Roadha Mihaaru
"ދެން އޮތް އަމާޒަކީ އޭޝިއާގެ ފައިނަލުގައި ދުވުން"

ދެން އޮތް އަމާޒަކީ އޭޝިއާގެ ފައިނަލުގައި ދުވުން: ސާއިދު

14 އޯގަސްޓް 2016

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އިއްޔެ ހޯދި ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިހާރު އަމާޒަކީ އަންނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފި އެވެ.

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އިއްޔެ ހޯދި ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިހާރު އަމާޒަކީ އަންނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް ދިއުން ކަމަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފި އެވެ.

ސާއިދު ވަނީ އިއްޔެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުގެ އެއް ވަނަ ހޯދައި ފުރަތަމަ ބުރުން ޖާގަ ހޯދައިފަ އެވެ. އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ރާއްޖޭގެ ދެ ވަނަ އެތުލީޓް ސާއިދަކީ، އޮލިމްޕިކްސްގެ ހީޓެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓެވެ. މީގެ އިތުރުން އޭނާ އަކީ، މި ފަހަރު ޕްރިލިމިނަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓެވެ.

އޮލިމްޕިކްސްގެ އެންމެ މުހިއްމު އަދި އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ލިބޭ އިވެންޓް ކަމަށްވާ 100 މީޓަރު ދުވުމުގެ ހީޓެއްގެ އެއް ވަނަ ދިވެއްސަކު ހޯދަފާނެ ކަމަށް މީގެ ކުރިން ގިނަ ބަޔަކު ގަބޫލެއް ނުކުރާނެ އެވެ. އެކަމަކު އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރަން ފެށިތާ 28 އަހަރު ފަހުން، ހޯދި މި ކާމިޔާބީއާ އެކު ސާއިދަށް ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުން ހާއްސަ ޖާގައެއް ލިބިފަ އެވެ.

"އަލްހަމްދުލިﷲ. މި ފަހަރު ހޯދުނު ކާމިޔާބީއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،" ސާއިދު "މިހާރަ"ށް ބުންޏެވެ. "މިއަދު ހުރިހާ ދިވެހިންގެ ފަރާތުން ވެސް ލިބުނު ހިތްވަރާއި ތާއީދަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."

ސާއިދު ވަނީ މިދިޔަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެ މުބާރާތުގެ ރޭންކިން އަށް ފަހު އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރި ސާއިދަކީ، އޭޝިއާގެ މުބާރާތެއްގެ ސެމީ ފައިނަލާ ހަމަޔަށް ދިވެހި ފުރަތަމަ އެތުލީޓު ވެސް މެ އެވެ.

"ދެން މަސައްކަތްކުރާނީ އަންނަ އަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕުގެ ފައިނަލާ ހަމަޔަށް ދިއުމަށް،" ސާއިދު ބުންޏެވެ.

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ސާއިދު ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު އެ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑެވެ. ދެކުނު އޭޝިއާގެ ދެ ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި ހުރި ސާއިދަށް މި ބިޔަ ބޮޑު އޭޝިއާގެ އެންމެ ބާރު 8 ދުވުންތެރިންގެ ތެރޭގައި ހިމެނިއްޖެ ނަމަ އެކަން ވެގެންދާނީ ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ލިބޭނެ އެންމެ ބޮޑު ކާމިޔާބަށެވެ.