Roadha Mihaaru
ޗެލްސީން ފޯވާޑެއް ހޯދުން އަވަސްކުރަން ސާރީ އަންގައިފި

ޗެލްސީން ފޯވާޑެއް ހޯދުން އަވަސްކުރަން ސާރީ އަންގައިފި

10 ޖެނުއަރީ 2019

ލަންޑަން (ޖެނުއަރީ 10) - ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ފޯވާޑެއް ހޯދުމުގެ މަސައްކަތް އަވަސްކުރަން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އެ ކްލަބްގެ ބޯޑަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖެނުއަރީ 10) - ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ފޯވާޑެއް ހޯދުމުގެ މަސައްކަތް އަވަސްކުރަން ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އެ ކްލަބްގެ ބޯޑަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީގެ ފޯވާޑުންނަށް މި ވަގުތު ތިބި ފްރާންސްގެ އޮލިވިއޭ ޖިރޫޑާއި ސްޕެއިނުގެ އަލްވާރޯ މޮރާޓާއާ މެދު ސާރީ ހިތްހަމަ ނުޖެހެ އެވެ. އެހެންވެ ފަހަކަށް އައިސް ފޯވާޑެއްގެ ގޮތުގައި ބޭނުންކުރަނީ އެޑެން ހަޒާޑް އެވެ. ރިޕޯޓްތައް ބުނާގޮތުގައި ހަޒާޑް އެ މަގާމަށް ކުޅެން ހިތްހަމަ ނުޖެހޭތީ ސާރީ މިހާރު ވަނީ އިތުރު ގޮތެއްނެތިގެން އެހެން ފޯވާޑެއް ހޯދަން މަސައްކަތް ފަށައިފަ އެވެ. އަދި ވީ އެންމެ އަވަހަކަށް އެކަން ކުރަން ޗެލްސީގެ ޑިރެކްޓަރު މެރީނާ ގްރަނޯވްސްކައިއާ އަށް އަންގައިފަ އެވެ.

ސާރީ ބޭނުންވަނީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން ގެންނާށެވެ. މި ސީޒަނުގައި ޗެލްސީގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ހިގައިން ގުޅުނީ ލޯން އެއްބަސްވުމެއްގެ ދަށުން އޭސީ މިލާނާ އެވެ. ހިގައިން މިލާނާ ގުޅުނީ 18 މިލިއަން ޔޫރޯގެ ލޯނެއްގެ ދަށުންނެވެ. އަދި އަންނަ ސީޒަނުގައި 36 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު މިލާނަށް އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ މަހުގެ ޓްރާންސްފާ އަށް ޗެލްސީގެ ބޯޑުން ކަނޑައަޅާފައިވާ 50 މިލިއަން ޕައުންޑުގެ ބަޖެޓް އެއްކޮށް ސާރީ ބޭނުންވަނީ ހިގައިން ގެންނަން ހަރަދުކުރާށެވެ. އެކަމަކު އެ ޑީލަށް ހުރަސްއަޅަނީ ޑިރެކްޓަރު ގްރަނޯވްސްކައިއާ އެވެ. އެއީ އުމުރުން 31 އަހަރުގެ ކުޅުންތެރިއަކަށް އެ ވަރުގެ ބިޑެއް ކުރުމަކީ ޗެލްސީގެ ޕޮލިސީ ނޫން ކަމަށް ބުނެ އެވެ.

ގޮންޒާލޯ ހިގައިން: ޗެލްސީން އެންމެ ބޭނުންވަނީ ހިގައިން ގެންނަން.-- ފޮޓޯ: އޭއެފްޕީ

ގޮންޒާލޯ ހިގައިން: ޗެލްސީން އެންމެ ބޭނުންވަނީ ހިގައިން ގެންނަން.-- ފޮޓޯ: އޭއެފްޕީ

ސާރީ ވަނީ މީގެ ކުރިން ނަޕޯލީގައި ހިގައިންއާ އެކު މަސައްކަތްކޮށްފަ އެވެ. އޭނާ ހިގައިން ބޭނުންވާ އެންމެ ބޮޑު ސަބަަބަކީ ހިގައިން އަކީ އޭނާ ކުޅުވާ ސްޓައިލަށް ފެތޭ ފޯވާޑެއް ކަމަށްވާތީ އެވެ. ހިގައިން ގެންނަން ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް ޗެލްސީން އޮތީ މޮރާޓާ ދޫކޮށްލަން ތައްޔާރަށެވެ. މޮރާޓާ ހޯދަން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން މަސައްކަތްކުރަމުން އަންނައިރު، އެ ޑީލާ މެދު ގޮތެއް ނިންމުން ޗެލްސީން ވަނީ މަޑުޖައްސާލައިފަ އެވެ.

ހިގައިން ގެންނަން ޗެލްސީން ކުރާ މަސައްކަތުގައި އަލިމަގެއް ނުލިބިއްޖެނަމަ އެ ކްލަބުން ދެން ފާރަލަނީ ބޯންމައުތުގެ ފޯވާޑް ކަލުމް ވިލްސަން އަށް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އުމުރުން 26 އަހަރުގެ ވިލްސަން ވިއްކަން ބޭނުންނުވާ ކަމަށް ބޯންމައުތުން ބުނަމުން އަންނައިރު، ހާލަތު ބަދަލުވާގޮތަކުން ޗެލްސީން ވިލްސަން އަށް 50 މިިލިއަން ޕައުންޑް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.