Roadha Mihaaru
އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ވާދަކުރާނީ ސާއިދު

އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ވާދަކުރާނީ ސާއިދު

24 ޖޫން 2021

އަންނަ މަހު ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި އެތުލެޓިކްސް އިން ރާއްޖެ އިން ވާދަކުރާ އެތުލެޓީކަށް ދުވުންތެރިޔާ ހަސަން ސާއިދު ހޮވައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި އެތުލެޓިކްސް އިން ރާއްޖެ އިން ވާދަކުރާ އެތުލެޓީކަށް ދުވުންތެރިޔާ ހަސަން ސާއިދު ހޮވައިފި އެވެ.

ސާއިދު ގޭމްސްގައި ވާދަކުރަން ހޮވުމާ އެކު، ރާއްޖެ އިން މިފަހަރު އޮލިމްޕިކްސްގައި ވާދަކުރާ ހުރިހާ އެތުލީޓުން ވެސް މިހާރު ވަނީ ފައިނަލްކޮށްފަ އެވެ.

އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ވާދަކުރާ ހަމައެކަނި އެތުލީޓުގެ ގޮތުގައި ސާއިދު ހޮވީ، އެތުލެޓިކްސް އެސޯސިއޭޝަނުން ޝޯޓްލިސްޓް ކުރި ހަ ދުވުންތެރިންގެ ތެރެއިން ފައިނަލް ޓައިމް ޓްރެއަލްގައި ސާއީދު އެންމެ ކުރި ހޯދުމުންނެވެ. ޝޯޓްލިސްޓް ކުރި ހަ ދުވުންތެރިންނަކީ، ސާއިދުގެ އިތުރުން، އައިޝަތު ހިމްނާ ހަސަން، އައިޝަތު ޝަބާ ސަލީމް، މަރްޔަމް ރޫޔާ އަލީ، އިބާދުﷲ އާދަމް އަދި އަހްމަދު ނަޖްދާން އަބްދުﷲ އެވެ.

ބްރެޒިލްގައި 2016 ގައި ބޭއްވި އޮލިމްޕިކްސްގައި ވާދަކުރި ސާއިދު ވަނީ އެ ފަހަރުގެ އޮލިމްޕިކްސް 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައި، ފުރަތަމަ ބުރަށް ކޮލިފައިވެފަ އެވެ. އެއީ އޮލިމްޕިކްސްގައި ރާއްޖޭގެ 33 އަހަރުވީ ތާރީހުގައި އޮލިމްޕިކްސްގެ މަރުހަލާއެއް ރާއްޖޭގެ އެތުލީޓަކު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މިފަހަރު އޮލިމްޕިކްސްގައި ސްވިމިން އިން ވާދަކުރާނީ ދެ އެތުލީޓުންނެވެ. އެއީ ސްވިމިންގެ ފައިނަލް ޓައިމް ޓްރަޔަލްގައި އެންމެ ބޮޑު ކުރިއެރުން ހޯދި ދެ އެތުލީޓުން ކަމަށްވާ އައިޝަތު ސައުސަން އާއި އަލީ އިމްއާން އެވެ.

އިމްއާން އާއި ސައުސަން އޮލިމްޕިކްސްގައި ވާދަކުރަން ކޮލިފައިވީ މިދިޔަ މަހު 23 އިން މި މަހު 5 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޓައިމް ޓްރަޔަލްގައި އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ފެތުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. ޓައިމް ޓްރަޔަލްގައި ފިރިހެން ކެޓެގަރީގައި އިމްއާން ވަނީ 3،140 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މުބާލް އަށް ސްކޯ ކުރެވުނީ 3،024 ޕޮއިންޓެވެ. އަންހެން ބައިން ސައުސަން އެއް ވަނަ ހޯދީ 2،997 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ސާޖިނާ އަށް ސްކޯ ކުރެވުނީ 2،905 ޕޮއިންޓެވެ.

އޮލިމްޕިކްސް އަށް ކޮލިފައި ނުވާ ގައުމުތަކަށް ފުރުސަތު ދެނީ އޮލިމްޕިކްސް އިން ކަނޑައަޅާ ކުޅިވަރުތަކުންނެވެ. "ވައިލްޑް ކާޑް"ގެ ދަށުން އާންމުކޮށް ރާއްޖެ އަށް ފުރުސަތު ދީފައި ވަނީ އެތުލެޓިކްސް އާއި ސްވިމިންއަށެވެ. އެހެންނަމަވެސް މިފަހަރު އޮލިމްޕިކްސްގައި ބެޑްމިންޓަން އިން ރާއްޖޭގެ ފާތިމަތުު ނަބާހާ އަބްދުލް ރައްޒާގަށް ފުރުސަތު ދޭން އޮލިމްޕިކްސް އިން ވަނީ ނިންމައިފަ އެވެ. ބެޑްމިންޓަން އިން މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރީ ލަންޑަންގައި 2012 ގައި ބޭއްވި އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން އެވެ. އެ ފަަހރު އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ވެސް ދިނީ އަޖުފާނަށެވެ.

އަންނަ މަހު 18 ގައި ޓޯކިޔޯގައި ފަށާ އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ނަބާހާ އެވެ.