Roadha Mihaaru
ނަފްސާނީ ބަލީގެ ކެމްޕޭނަށް މިވީ "ކިހިނެއް"؟

ނަފްސާނީ ބަލީގެ ގައުމީ ކެމްޕޭނަށް މިވީ "ކިހިނެއް"؟

15 ޖޫން 2023

ހއ. ވަށަފަރު ކައުންސިލްގެ ރައީސް އަހުމަދު މުއީންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ރަށުގައި އާއްމުންގެ ތެރޭގައި ނަފްސާނީ މައްސަލަ ބޮޑުވިއަސް، ކައިރި ހިސާބަކުން ފަރުވާ ލިބޭނެ ގޮތެއް ނެތުމެވެ. އެ އަތޮޅުގެ އަތޮޅު ވެރިކަން ކުރާ ރަށް، ދިއްދޫ އަދި އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް ނަފްސާނީ މައްސަލަތަކަށް ފަރުވާ ނުލިބުމުގެ ބުރަ އުފުލަނީ، 400 އެއްހާ މީހުން ދިރިއުޅޭ މި ކުޑަ ރަށުންނެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހއ. ވަށަފަރު ކައުންސިލްގެ ރައީސް އަހުމަދު މުއީންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސްކޫލުގައި ކިޔަވާ ދަރިވަރުންނާއި ރަށުގައި އާއްމުންގެ ތެރޭގައި ނަފްސާނީ މައްސަލަ ބޮޑުވިއަސް، ކައިރި ހިސާބަކުން ފަރުވާ ލިބޭނެ ގޮތެއް ނެތުމެވެ. އެ އަތޮޅުގެ އަތޮޅު ވެރިކަން ކުރާ ރަށް، ދިއްދޫ އަދި އެ ސަރަހައްދުގެ ރީޖަނަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް ނަފްސާނީ މައްސަލަތަކަށް ފަރުވާ ނުލިބުމުގެ ބުރަ އުފުލަނީ، 400 އެއްހާ މީހުން ދިރިއުޅޭ މި ކުޑަ ރަށުންނެވެ.

އެ ރަށުގެ ނިސްބަތަށް ބަލާއިރު ވެސް ނަފްސާނީ ބަލީގެ ގިނަ ބަޔަކު އެބަތިއްބެވެ. ކޮންމެ ތިން މަހަކުން ނުވަތަ ހަ މަހަކުން ޑޮކްޓަރަށް ދައްކަން މާލެ ދަތުރުކުރެ އެވެ. ހަމައެކަނި ޑޮކްޓަރީ ބޭހަށް ބަރޯސާ ވެފައިވަނީ ވެސް ރަށުން އަދި ކައިރި އެހެން ހިސާބަކުން ވެސް ތެރަޕީތަކާއި ކައުންސެލިން ފަސޭހައިން ލިބޭނެ ގޮތެއް ނެތުމުންނެވެ.

މިއީ، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ހިސާބެއްގައި ވެސް އާއްމުންގެ ހާލަތެވެ.

ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު ރަށްރަށުގައި މިކަން އޮތީ ވަރަށް ނުރައްކާތެރި ހިސާބެއްގަ އެވެ. އެކި ގޮތްގޮތުން ނަފްސާނީ ބައްޔަށް ހުށަހެޅިގެންދާ މީހުން ގިނަ އެވެ. ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ކޭސްތައް ރިޕޯޓްކުރެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ވެއިޓްލިސްޓް ވެގެން 2-3 މަސްވުމުން ސައިކޭޓްރިސްޓްކަށް ދެއްކެ އެވެ. އެއަށްވުރެ އަވަސް ކުރަން ބޭނުންވާނަމަ ބޮޑު ހަރަދެއް ކޮށްފައި ކްލިނިކަކަށް ދެއްކޭނެ އެވެ. ރަށްރަށުގައި އުފުލާ ވޭން ބޮޑީ މި އެއްވެސް ގޮތެއް ނެތުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނަފްސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފެއްދުމަށް "ކިހިނެއް؟" ނަމުގައި ގައުމީ ކެމްޕެއިނެއް ފެށީ މިހާލަތާ ހެދި އެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު 5، 2022 ގައި ފައްޓަވައިދެއްވި މި ކެމްޕެއިނުން ހަރަކާތްކުރާ ތަނެއް ނުފެނެ އެވެ.

މި ކެމްޕެއިންގެ ޕްރައިމަރީ ފޯކަސް އަކީ ކުޑަކުދިންނާއި ފުރާވަރު އުމުރާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންނެވެ.

މުހިއްމު މަސައްކަތްތަކަކަށް ފެށި އެ ކެމްޕޭނަށް މިވީ "ކިހިނެއްތޯ" ސުވާލު އުފެދެ އެވެ. ނަތީޖާ ނުނިކުތް ސިއްހަތާ ގުޅޭ އެހެން ކެމްޕެއިންތަކެކޭ އެއްގޮތަށް ފަރުވާކުޑަކޮށްލައިގެން ހަމަ ތިބީތޯ ސުވާލު އުފެދެ އެވެ. މި ކެމްޕޭން ފުޅާކޮށް ރަށްރަށުގައި ހިންގަން ކުރާ މަސައްކަތްތަކެއް ނުފެ އެވެ. ގުޅިގެން މަސައްކަތްކުރަން ޖެހޭ މުއައްސަސާތައް އެކަމުގައި އުޅޭ ތަނެއް ވެސް ނުފެނެ އެވެ.

