06 ޖެނުއަރީ 2025
ޓެކްސް އާމްދަނީ އަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް އެކި ސަބަބުތަކާ ހެދި، އެކި ދާއިރާތަކުން ބޮޑެތި ލުއިތަކެއް ދަނީ ދެމުންނެވެ. މިއީ ހަމައެކަނި ރާއްޖޭގައި އެކަން ކުރާ ގޮތެއް ނޫނެވެ. ހުރިހާ ގައުމެއްގައިހެން މިކަން ކުރެ އެވެ. އާންމުކޮށް އެފަދަ ލުއިތައް ދެނީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތުތައް ފަހިކުރުމާއި ގައުމަށް އެންމެ ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް ވިޔަފާރިތަކުގެ ޝައުގުވެރިކަން އިތުރު ކުރުމަށެވެ.
ޓެކްސް އާމްދަނީ އަށް ވަކި އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް އެކި ސަބަބުތަކާ ހެދި، އެކި ދާއިރާތަކުން ބޮޑެތި ލުއިތަކެއް ދަނީ ދެމުންނެވެ. މިއީ ހަމައެކަނި ރާއްޖޭގައި އެކަން ކުރާ ގޮތެއް ނޫނެވެ. ހުރިހާ ގައުމެއްގައިހެން މިކަން ކުރެ އެވެ. އާންމުކޮށް އެފަދަ ލުއިތައް ދެނީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތުތައް ފަހިކުރުމާއި ގައުމަށް އެންމެ ބޭނުންވާ ހިދުމަތްތައް ފުޅާކުރުމަށް ވިޔަފާރިތަކުގެ ޝައުގުވެރިކަން އިތުރު ކުރުމަށެވެ.
އެކަމަކު ފިނޭންސް މިނިސްޓްރީން އާންމުކުރި ޓެކްސްގެ ލުއިތަކާ ގުޅޭ ރިފޯޓުގައި، މިދިޔަ ފަސް އަހަރު އެކި ދާއިރާތަކުން ދިން ލުއިތަކާ ހެދި އެވްރެޖުކޮށް އަހަރަކު ފަސް ބިލިއަން ރުފިޔާ ޓެކްސް އިން ގެއްލިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެއީ ފަސް އަހަރަށް ބަލާއިރު 26 ބިލިއަން ރުފިޔާ އެވެ. އެހާ ބޮޑު އަދަދެއް ގެއްލިފައިވަނީ ކޮން ދާއިރާތަކަކުން ހެއްޔެވެ؟ އެންމެ ބޮޑު ލުއިތަކެއް ދައުލަތުން ދެނީ ކޮން ޓެކްސްތަކަކުން ހެއްޔެވެ؟
ޓެކްސްއާ ގުޅޭ އެ ރިޕޯޓުގައި އިމްޕޯޓު ޑިއުޓީ އާއި ޖީއެސްޓީ އާއި އިންކަމް ޓެކްސް އަދި ރިސޯޓު ކުލީގެ ތެރެއިން ދޭ ލުއިތަކުގެ ސަބަބުން ޓެކްސް އިން ގެއްލޭ އަދަދުތަކުގެ ތަފްސީލު ހާމަކޮށްފައިވެ އެވެ.
ޓެކްސް ދެއްކުމުގައި ދޭ ލުއިތަކުގެ ސަބަބުން 2023 ވަނަ އަހަރު އަށް ބިލިއަން ގެއްލިފައިވޭ. -- ފޮޓޯ: މިހާރު
އިމްޕޯޓު ޑިއުޓީން ދައުލަތުގެ އާމްދަނީ އަށް ބޮޑު އަދަދެއް ކޮންމެ އަހަރަކު ވެސް ލިބެ އެވެ. މިދިޔަ އަހަރު ވެސް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ޖުމްލަ ޓެކްސް އާމްދަނީގެ 10 ޕަސެންޓެވެ.
އިމްޕޯޓު ޑިއުޓީން ދިން ލުއިތަކާ އެކު 2023 ވަނަ އަހަރު ވަނީ 1.6 ބިލިއަން ރުފިޔާ ގެއްލިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ގެއްލިފައިވަނީ ސަރުކާރުގެ އިދާރާތަކުން އެތެރެކުރާ ބާވަތްތަކާ ދޭ ލުއިތަކުންނެވެ. އެ އިދާރާތަކުން އެތެރެކުރާ ބާވަތްތަކުން އެއް ބިލިއަން ރުފިޔާ ގެއްލުނެވެ.
