Roadha Mihaaru
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ

ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، މެންޓަލް ހެލްތު ހޮސްޕިޓަލް ލ. ގަމަށް

26 ޑިސެމްބަރ 2023

ލ. ގަމުގައި އިމާރާތްކުރަމން ނިންމި ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، އެ ރަށުގައި މެންޓަލް ހެލްތު ހޮސްޕިޓަލް ހަދަން ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމުގައި އިމާރާތްކުރަމން ނިންމި ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، އެ ރަށުގައި މެންޓަލް ހެލްތު ހޮސްޕިޓަލް ހަދަން ސަރުކާރުން ނިންމައިފި އެވެ.

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިއްޔެ "މިހާރު" އަށް ވިދާޅުވީ، ޓާޝަރީ ފަރުވާ ނުލިބޭތީ ތަނެއްގައި، ކެންސަރު ހޮސްޕިޓަލެއް އިމާރާތް ކުރަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ފަންނީ ބޭފުޅުން ވެސް ގަބޫލު ކުރައްވަނީ، ވަސީލަތްތައް ފުރިހަމަވެފައި ނެތް ތަނެއްގައި އެފަދަ ހޮސްޕިޓަލެއް ހަދައިފި ނަމަ ބަލި މީހުންނަށް ބައިވަރު ތަކުލީފުތައް ކުރިމަތިވެދާނެ ކަމެއް ކަމަށް ހަލީލް ވިދާޅުވި އެވެ.

އެ ސަބަބުތަކާ ހެދި، ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އެ ތަން ހަދާނެ ވަކި ސަރަހައްދެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހާއްސަ ހޮސްޕިޓަލެއް އެ ރަށުގައި އެޅުން މުހިއްމު ވެގެން ދަނީ. ގަމުގައި ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި މި ދަނީ މެންޓަލް ހޮސްޕިޓަލަކަށް. މެންޓަލް ހޮސްޕިޓަލެއްގައި މީގައި މާލެ ސަރަހައްދަށް ވުރެ ރަނގަޅު ފަރުވާއެއް މި ލިބެނީ އަތޮޅުތަކުން. އެއީ ގުދުރަތީ ޖައްވު ސާފުވުމާއި ގްރީނަރީއާ، މި ހުރިހާ ކަމަކީ މި ކަހަލަ ފަރުވާއަކަށް މުހިއްމު ކަންތައްތައް.-- ހަލީލް ވިދާޅުވި އެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ކަނޑައަޅައި، އެކަމުގެ ދިރާސާތައް ނިންމައިފަ އެވެ. ނަމަވެސް، އޭގެ މަސައްކަތްތައް ފެށިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެ އަދި މިދިޔަ ނޮވެމްބަރު 17 ގައި އެ ވެރިކަން ނިމުނުއިރު ވެސް އަމަލީ އެއްވެސް ކަމެއް ނުކުރެވުނެވެ.

ހަލީލް ވިދާޅުވީ، ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކޮށް، މެންޓަލް ހެލްތު ސެންޓަރު އަޅާނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ގަމުގައި ކަމަށެވެ.

ސަރުކާރުގެ މި ނިންމުމާއެކު، ކެންސަރު ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ ދުބާއީގެ ފަންޑެއްގެ ތެރެއިންނެވެ. އިންޑިއާ ސަރުކާރުގެ އެ ލޯނު، އެހެން ގޮތަކަށް ބޭނުންކުރުމުގެ މަޝްވަރާތައް އެ ގައުމާއެކު ކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ހަލީލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"ހާއްސަ ހޮސްޕިޓަލެއް އެ ރަށުގައި އެޅުން މުހިއްމު ވެގެން ދަނީ. ގަމުގައި ކެންސަރު ހޮސްޕިޓަލްގެ ބަދަލުގައި މި ދަނީ މެންޓަލް ހޮސްޕިޓަލަކަށް. މެންޓަލް ހޮސްޕިޓަލެއްގައި މީގައި މާލެ ސަރަހައްދަށް ވުރެ ރަނގަޅު ފަރުވާއެއް މި ލިބެނީ އަތޮޅުތަކުން. އެއީ ގުދުރަތީ ޖައްވު ސާފުވުމާއި ގްރީނަރީއާ، މި ހުރިހާ ކަމަކީ މި ކަހަލަ ފަރުވާއަކަށް މުހިއްމު ކަންތައްތައް." ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަފުސާނީ މައްސަލައަށް ފަރުވާ ހޯދާއިރު، މާލެ ކަހަލަ ކޮންސްޓްރަކްޝަން ސައިޓެއްގައި އުޅުމަށް ވުރެ، މީހާގެ ހާލަތަށް ބަދަލެއް އަންނާނީ ގަން ކަހަލަ ޖާގަ ތަނަވަސް، މުސްތަގުބަލް އޮތް ރަށެއްގައި އެކަން ކޮށްގެން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައީސް އޮފީހުން އޭރު ބުނީ ކެންސަރު ހޮސްޕިޓަލް އިމާރާތްކުރަން ރާއްޖޭގެ އެންމެ ބޮޑު ރަށުން 20،000 އަކަފޫޓުގެ ބޮޑު ބިމަކާއެކު (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. އެ މަސައްކަތްތައް ފަށާނެ އެކި ތާރީހުތައް ވެސް ދިނެވެ.

ކެންސަރު ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން މުޅިން ވެސް ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.