Roadha Mihaaru
ޑރ. ނާޒްގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ

ޑރ. ނާޒްގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި

30 އޮކްޓޯބަރ 2022

ނަފުސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 22 އަހަރު ވެފައިވާ ޑރ. އައިޝަތު އަލީ ނާޒްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ނަފުސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތްކުރައްވާތާ 22 އަހަރު ވެފައިވާ ޑރ. އައިޝަތު އަލީ ނާޒްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

ޑރ. ނާޒްގެ ގާތުން ފަރުވާ ހޯދި ބައެއް މީހުން އޭނާގެ މައްޗަށް ވަނީ ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ.

ނާޒް އާއި އޭނާ ހިންގަވާ ނަފުސާނީ ފަރުވާދޭ ކްލިނިކް، މިޕްސްޓާއިން ފަރުވާ ހޯދި ބައެއް ކަސްޓަމަރުންނަށް ފަރުވާދިނުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށާއި ބަލި މީހުން ނުބައިކޮށް ޑައިގްނޯސްކުރުމާއި އެ ކްލިނިކުގައި ކަމުގެ ތަޖުރިބާ ނެތް މީހުން ލައްވާ މަސައްކަތް ކުރުވާ ކަމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ.

އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ "މިހާރު" އަށް ވިދާޅުވީ މިނިސްޓްރީ އަށް އެއްވެސް ފަރާތަކުން އެ މައްސަލަ ހުށަހަޅާފައި ނުވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކާ ގުޅިގެން މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްފައި ވާތީ އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނާޒް އާއި މިޕްސްޓާއާ ގުޅޭގޮތުން ބައެއް މީހުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވާހަކަތަކުގެ ތެރޭގައި މިއީ މާކުރިން ފެށިގެން ހިނގަމުން އަންނަ ކަންކަން ކަމަށް ބުނެފައިވެ އެވެ.

އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ އަށް ފަހު، ނާޒު ގާތުން ޕީޓީއެސްޑީ އަށް ފަރުވާ ހޯދި މީހަކަށް އޭނާ ވަރަށް އިހާނެތިކޮށް ކަންތައް ކުރެއްވި ކަމަށާއި މިޕްސްޓާއިން މީހުން ރަނގަޅަށް ޑައިގްނޯސް ނުކޮށްދޭ ކަމަށް ވަރަށް ގިނަ މީހުން މެސެޖުތަކުގައި ބުނެފައި ހުއްޓެވެ.

އަދި ދެން އެންމެ ގިނައިން ހުރީ މަސައްކަތް ކުރުވާފައި މީހުންނަށް މުސާރަ ނުދީ ހުރި ކަމަށް ބުނާ ތުހުމަތުތަކެކެވެ.

ނަމަވެސް އެ ތުހުމަތުތަކަށް ނާޒު އިންކާރު ކުރައްވަ އެވެ.

ނާޒު "މިހާރު" އަށް ވިދާޅުވެފައި ވަނީ މި ދާއިރާގައި އޭނާ މަސައްކަތް ކުރައްވަން ފެއްޓެވީއްސުރެ، އަދިވެސް އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އޭނާގެ ކްލައިންޓުންނަށް ކަމަށެވެ. އަދި އޭނާގެ ފަރާތުން ގޯހެއް ހެދިފައި އޮވެއްޖެ ނަމަ، ސޯޝަލް މީޑިއާގައި އެ ވާހަކަދެއްކުމުގެ ބަދަލުގައި ކަމާބެހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅަން އެދޭ ކަމަށް ނާޒް ވިދާޅުވި އެވެ.

ނާޒް ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި އެ މައްސަލަ ތިލަކޮށްގެން އުޅުނު ނަމަވެސް، އެއްވެސް ކްލައިންޓަކު އޭނާ އަށް ނުވަތަ މިޕްސްޓާ އަށް ވެސް އެކަމާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައެއް ނުވެ އެވެ.