ނަމަވެސް، އެޗްޕީއޭގައި އޮންނަ މެންޓަލް ހެލްތު ޕްރޮގްރާމްގެ ކޯޑިނޭޓަރު އާމިނަތު ޝަހުޒާ ވިދާޅުވީ ގައުމީ ކެމްޕެއިންގެ ސްޓްރެޓެޖީ ހެދިއިރު ދިޔައީ ކެމްޕެއިންގެ ސްޕެސިފިކް ޕްލޭންތައް ހަދަމުން ކަމަށެވެ. އޭރު ޓާގެޓުކުރީ ޖެހިގެން އައި މަހުން ފެށިގެން ކެމްޕެއިންގެ އަމަލީ މަސައްކަތްތައް ފެށުމަށް ކަމަށް ވިޔަސް، ބައިވަރު ގޮންޖެހުންތަކާ ހެދި އެ މުއްދަތަށް ނުނިންމުމު ކަމަށް ޝަހުޒާ ވިދާޅުވި އެވެ.

ކެމްޕެއިން ލޯންޗުކުރިތާ ހަ މަހަށް ވުރެ ގިނަ ދުވަސް ފަހުން އެޗްޕީއޭއިން މިދިޔަ ހޯމަ ދުވަހު ވަނީ ނަފްސާނީ މައްސަލަތަކުގައި އާއްމުންގެ ހާލަތު އޮޅުން ފިލުވުމަށް ސުވާލުތަކެއް އާއްމުކޮށްފަ އެވެ.

ޝަހުޒާ ވިދާޅުވީ އެ ސުވާލުތައް ދޫކޮށްލީ ކެމްޕެއިން ކުރާއިރު އެވިޑެންސަށް ބޭސްޑް ކުރަން ކަމަށެވެ. އެކަމުން ކުރާ ފައިދާ އަދި ދަސްވާ ފިލާވަޅުތައް ވެސް ބޭނުންކުރާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ވެސް 80 އަށްވުރެ ގިނަ ޖަވާބު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފައިނޭންޝަލް ސަޕޯޓު މި ލިބެނީ ޔުނިސެފް ފަދަ ތަންތަނުން އެހެންވެ އެ ބޭފުޅުންނަށް ވަރަށް ބޮޑަށް ބަރޯސާވެސް ވާނެ މި ކަހަލަ ކަންކަމުގައި."

ބަޔަކު، އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ބަޔަކު، އާޓިފިޝަލް ބީޗުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ޝަހުޒާ ވެސް ވިދާޅުވީ މީގެ ކުރިން ވެސް އެކި ކެމްޕެއިންތައް ފަށަން މަސައްކަތްކުރިޔަސް މާލީ ދަތިތަކާ ހެދި ނުފެށެނީ އެވެ. މި ފަހަރު ހުރިހާ ކަމެއް ފެށީ ބަޖެޓު ޔަގީންކުރުމަށްފަހުގަ އެވެ.

"ނަމަވެސް، ބައެއް ދަތިތައް އެބަހުރި އަދި ވެސް. އެކަންތައްތައް ހައްލުކުރަން މި މަސައްކަތް ކުރަނީ. މީގެ ސްޕެސިފިކް ކެމްޕެއިންތަކާ އެއްޗެހި ވީހާ ވެސް އަވަހަކަށް ފެށުމަށް މި މަސައްކަތްކުރަނީ."

މި ކެމްޕެއިންގެ އެންމެ ބޮޑު އަމާޒަކީ މުޖުތަމައު ހޭލުންތެރިކުރުވައި އަމިއްލައަށް ވެސް ދިމާވާ ދަތިތަކާއި ކަންތައްތަކުން އަރައިގަތުމުގެ ހުނަރު ދަސްކޮށް، އެއާއެކު، ކޮމިއުނިޓީ ލެވެލްގައި މައާފްކުރުމާއި މި ކަންކަން އިތުރުވެގެން ދިއުމެވެ. ނަމަވެސް، ކެމްޕެއިންގެ ކާމިޔާބީ ކަނޑައެޅުމަށް އެ ކަންކަން މެޝާކުރަން އުނދަގޫވާނެކަން، ޝަހުޒާ ވެސް ފާހަގަކުރެއްވި އެވެ.

ނަފްސާނީ މައްސަލަތަކުން ތަމްރީނުވެފައިވާ މީހުން މަދުވުމުން މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ފަންނީ މީހުން މަދުވުމެވެ. އެކަމަކު، ކިހިނެއް ކެމްޕެއިން ވާނީ މުޖުތަމައުއަށް ބަދަލު ގެނެސްދޭނެ މަސައްކަތަށް ކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.