށް ވިއްކި ނަމަ މީރާ އަށް ޓީޖީއެސްޓީގެ ގޮތުގައި 280 ޑޮލަރު ވަންނާނެ އެވެ. އެޖެންޓު މެދުވެރިވެގެން ކޮޓަރި ވިއްކުމުން ދައުލަތަށް ޓެކްސްގެ ގޮތުގައި އެ ގެއްލެނީ ގާތްގަނޑަކަށް 70 ޕަސެންޓެވެ.

ޑެސްޓިނޭޝަން ޕްރިންސިޕަލް އުސޫލުން ޓެކްސް ދައްކާ ގޮތަށް ހެދުމުން އާންމުން ބޭނުންކުރާ ބައެއް އޮންލައިން ޕްލެޓްފޯމުތަކުން ވެސް ރާއްޖެ އަށް ޓެކްސް އާމްދަނީ ލިބުމުގެ ފުރުސަތު ލިބޭނެ އެވެ. އޮންލައިން ވިޔަފާރި ކުރާ ޝީން އާއި އެމެޒޮން ފަދަ ތަންތަނުން ވެސް ތަކެތި ގެނެސް އެއިން ވިޔަފާރިކުރާ މީހުން ވެސް ދެން ޖެހޭނީ ޖީއެސްޓީ ދައްކައިގެން ތަކެތި ވިއްކާށެވެ.

މި އުސޫލުގެ ދަށުން ސްރީ ލަންކާ، އޮސްޓްރޭލިއާ، ކެނެޑާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުން ވެސް އަންނަނީ ޖީއެސްޓީ ނަގަމުންނެވެ.

މި އުސޫލުން ޓެކްސް ނެގުމަށް ސަރުކާރުން ޕްލޭންކުރަނީ އަންނަ އަހަރުގެ މެދުތެރެއިން ފެށިގެންނެވެ.

ޓެކްސް ބޭސް ބޮޑުކޮށް އާމްދަނީ އިތުރުކުރަން ޕްލޭންތައް ރާވާފައި ހުރި އިރު އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑުކުރުމަށް ވެސް ސަރުކާރުން ވަނީ ޕްލޭންކޮށްފަ އެވެ.

މެދުރާސްތާ ދަރަނީގެ ސްޓްރެޓަޖީގެ ބަޔާނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވީ ދައުލަތް ބަނގުރޫޓު ނުވެ، އެ ދަރަނިތައް އަނބުރާ ދައްކަން މަގުފަހި ކުރުމަށް އާމްދަނީ ހޯދުމުގެ ސިޔާސަތުތަކަށް ބައެއް ބަދަލުތައް ގެންނަން ރާވާފައިވާ ކަމަށެވެ. އާމްދަނީ އިތުރު ކުރުމަށް ކުރަން ރާވާފައިވާ މަސައްކަތުގެ އިތުރުން ސަރުކާރުގެ ބައެއް ހަރަދުތައް ކުޑަ ކުރުމަށް ވެސް މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.