Roadha Mihaaru
ނަފްސާނީ ކްލިނިކްތަކަށް ދަތިވާ ކަންކަން އިސްލާހުކުރަނީ

ނަފްސާނީ ބަލީގެ ކްލިނިކްތަކަށް ދަތިވާ ކަންކަން އިސްލާހުކުރަނީ

12 ޖޫން 2016

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް ހިންގުމުގައި ހުރި ދަތިތައް އޮޅުން ފިލައި އެކަން ހައްލުކޮށް ދިނުމުގެ މަސައްކަތް ހެލްތު މިނިސްޓްރީގެ އެލައިޑް ހެލްތު ކައުންސިލުން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކްތައް ހިންގުމުގައި ހުރި ދަތިތައް އޮޅުން ފިލައި އެކަން ހައްލުކޮށް ދިނުމުގެ މަސައްކަތް ހެލްތު މިނިސްޓްރީގެ އެލައިޑް ހެލްތު ކައުންސިލުން ފަށައިފި އެވެ.

ހެލްތު ކައުންސިލްގެ ރައީސް ނަޔާޒް އަހުމަދު މިއަދު ވިދާޅުވި ގޮތުގައި ކްލިނިކްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ސައިކޮލަޖިސްޓުންނަށް ވުރެ ދަށް ފަންތީގެ މީހުންނަށް މަސައްކަތް ނުކުރެވުމެވެ.

ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭ ގަވާއިދު މިހާރު އޮތް ގޮތުން އާދައިގެ މީހުންނަށް އެ މަސައްކަތެއް ނުކުރެވޭނެ އެވެ.

އެހެންވެ އެ ގަވާއިދުގެ ސަބަބުން މޯލްޑިވްސް އިންސްޓިޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސް ޓްރެއިނިން އެންޑް ރިސާޗް (މިޕްސްޓާ) އާއި އިންސްޓިޓިއުޓް ފޯ ކައުންސެލިން އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިން ދެމުން އަންނަ ހިދުމަތްތައް ގާތްގަނޑަކަށް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެކަމަކު އެ އެލައިޑް ކައުންސިލުން ވަނީ މި ދެ ކްލިނިކްގެ އިސްވެރިންނާ ބައްދަލުކޮށް އެބޭފުޅުންގެ ޝަކުވާ އަޑުއަހައިފަ އެވެ.

ނަޔާޒް ވިދާޅުވި ގޮތުގައި ސައިކޮލަޖިސްޓުންނަށް ވުރެ ދަށް ފަންތީގެ މީހުންނަށް މަސައްކަތް ކުރެވޭނެ ގޮތް ހެދުމަށް ކައުންސިލުން މިހާރު ވަނީ ނިންމައިފަ އެވެ. އެކަމަކު އެމީހުންގެ ޝަރުތުތަކާއި ކްރައިޓީރިއާއާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާ. -- މިހާރު ފޮޓޯ: ނިޝާން އަލީ

ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކެއް ކަމަށްވާ މިޕްސްޓާ. -- މިހާރު ފޮޓޯ: ނިޝާން އަލީ

"އަޅުގަނޑުމެން އަބަދު މިކިޔަނީ ސައިކޮލޮޖިސްޓުންނަށް ވެވޭނީ މާސްޓާސް އޮވެގެން ކަމަށް. އެކަމަކު އެސިސްޓަންޓް ސައިކޮލޮޖިސްޓުން، ސައިކޮލޮޖިސްޓް ޓްރެއިނީ ފަދަ ނަމުގައި އެއަށް ވުރެ ދަށް މީހުންނަށް މަސައްކަތް ކުރެވޭ ގޮތަށް ހަދަން މިއުޅެނީ،" ނަޔާޒް ވިދާޅުވި އެވެ.

އެލައިޑް ހެލްތު ކައުންސިލްގައި "ސައިކޮލޮޖިސްޓް" އެއްގޮތުގައި ރަޖިސްޓްރީކޮށްދޭ ޝަރުތުތަކުގެ ތެރޭގައި ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތުމާއި ސައިކޮލޮޖީގެ ރޮނގުން ކިޔެވި ދާއިރާއަކުން މާސްޓާސް ޑިގްރީއެއް އޮތުން ފަދަ ކަންކަން ހިމެނެ އެވެ. ސައިކޮލޮޖިސްޓެއްގެ ގޮތުގައި ރަޖިސްޓަރީ ވެވޭނީ، ގަވާއިދު ބުނާ ގޮތުން، އެ ދާއިރާއާ ގުޅުން ހުރި ރޮނގަކުން ބެޗެލާސް ޑިގްރީއެއް އޮތުމާއި ބިހޭވިއަރަލް އެނަލިސިސް އިން މާސްޓާސް ޑިގްރީ އޮތުމުގެ އިތުރުން 500 ގަޑިއިރުގެ ކްލިނިކަލް ތަޖުރިބާ ހުރެގެންނެވެ.

މީގެ ކުރިން އޮތް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ވެގެން 1 އޭޕްރީލާއާ ހަމައަށް މަސައްކަތް ކުރާ މީހުންގެ ތެރެއިން ސައިކޮލޮޖީ އިން ބެޗްލާސް ޑިގްރީއެއް އޮތް މީހުންނަށް ދެ އަހަރު ދުވަހުގެ ވަގުތީ ރެޖިސްޓްރޭޝަނެއް ސައިކޮލޮޖިސްޓްސް އެސިސްޓެންޓްގެ ނަމުގައި ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެ މީހުންނަށް ކިޔާނެ ނަމަކާއި، މިނިމަމް ކޮލިފިކޭޝަން، ސްކޯޕް އޮފް ޕްރެކްޓިކްސް ފަދަ ތަކެތި ހެދުމުގެ މަސައްކަތް ކުރަމުން މިދަނީ: ނަޔާޒް

ރަޖިސްޓްރޭޝަނާއި ލައިސަންސަށް އެދި މި އަހަރުގެ ފެބްރުއަރީ 13 ގެ ކުރިން ހުށަހެޅި ހުރިހާ މީހުންނަށް މިހާރެކޭ އެއްގޮތަށް މަސައްކަތް ކުރުމަކީ ހުއްދަ ކަމެކެވެ. މި ތާރީހުގެ ފަހުން ރެޖިސްޓްރޭޝަން އަދި ލައިސަންސިންގް ހުށަހަޅާ ފަރާތްތަކަށް މަސައްކަތް ކުރެވޭނީ ލައިސަންސް ލިބުމަށްފަ އެވެ.

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 91 އަދި 92 ގައިވާ ގޮތުން އެލައިޑް ހެލްތު ޕްރޮފެޝަނަލަކު، އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީނުކޮށް އަދި ލައިސަންސް ނެތި ރާއްޖޭގައި މަސައްކަތް ކުރުމަކީ ކުށެކެވެ. މިކުށުގެ އަދަބަކީ ގިނަވެގެން 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.

ބިހޭވިއަރަލް ސައިންސްގެ ސައިކޮލޮޖީގެ ދާއިރާތަކާއި ސައިކޮލޮޖިސްޓުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭ ގަވާއިދަށް ބަދަލު ގެނެސްފި ނަމަ ދަތިކަމެއް ނެތި ހިދުމަތް ދެވޭނެ ކަމަށް ދެ ކްލިނިކުން ބުނެ އެވެ. އެ ދެ ކްލިނިކުން ނަފްސާނީ ބަލިތަކަށް ފަރުވާކުރަމުން އަންނަ 3000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި އެމީހުންނަށް ފަރުވާދޭން 30 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.