Roadha Mihaaru
ނަފްސާނީ ފުރަތަމަ އެހީ ދޭން ހެލްޕްލައިންގެ ހިދުމަތް

ނަފްސާނީ ފުރަތަމަ އެހީ ދިނުމަށް ހެލްޕްލައިންގެ ހިދުމަތް ފަށައިފި

21 ފެބުރުއަރީ 2024

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްޕްލައިންގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، 24 ގަޑިއިރު އެހީތެރިކަން ލިބޭ 1677 ހެލްޕްލައިން ތައާރަފްކޮށްދެއްވީ ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މިނިސްޓްރީން ބުނީ އެ ހެލްޕްލައިންގެ މަގުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމާއި ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިވާ މީހުންނަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދީ ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުން ކަމަށެވެ.

އޭގެ އިތުރުން، ނަފްސާނީ އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެފަދަ އުނދަގޫ އިހުސާސްތައް ކުރިމަތިވާ ދަނޑިވަޅެއްގައި އެ މީހުންނަށް ސައިކޯ ސޯޝަލް ސަޕޯޓުގެ އެހީތެރިކަން ފޯރުކޮށްދީ، ވާހަކަތައް ހިއްސާކުރެވޭނެ ފަދަ މާހައުލެއް ގާއިމްކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ހެލްޕްލައިނުން ނަފްސާނީ ފުރަތަމަ އެހީ ހުރިހާ އުމުރަކަށް ވެސް ފޯރުކޮށްދޭނެ އެވެ. ނަފްސާނީ ފުރަތަމަ އެހީގެ އިތުރުން އެ ފަދަ ހިދުމަތްތަކަށް ހަދާފައިވާ އުސޫލުތަކުގެ ތެރެއިން ރެފަރަލް ހަދައިދޭނެ ކަމަށް ބުންޏެވެ.

ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހަފުތާ 14 ގައި ހިމެނޭ ކަމެކެވެ.

​ސްކޫލް ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ވެސް ހެލްޕްލައިންގެ ހިދުމަތް ފެށި އެވެ. އެކަމަކު، އެ ހެލްޕްލައިންގެ ހިދުމަތް ދެމުން އަންނަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މެންދުރުފަހު 3:00 އިން ރޭގަނޑު 9:00 އަށެވެ.