Roadha Mihaaru
"ފެންފޮދެއް ދިއްކޮށްލާނެ މީހެއްނެތް، މަރުނުވީ ކިރިޔާ"

ފެންފޮދެއް ދިއްކޮށްލާނެ މީހެއް ނެތް، މަރުނުވީ ކިރިޔާ: އިންޑިއާ ދުވުންތެރިޔާ

24 އޯގަސްޓް 2016

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 24) - އޮލިމްޕިކްސްގެ މެރެތަންގައި ދުވިއިރު އިންޑިއާގެ އޮފިޝަލުން ފެނާއި އެނާޖީ ޑްރިންކްސް ފޯރުކޮށްދީފައިނުވާ ކަމަށް އިންޑިއާގެ ދުވުންތެރިޔާ އޯޕީ ޖައިޝާ ބުނެފި އެވެ.

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 24) - އޮލިމްޕިކްސްގެ މެރެތަންގައި ދުވިއިރު އިންޑިއާގެ އޮފިޝަލުން ފެނާއި އެނާޖީ ޑްރިންކްސް ފޯރުކޮށްދީފައިނުވާ ކަމަށް އިންޑިއާގެ ދުވުންތެރިޔާ އޯޕީ ޖައިޝާ ބުނެފި އެވެ.

އޭނާ 42 ކިލޯމީޓަރުގެ ރޭސް 2 ގަޑި 47 މިނެޓު ތެރޭ ނިންމުމާ އެކު އޭނާ ވަނީ ހޭނެތިގެން ވެއްޓިފަ އެވެ. ޖުމްލަ 133 ދުވުންތެރިން ވާދަކުރި ރޭހުން އޭނާ ދިޔައީ 89 ވަނަ އަށެވެ.

"އަހަރެން މަރުވެދާނެ ފަދަ ހާލަތެއް އެއީ،" އުމުރުން 33 އަހަރުގެ ޖައިޝާ ބުންޏެވެ.

އެކަމަކު އޭނާގެ ވާހަކަތައް އިންޑިއާގެ އޮފިޝަލުން ދޮގުކުރެ އެވެ. އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަނުން ބުނީ އެއްވެސް އެތުލީޓަކު ނުވަތަ ކޯޗަކު ހާއްސަ ބުއިމަކަށް ރިއޯގައި ތިބި އޮފިޝަލުން ގާތު އެދިފައިނުވާ ކަމަށެވެ.

"ދުވުންތެރިންނަށް ފެނާއި އެނާޖީ ޑްރިންކްސް ފޯރުކޮށްދިނުމަކީ އިންތިޒާމްކުރާ މީހުންގެ ޒިންމާއެއް. އެކަމަށްޓަކައި، ރޭހުގެ ރާސްތާގެ އެކި ހިސާބުތަކުގައި ފެނާއި އެނާޖީ ޑްރިންކްސް ފޯރުކޮށްދޭ ސްޓޭޝަންސްތައް ހުންނަނީ،" ފެޑެރޭޝަނުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ ސީކޭ ވޯލްސަން ބުންޏެވެ.

ރޭސްތައް އިންތިޒާމްކުރާ ފަރާތުން ފެނާއި އެނާޖީ ޑްރިންކްސް ފޯރުކޮށްދިން ނަމަވެސް، އާއްމުކޮށް ޕްރޮފެޝަނަލް އެތުލީޓުންނަށް، ފެނާއި އެނާޖީ ޑްރިންކްސް ފޯރުކޮށްދޭން އެތުލީޓުންގެ ފަރާތުން އޮފިޝަލުން ތިބެ އެވެ. އެއީ އެ އެތުލީޓަކު އެންމެ ބޭނުންވާ ފެންވަރުގައި ނުވަތަ ބޭނުންވާ ބްރޭންޑެއްގެ ރިފްރެޝްމަންޓްސް، އިންތިޒާމްކުރާ ފަރާތުން ފޯރުކޮށްނުދޭނެތީ އެވެ.

"އަހަރެމެންނަށް ވެސް އެތުލީޓުންނަށް ހާއްސަ ތަކެތި ފޯރުކޮށްދެވިދާނެ. އެކަމަކު އެއްވެސް އެތުލީޓަކު ނުވަތަ ކޯޗަކު އެކަމަށް އެދިފައެއް ނެތް،" އޮފިޝަލް ބުންޏެވެ.

ކެރެލާ އަށް އުފަން ޖައިޝާ ބުނީ، ރިއޯގެ ގަދަ ހޫނުގައި އޭނާ ދުވިއިރު ފެންފޮދެއް ދިއްކޮށްލާނެ އިންޑިއާގެ އޮފިޝަލަކު ނެތުމުން ހިތާމަކުރާ ކަމަށެވެ.

"ކޮންމެ އަށް ކިލޯމީޓަރަކުން ރިއޯގެ އޮފިޝަލުން ފެން ފޯރުކޮށްދިން. އެޔަކުން ނުފުދޭ. އެހެން ހުރިހާ ގައުމެއްގެ އޮފިޝަލުން ތިބި ކޮންމެ ދެ ކިލޯމީޓަރެއްގައި. އިންޑިއާގެ ސްޓޯލް ހުރީ ހުސްކޮށް،" ޖައިޝާ ބުންޏެވެ. "އުސޫލެއްގެ ގޮތުން އަހަރެމެންނަށް ފެން ދޭން ޖެހޭނީ އަހަރެމެންގެ އޮފިޝަލުން. އެހެން ގައުމެއްގެ ސްޓޯލަކުން އަހަންނަށް ފެން ނުބޮވޭނެ، އެއީ ގަވާއިދަކީ."

އިންޑިއާގެ އަންހެނުންގެ މެރެތަން ރެކޯޑް އޮންނަ ޖައިޝާ ބުނީ ރޭހުގައި ވަރަށް ގިނަ މައްސަލަ ދިމާވި ކަމަށާއި ރޭސް ނިމުނު ވަގުތު ހޭނެތުނު ކަމަށާއި މަރުވެދާނެ ހެން ވެސް ހީވި ކަމަށެވެ.

"އަހަންނަކަށް ނޭގޭ މިކަމުގައި ބަދުނާމްކުރަންވީ ކާކު ކަމެއް. ވެދާނެ މެރެތަން ރޭހެއްގެ ސީރިއަސްކަން އެއްވެސް މީހަކަށް ނޭގުނީ ކަމަށް،" 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ 5000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި ޖައިޝާ ބުންޏެވެ.

އިންޑިއާގެ ކުޅިވަރާ ބެހޭ ވަޒީރު ވިޖޭ ގޯޝާލް ވިދާޅުވީ މި މައްސަލަ ތަހުގީގުކުރައްވާނެ ކަމަށެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އިންޑިއާ އަށް ލިބުނީ އެންމެ ދެ މެޑަލެވެ. ދުނިޔޭގެ ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު އިންޑިއާގެ އެންމެ ކާމިޔާބު އޮލިމްޕިކްސް ކަމަށްވާ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސް އިން ހާސިލްކުރެވުނީ ހަ މެޑަލެވެ. --ބީބީސީ