Roadha Mihaaru
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް

މިނިސްޓްރީގެ އެންގުމާ ތަބާނުވެ، ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް

12 ސެޕްޓެމްބަރ 2024

ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްޓާލުމަށް ހެލްތު މިނިސްޓްރީން އަންގާފައި ވަނިކޮށް ފަޒީލާ އުސްމާން އެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ހުއްޓާލުމަށް ހެލްތު މިނިސްޓްރީން އަންގާފައި ވަނިކޮށް ފަޒީލާ އުސްމާން އެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ ރަޖިސްޓްރީކޮށް، އޮޕަރޭޓިން ލައިސެންސް ލިބެންދެން "ފަޒީސް ހިޖާމާ" ތެރަޕީގެ ހިދުމަތްތައް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ. އެއާ ހިލާފަށް މަސައްކަތްކުރާ ނަމަ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މިނިސްޓްރީން ދިނެވެ.

އޭގެ އިތުރުން ފަޒީލާގެ ހިޖާމާ ހިދުމަތް ޕްރޮމޯޓް ކުރުމަށް ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތަކަކީ މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ކުރެވޭނެ ކަމަކަށް ނުވާތީ އެ އިޝްތިހާރުތައް ނެގުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި ބަލި މީހުންގެ މެޑިކަލް ރިޕޯޓުތަކުގެ މައުލޫމާތަކީ އެންމެ ރައްކާތެރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރު ނުވާތީ އެ ރިޕޯޓުތައް ނެގުމަށް ވެސް އޭނާއަށް އަންގާފައިވެ އެވެ.

ނަމަވެސް މިނިސްޓްރީން އެގޮތަށް އެންގި ފަހުން ފަޒީލާގެ ފޭސްބުކް ޕޭޖުގައި ބުނީ ހިޖާމާ ޖެހުމުގެ ހިދުމަތް މެދުކަނޑާނުލާ ކަމަށެވެ.

"ހިޖާމާ ޖެހުން ދާނީ ކުރިއަށް." އިއްޔެ ހަވީރު ކުރި ޕޯސްޓުގައި ބުންޏެވެ.

އޭގެ ފަހުން ހިޖާމާ ޖެހުމަށް މެސެޖު ކުރުމުން އޭނާ ވަނީ އެޕޮއިންޓްމަންޓް ހަމަޖައްސައިދީފަ އެވެ. އަދި ހަމުގެ އެކި ބަލިތަކަށް ހިޖާމާއިން ރަނގަޅުވާ ކަމަށް ބުނެ މީހުންގެ ފޮޓޯތަކާއެކު ސޯޝަލް މީޑިއާގައި މިއަދު ގިނަ ޕޯސްޓުތަކެއް ކޮށްފައިވެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ދޭނަމަ، ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް ވެސް ހުށަހަޅާނެ ކަމަށެވެ.

ހުއްދަ ނެތި ހިޖާމާ ޖަހާތީ އެކަން ނުކުރުމަށް ތަކުރާރުކޮށް ފަޒީލާއަށް ކުރިން ވެސް އެންގި އެވެ. އަދި ހަކުރުބައްޔަކީ ހިޖާމާއިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި ބޭސްތަކުގެ ބަދަލުގައި ހިޖާމާ ޖެހުމަށް ބާރު އަޅައި އިޝްތިހާރުތައް ކުރުމުން ޑައިބެޓިކްސް ސޮސައިޓީ ފަދަ ތަންތަނުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ފަޒީލާ "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ދުވާލެއްގެ މައްޗަށް ތިރީހަކަށް މީހުން އޭނާ ކައިރިން ހިދުމަތް ހޯދާ ކަމަށެވެ. އަދި އޭގެ ކޮންމެ ސެޝަނަކަށް 1،000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާ ބުނާ ނިސްބަތުން ބަލާއިރު ލިބޭނެ އެވެ. އެއީ މަހެއްގެ މައްޗަށް 800،000 އެއްހާ ރުފިޔާ އެވެ.