Roadha Mihaaru
ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ

ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ

28 އެޕްރީލް 2019

މެންޗެސްޓާ (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރަން ކުޅެން ޖެހޭ ގޮތް ޗެލްސީ އަށް އެނގޭނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކުރަން ކުޅެން ޖެހޭ ގޮތް ޗެލްސީ އަށް އެނގޭނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

މިރޭގެ މެޗަކީ ގަދަ ހަތަރެއްގެ ރޭހުގައި ވަރަށް މުހިއްމު މެޗެކެވެ. ލީގުގެ ތިން ވަނައިގައި އޮތް ޓޮޓެންހަމް ރޭ ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އަށް ވާދަކުރަމުން އަންނަ ހަތަރު ޓީމަށް ވެސް ބާކީ އޮތީ ތިން މެޗެވެ. ތިން ވަނައިގައި އޮތް ޓޮޓެންހަމަށް 70 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޗެލްސީގެ އޮތީ 67 ޕޮއިންޓެވެ. ފަސް ވަނައިގައި އޮތް އާސެނަލަށް 66 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަަނައިގައި ޔުނައިޓެޑް އޮތީ 64 ޕޮއިންޓް ހޯދައިގެންނެވެ.

ގަދަ ހަޔެއްގައި މި ވަގުތު އޮތް އެއްވެސް ޓީމެއްގެ ދަނޑުގައި ޗެލްސީ އަށް މި ސީޒަނުގައި މޮޅެއް ނުހޯދެ އެވެ. އެކަމަކު މިރޭގެ މެޗަށް ނުކުންނައިރު ސާރީ ހުރީ އެކަން ބަދަލުކުރުމުގެ އުއްމީދުގަ އެވެ.

"ޔުނައިޓެޑާ ދެކޮޅަށް އެ ޓީމުގެ ދަނޑުގައި ޓީމުތަކުން ކުޅެފައިވާ މެޗުތައް އަހަރެން ބަލައިފިން. އަހަރެމެން މި ވަގުތު މިހުރި ފޯމުގައި ގޯހެއް ނަހަދައި ކުޅެފިނަމަ ޔުނައިޓެޑް ބަލިކުރެވޭނެ. އަހަންނަށް ޔަގީން ޗެލްސީގެ ކިބައިގައި ޔުނައިޓެޑް ބަލިކުރެވޭނެ ފެންވަރު އެބަހުރިކަން. އެކަން ކުރަން ކުޅުންތެރިންނަށް އެނގޭނެ،" މިރޭގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާރީ ބުންޏެވެ.

ޗެލްސީ ވަނީ މިހާތަނަށް ޔުނައިޓެޑް އަތުން 18 މޮޅު ހޯދައިފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ވާދަކުރާ އެހެން ޓީމުތަކަށް ވުރެން އިތުރު އަދަދެކެވެ. ސާރީ ބުނީ މާޒީގައި ވެފައި ހުރި ކަންތައްތަކަށް ވިސްނުމަށް ވުރެ އޭނާ އަށް މުހިއްމީ ކުރިމަތީގައި އޮތް ޗެލެންޖަށް ޓީމު ތައްޔާރުކުރުން ކަމަށެވެ.

"މިއީ ހަގީގަތުގައި ދެ ޓީމަށް ވެސް ފައިނަލެއް. ގަދަ ހަތަރަކަށް ވަންނަން ދެ ޓީމަށް ވެސް އޮތީ ޕޮއިންޓްގެ މުހިއްމުކަން ބޮޑުވެފައި. ގަދަ ހަތަރެއް ނުލިބިއްޖެނަމަ އެ އެޅެނީ ފިޔަވަޅެއް ފަހަތަށް،" ސާރީ ބުންޏެވެ.

ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް އެންމެ ފަހުން ޖެހިޖެހިގެން ދެ މެޗުން ބަލިވީ 2014 ވަނަ އަހަރު ޑޭވިޑް މޮއިސްގެ ކޯޗުކަމުގަ އެވެ. މިރޭ ޗެލްސީ އަތުން ޔުނައިޓެޑް މޮޅުވެއްޖެނަމަ އެކަން ވެގެންދާނީ 1957 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ޖެހިޖެހިގެން ތިން މެޗުން ޗެލްސީ ބަލިކުރާ ފުރަތަމަ ފަހަރަށެވެ.

މި ފަހަރުގެ ސީޒަނުގައި ޔުނައިޓެޑް ކޮޅަށް މިހާތަނަށް 50 ގޯލު ވަދެފައިވާއިރު، އެ ޓީމުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ އެއްވެސް ކުޅުންތެރިޔަކަށް އަބަދު އެެއް ފޯމެއްގައި ނުކުޅެވޭނެ ކަމަށާއި ޑެހެއާ އަށް އިތުބާރު އެބައޮތް ކަމަށެވެ.

ޔުނައިޓެޑްގެ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 20:30 ގަ އެވެ.