އިމްޕޯޓު ޑިއުޓީން ދިން ލުއިތަކާ އެކު 2023 ވަނަ އަހަރު 1.6 ބިލިއަން ރުފިޔާ ގެއްލިފައިވޭ -- ފޮޓޯ: މިހާރު
ރީޖަނަލް ޕޯޓުތަކަށް އިމްޕޯޓު ކުރުމުން ދޭ ލުއިތަކާ ގުޅިގެން އިމްޕޯޓު ޑިއުޓީން 296 މިލިއަން ރުފިޔާ ގެއްލުނު އިރު ބޭރުގެ އިންވެސްޓްމެންޓްތަކަށް ބޭނުންވާ ތަކެތި އެތެރެ ކުރުމުން ނަގާ ޑިއުޓީން 249 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.
އިމްޕޯޓު ޑިއުޓީން ދޭ ލުއިތަކާ ގުޅިގެން މިދިޔަ ފަސް އަހަރުތެރޭ ވަނީ ޓެކްސް އިން ގެއްލޭ އަދަދު 70 ޕަސެންޓު އިތުރު ވެފަ އެވެ. އިމްޕޯޓު ޑިއުޓީން 2019 ވަނަ އަހަރު ލުއިތަކުގެ ސަބަބުން ގެއްލުނީ 463 މިލިއަން ރުފިޔާ އެވެ. އެކަމަކު 2023 ވަނަ އަހަރު އެ އަދަދު ވަނީ 1.6 ބިލިއަނަށް އިތުރުވެފަ އެވެ.
ޖީއެސްޓީން ދޭ ލުއިތަކުން އެންމެ ބޮޑު ފައިދާއެއް ކުރަނީ ކޮންސްޓްރަކްޝަން ވިޔަފާރިކުރާ ފަރާތްތަކަށެވެ. ރިޕޯޓުގައިވާ ގޮތުން، ޓެކްސްތަކާ ހެދި 2023 ވަނަ އަހަރު 1.2 ބިލިއަން ރުފިޔާ ކޮންސްޓްރަކްޝަން ދާއިރާއިން ލުއިކޮށްދީފައިވެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ 44 ޕަސެންޓު އިތުރު އަދަދެކެވެ. އެ އަހަރު ކޮންސްޓްރަކްޝަން ދާއިރާއިން ލުއިކޮށްދީގެން ގެއްލިފައިވަނީ 503 މިލިއަން ރުފިޔާ އެވެ.
ޓެކްސްގެ ލުއިތައް ދެން އެންމެ ބޮޑަށް ދީފައިވަނީ މާލީ ދާއިރާއާ ގުޅޭ ހިދުމަތްތަކަށެވެ. އެ ހިދުމަތްތަކުން ޓެކްސްގެ ލުއިތައް ލިބިގެން 2023 ވަނަ އަހަރު ދައުލަތަށް 890 މިލިއަން ރުފިޔާ ގެއްލުނެވެ. އެ އަދަދު 2022 ވަނަ އަހަރު ހުރީ 568 މިލިއަން ރުފިޔާގަ އެވެ. އެހެންވެ 2023 ވަނަ އަހަރު މާލީ ދާއިރާގެ ހިދުމަތްތަކުން ލުއިކޮށްދިން ޓެކްސްގެ އަދަދު ވަނީ 64 ޕަސެންޓު އިތުރުވެފަ އެވެ.
ޓެކްސްތަކުން ލުއިތައް ދިނުމުން ކޮންމެ އަހަރަކު ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ބޮޑު ބައެއް ގެއްލޭ. -- ފޮޓޯ: މިހާރު
ޓެކްސް އިން އެ ދާއިރާތަކުން ގެއްލުނު އަދަދު 2023 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 50 ޕަސެންޓު އިތުރުވެފަ އެވެ. އެ ދެ އަހަރު ޓެކްސް އެކްސްޕެންޑިޗާ ނުވަތަ އެކި ލުއިތަކާ ހެދި ޓެކްސް އިން ގެއްލޭ އަދަދު އެހާ ބޮޑަށް އިތުރުވީ، އެ އަހަރު ޖީއެސްޓީއަށް ގެންނަ ބަދަލާ ގުޅިގެންނެވެ.
