ހިޖާމާ ޖެހުމުން ބަރުދަން ލުއިވާނެ ކަމަށް "ފަޒީސް ހިޖާމާ" އިން ބުނުމުން އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
09 ޖުލައި 2025
ހިޖާމާ ޖެހުމުން ބަރުދަން ލުއިވާނެ ކަމަށް "ފަޒީސް ހިޖާމާ" އިން ބުނުމުން އެ މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ހިޖާމާގެ ހިދުމަތް ދޭ ފަޒީލާ އުސްމާންގެ "ފަޒީސް ހިޖާމާ ކްލިނިކް" ގެ ފޭސްބުކް ޕޭޖުން މިއަދު ކުރި ޕޯސްޓުގައި ބުނީ ހިޖާމާގެ އެންމެ ސެޝަނަކުން 3-4 ކިލޯ ލުއިކޮށްލެވޭނެ ކަމަށެވެ. އެހެންވެ، ބަރުދަން ލުއިކުރަން ޑައިޓް ކުރުމާއި ކަސްރަތުކޮށް އަދި ދުވަން ދާކަށް ނުޖެހޭނެ ކަމަށް އެ ޕޯސްޓްގައި ބުންޏެވެ.
"ހިޖާމާ ޖަހާނީ މަހަކު އެއް ފަހަރު. ﷲގެ ރަހުމަތްފުޅާއެކު އެތައް ސިއްހީ ފައިދާއެއް ލިބޭ." ފަޒީލާ ބުންޏެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފަޒީސް ހިޖާމާ ކްލިނިކަށް ހުއްދަ ދީފައިވީ ނަމަވެސް، ބަރުދަން ލުއިކުރުމާ ގުޅޭގޮތުން ކުރި ޕޯސްޓާ ގުޅިގެން މިނިސްޓްރީއަށް ޝަކުވާތައް ލިބިފައިވާތީ އެކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހިޖާމާ ޖަހައިދިނުމަށް އެތަނުން ކުރިން ނަގަނީ 1،000ރ. އެވެ. އެކަމަކު، މިހާރު އެ އަގު ވަނީ 500ރ. އަށް ދަށްކޮށްފަ އެވެ.
އެ ޕޯސްޓްގައި ބުނީ ބަރުދަން ލުއިކުރަން ހިޖާމާ ޖަހައިގެން އެންމެ ކިލޯއެއް ވެސް ލުއި ނުވެއްޖެނަމަ، އެ މީހަކު ހޭދަކުރި އަގުގެ އިތުރަށް 1،000ރ. ލިބޭނެ ކަމަށެވެ.
އޭގެ ފަހުން ވެސް އެތަނުން ކުރި ޕޯސްޓުގައި ބުނީ ހިޖާމާއަކީ ފަރުވާތަކުގެ ތެރެއިން އެންމެ ހެޔޮ ފަރުވާ ކަމަށް ހަދީސުން ސާބިތުވާ ކަމަށެވެ.
ހިޖާމާގެ އެންމެ ސެޝަނަކުން ވެސް ބަރުދަން ލުއިވާ ކަމަށް ގަބޫލު ނުކުރާނަމަ އެއީ އީމާންކަން ބަލިކަށިވުން ކަމަށް ވެސް އޭނާގެ އެ ޕޯސްޓުގައި ބުންޏެވެ.
"ހިޖާމާއިން އަސްލު ވެސް ބަރުދަން އެންމެ ސެޝަނަކުން اللهގެ ރަހުމަތުން ލުއި ކުރާ ކަމަށް އެ ހިސާބަށް ބުރަ މަސައްކަތުން މީހަކު ކާމިޔާބު ކުރީމާ ސިކުނޑިން އެ ވަރު ތިބޭފުޅުން ގަބޫލު ނުކުރަންޏާ އެއީ ތިބޭފުޅުންގެ އީމާންކަން ބަލިކަށިވެފައިވުން،" ފަޒީލާ ބުންޏެވެ.
"އަޅުގަނޑު ތަކުރާރުކޮށް މި ދަންނަވަނީ އޮޅުވާލުމެއް މަކަރު ހެދުމެއް ނެތި ދޭ ހިދުމަތެކޭ މިއީ."
ފަޒީލާ ބުނީ ހިޖާމާއިން ބަރުދަން ލުއިކުރުމަށް މީހުން ގަބޫލުކުރާ ފެންވަރަށް ސޯޝަލް މީޑިއާގައި ހެކި ހިއްސާކުރެވޭނީ އެ މިންވަރަށް ކަމަށެވެ.
މީހުންގެ ޒާތީ މައުލޫމާތުތަކާއެކު އެ ފަރުވާގެ ފަހުގެ ސްލިޕް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރެވޭނެ ކަމަށާއި އެކަމަކު ކްލިނިކަށް ދިއުމުން އެ މައުލޫމާތުތައް ބެލޭނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް، ހެލްތުގެ އޮފިޝަލު ވިދާޅުވީ ބަލި މީހުންގެ މައުލޫމާތުތައް އެހެން މީހުންނާ ހިއްސާ ކުރުމަކީ ސިއްހީ ހިދުމަތްދިނުމާ ބެހޭ ގާނޫނުގެ ދަށުން ކުށެއް ކަމަށެވެ.
"އެ މައްސަލަތައް ބަލަމުން މިދަނީ." ހެލްތުގެ އޮފިޝަލް ވިދާޅުވި އެވެ.
ހިޖާމާ ޕްރޮމޯޓް ކުރުމަށް ފަޒީލާ ދައްކާ ވާހަކަތަކަށް އާއްމުންގެ ފާޑުކިޔުން އަބަދުވެސް އަމާޒުވެ އެވެ. އަދި ހުއްދަ ނުނަގައި އެ ހިދުމަތް ދެމުން ދިއުމުން ފުލުހުން މެދުވެރިކޮށް އެ ކްލިނިކް މިދިޔަ އަހަރު ބަންދު ކުރި އެވެ. އެކަމަކު ފަހުން އެތަން ހުޅުވީ ހުއްދަ ނަގައިގެންނެވެ.
އެންގުމާ ހިލާފަށް ފަޒީލާ ހިޖާމާ ޖެހުން ކުރިއަށް
ފަޒީސް ހިޖާމާ ހުއްޓާލަން އަނެއްކާވެސް އަންގައިފި
ހުއްދަނެތި ހިޖާމާ ޖަހާ މައްސަލާގައި ފިޔަވަޅެއް ނާޅާ
ފަޒީގެ ހިޖާމާ ކްލިނިކަށް ފިޔަވަޅު އަޅަން އަންގައިފި
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ބޯންމެރޯ ހަދަން އިތުރު 7 ކުދިން މިމަހު ފޮނުވަނީ
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
ރޭޕް އެވިޑެންސް ކިޓް ހުރީ ދެ ހޮސްޕިޓަލްގައި: އެފްޕީއޭ
އިތުރު ގަޑީގެ ފައިސާ އުނި ނުކުރަން ގޮވާލައިފި
"2.0 އިން ސިއްހީ ދާއިރާއަށް އިންގިލާބެއް އަންނާނެ"