Roadha Mihaaru
200 މީޓަރުން ވެސް ބޯލްޓް ރަން މެޑަލް ހޯދައިފި

200 މީޓަރު ދުވުމުން ވެސް ބޯލްޓް ރަން މެޑަލް ހޯދައިފި

19 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 19) - އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ކެރިއަރުގެ އަށް ވަނަ އޮލިމްޕިކްސް ރަން މެޑަލް ޖެމެއިކާގެ އުސެއިން ބޯލްޓް މިއަދު ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 19) - އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ކެރިއަރުގެ އަށް ވަނަ އޮލިމްޕިކްސް ރަން މެޑަލް ޖެމެއިކާގެ އުސެއިން ބޯލްޓް މިއަދު ހޯދައިފި އެވެ.

ބޯލްޓް ވަނީ އެންމެ ފަހުގެ ދެ އޮލިމްޕިކްސްގައި ވެސް 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދައިފަ އެވެ. މި ފަހަރު ރިލޭ އިން ރަން މެޑަލް ހޯދައިފި ނަމަ އޭނާ ވެގެންދާނީ، ޖެހިޖެހިގެން ތިން އޮލިމްޕިކްސް އިން ސްޕްރިންޓް ތިން އިވެންޓުން ރަން މެޑަލް ހޯދި ފުރަތަމަ ދުވުންތެރިޔާ އަށެވެ.

މިހާރު ވެސް ބޯލްޓް ވަނީ އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުން ޖެހިޖެހިގެން ރަން މެޑަލް ހޯދި ފުރަތަމަ ދުވުންތެރިޔާ އަށް ވެފަ އެވެ.

ބޯލްޓް ރަން މެޑަލް ހޯދީ 19.78 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިހި މެޑަލް ހޯދީ 20.02 ސިކުންތުން ރޭސް ނިންމި ކެނެޑާގެ އަންދްރޭ ޑި ގްރާސޭ އެވެ. ފްރާންސްގެ ކްރިސްޓޮފޭ ލެމައިޓްރޭ ލޯ މެޑަލް ހޯދިއިރު އޭނާ ރޭސް ނިންމީ 20.12 ސިކުންތުންނެވެ.

ބޯލްޓް އޭނާގެ ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

ބޯލްޓް އޭނާގެ ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

އަންނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު ރިޓަޔާކުރަން ނިންމާފައިވާ ބޯލްޓް ވަނީ އޭނާ ވާދަކުރި އޮލިމްޕިކްސްގެ ހުރިހާ ފައިނަލެއް ކާމިޔާބުކޮށްފަ އެވެ. ބޯލްޓް ބުނީ އުއްމީދުކޮށްގެން ހުރީ މި އިވެންޓުން ދުނިޔޭގެ ރެކޯޑް އާކުރަން ކަމަށާއި ޓައިމިންއާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށެވެ.

"އެކަމަކު ރަން މެޑަލް ލިބުމުން ވަރަށް އުފާވެއްޖެ. އެއީ އެންމެ މުހިއްމު ކަމަކީ،" ބޯލްޓް ބުންޏެވެ.

ބޯލްޓަށް ވުރެ ގިނަ އޮލިމްޕިކްސް ރަން މެޑަލް ހޯދާފައިވާ ދުވުންތެރިންނަކީ އެމެރިކާގެ ދުވުންތެރިޔާ އަދި ލޯންގް ޖަމްޕުގައި ފާހަގަވި ކާލް ލެވިސް އާއި ފިންލެންޑުގެ ދިގު ރާސްތާ ދުވުންތެރިޔާ ޕާވޯ ނުރްމީ އެވެ. މީގެ ތެރެއިން ލެވިސް ވަނީ 1984 އިން 1996 އާ ދެމެދު ނުވަ ރަން މެޑަލް ހޯދައިފަ އެވެ. ނުރްމީ އެ އަދަދަށް ރަން މެޑަލް ހޯދީ 1920 އިން 1928 އަށެވެ.

"އަހަންނަކީ އެންމެ މޮޅު އެތުލީޓު ކަން ސާބިތުކޮށްދޭން ދެން އިތުރަށް ކޮން ކަމެއް ކުރަންވީ؟ އަހަރެން ބޭނުންވަނީ މުހައްމަދު އަލީ އާއި ޕެލޭ ފަދައިން އެންމެ މޮޅު އެކަކަށް ވާން،" ބޯލްޓް ބުންޏެވެ.