ޖީއެސްޓީން ދޭ ލުއިތަކުން ވިޔަފާރިތަކުން ފައިދާ ހޯދާ ވަރު އިތުރުވި ނަމަވެސް، އިންކަމް ޓެކްސް އިން ދޭ ލުއިތަކުން ދައުލަތަށް ގެއްލޭ އަދަދު ވަނީ ދަށްވެފަ އެވެ. އިންކަމް ޓެކްސް އިން ގެއްލޭ އަދަދު ލުއިވި އެއް ސަބަބަކީ، 2023 ވަނަ އަހަރު ޓެކްސް ފައިލް ކުރި މީހުންގެ އަދަދު 2،581 އިން 2،300 އަށް ދަށްވުމުން ކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ އަހަރު ލުއިތައް ހޯދި ފަރާތްތަކުގެ އަދަދު ވެސް އިތުރު ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ޓޫރިޒަމް ދާއިރާއިން އެންމެ ބޮޑު ލުޔެއް ހޯދަނީ ޓޫރިޒަމް ލޭންޑް ރެންޓް ނުވަތަ ރިސޯޓު ކުލިންނެވެ. ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުން 2023 ވަނަ އަހަރު ރިސޯޓު ކުލިން ލުއި ދިން އަދަދު 617 މިލިއަން ރުފިޔާއަށް އަރަ އެވެ.
މިރާގެ އިދާރާއަށް މީހަކު ވަންނަނީ. ފިނޭންސް ގެ ހިސާބުތަކުން ދައްކާ ގޮތުން 2023 ވަނަ އަހަރު ރިސޯޓު ކުލިން ލުއި ދިން އަދަދު 617 މިލިއަން ރުފިޔާއަށް އަރާ -- ފޮޓޯ: މިހާރު
އެ ދިން ލުއިތަކާ ގުޅިގެން އެ އަހަރު ދައުލަތަށް ރިސޯޓު ކުލިން ވަނީ 421 މިލިއަން ރުފިޔާ ގެއްލިފަ އެވެ. އެއީ 2022 ވަނަ އަހަރު ވެސް އެ އަދަދު ހުރިވަރެވެ. އެކަމަކު 2023 ވަނަ އަހަރު 2021 ވަނަ އަހަރަށް ވުރެ 13 ޕަސެންޓު ރިސޯޓު ކުލިން ދައުލަތަށް ގެއްލުނު ފައިސާ ވަނީ އިތުރުވެފަ އެވެ.
ޓެކްސް އިން ދޭ ލުއިތަކާ ގުޅިގެން 2023 ވަނަ އެކި ދާއިރާތަކުން ޖުމްލަ 8.1 ބިލިއަން ރުފިޔާ ގެއްލުނު ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ގާތްގަނޑަކަށް ތިން ބިލިއަން އިތުރު އަދަދެކެވެ. އެއް އަހަރުން އަނެއް އަހަރަށް ދޭ ލުއިތަކުގެ ތެރެއިން ޓެކްސް އިން ބޮޑު އަދަދެއް ގެއްލޭ އިރު، އެކަމަށް ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކުލަވައިލުމުގައި ވިސްނަން ޖެހެ އެވެ.
ޓެކްސް އިން ލުއިތައް ދިން ނަމަވެސް އެފަދަ ލުއިތައް ދޭ އިރު ވިޔަފާރިތައް ނާޖައިޒް ފައިދާ ހޯދޭނެ ގޮތްތައް ވެސް ބަންދު ކުރުން ވަރަށް މުހިއްމެވެ. އަދި މިފަދަ ލުއިތައް ދިނުމުގައި މުޅި ނިޒާމަށް އެންމެ ފައިދާ ހުރި ގޮތްތައް ހޯދަން ޖެހެ އެވެ.
"ގާނޫން ބަދަލުކުރަނީ ޓޫރިޒަމުން ގެއްލޭ ފައިސާހޯދަން"
މީރާގެ ދައުރު ކުޑަކުރަން އެކްޝަން ޕްލޭންގައި ހިމަނައިފި
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ސަރުކާރުން ޓެކްސް ރޭޓުތައް މުރާޖައާ ކުރަނީ
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
ޓެކްސް ނުދައްކާ 34، ބަޔާން ހުށަނާޅާ 179 ކުންފުނި