Roadha Mihaaru
ކެޕްޓަން ނޭމާ ބްރެޒިލަށް ރަން މެޑަލް ހޯދައިދީފި

ނޭމާ ބްރެޒިލަށް ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިދީފި

21 އޯގަސްޓް 2016

ޕެނަލްޓީ ޖަހައިގެން 5-4 އިން ޖަރުމަން ބަލިކޮށް އޮލިމްޕިކްސްގެ ރަން މެޑަލް ފުރަތަމަ ފަހަރަށް ހާސިލްކޮށް، މީގެ ދެ އަހަރު ކުރިން ޖަރުމަން އަތުން 7-1 އިން ބަލިވެ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕުން ކެޓުމުގެ ބަދަލު ބްރެޒިލުން ހިފައިފި އެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެެއްވަރުވެފައިވުމުން، ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ބްރެޒިލް މޮޅުވީ ކެޕްޓަން ނޭމާ ކާމިޔާބުކުރި ޕެނަލްޓީންނެވެ. އަނިޔާގެ ސަބަބުން، ވޯލްޑް ކަޕުގައި ޖަރުމަން އަތުން ބަލިވި މެޗުގައި ނުކުޅެވުނު ކެޕްޓަން ނޭމާ، ބްރެޒިލްގެ ޝަރަފްވެރި މަރަކާނާ ސްޓޭޑިއަމުގައި ގައުމަށް ހޯދައިދިން މި މޮޅާ އެކު ވަރަށް ބޮޑަށް ރުޔެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް އުފާ،" ނޭމާ ބުންޏެވެ.

ބްރެޒިލްގެ ކުޅުންތެރިން ރަން މެޑަލާ އެކު. --ފޮޓޯ: އޭއެފްޕީ

ބްރެޒިލްގެ ކުޅުންތެރިން ރަން މެޑަލާ އެކު. --ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލަށް ލީޑު ނަގައިދިނީ ހިލޭ ޖެހުމަކުން ނޭމާ އެވެ. ޖަރުމަނަށް އެއްވަރުކޮށްދިނީ މެކްސް މެޔާ އެވެ. ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ނަތީޖާއަށް ބަދަލެއް ނާދެ އެވެ.

ޕެނަލްޓީ ޝޫޓް އައުޓުގައި ދެ ޓީމުން ވެސް ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޖަރުމަނުގެ ފަސް ވަނަ ޕެނަލްޓީ ޕެޓަސަން އަތުން ނާކާމިޔާބުވުމުން، ނޭމާ ވަނީ ފަސް ވަނަ ޕެނަލްޓީ ކާމިޔާބުކޮށް ބްރެޒިލަށް ރަން މެޑަލް ހޯދައިދީފަ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ގައުމުކަމަށްވާ ބްރެޒިލުން ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވީ ނަމަވެސް މިހާތަނަށް އޮލިމްޕިކްސްގެ ރަން މެޑަލް ހޯދިފައެއް ނުވެ އެވެ. އެ ޓީމު ވަނީ 1984، 1988 އަދި 2012 ގެ ފައިނަލުން ބަލިވެފަ އެވެ.