01 އޯގަސްޓް 2021
އޮލިމްޕިކްސްގައި ރާއްޖޭގެ ނަތީޖާ ގޯސް ނޫން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކްސްގައި ރާއްޖޭގެ ނަތީޖާ ގޯސް ނޫން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.
ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި 100 މީޓަރު ސްޕްރިންޓްގެ ޕްރިލިމިނަރީ ބުރުގައި އިއްޔެ ވާދަކުރި ހަސަން ސާއިދު ހީޓު ބުރަށް ކޮލިފައިވެފައެއް ނުވެ އެވެ. އެހެންވެ ރާއްޖެ އަށް ވަނީ އޮލިމްޕިކްސް ނިމިފަ އެވެ.
ބްރެޒިިލްގައި 2016 ގައި ބޭއްވި އޮލިމްޕިކުސްގައި ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައި ހީޓު ބުރަށް ސާއިދު ކޮލިފައިވި އެވެ. އެހެންނަމަވެސް މިފަހަރު ޕްރިލިމިނަރީ ބުރުގައި ވާދަކުރި ހީޓުން ސާއިދު އަށް ލިބުނީ ހަތަރު ވަނަ އެވެ.
މިފަހަރުގެ މުބާރާތުގެ ޕްރިލިމިނަރީ ބުރު ފަހަނަޅައި ނުދެވުމަކީ ނާކާމިޔާބެއް ކަމަށް ދެކެންތޯ "މިހާރު" ން ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ ކޮވިޑުގެ-19 ގެ ސަބަބުން ތައްޔާރުވާން ޖެހުނު އުނދަގޫ ހާލަތާއި ހަނި ފުރުސަތުގެ ތެރެއިން ސާއިދު ނެރުނު ނަތީޖާއަކީ ގޯސް ނަތީޖާއެއް ނޫން ކަމަށެވެ.
"މިދިޔަ އަހަރުން ފެށިގެން މި އޮތީ ލޮކުޑައުންގައި. ޕްރެކްޓިސްއެއް ނުކުރެވި މިދިޔަ ދޮޅު އަހަރު މިދިޔައީ، އެއްވެސް މުބާރާތެއްގައި ވެސް ވާދަނުކޮށް. އޮލިމްޕިކްސް އަށް ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ޕްރެކްޓިސް މި ކުރެވުނީ. އެހެންވީމަ އެގޮތަށް ބަލާއިރު (އިއްޔެގެ) ނަތީޖާ އަކީ ގޯސް ނަތީޖާއެއް ކަމަށް ނެތް ބެލޭކަށް. ހަގީގަތުގައި ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ،" ތޮލާލް ވިދާލުވި އެވެ.
އޭނާ ވިދާޅުވީ އޮލިމްޕިކްސް އަށް ދާނެ އެތުލީޓަކު ހޮވުމަށް ބޭއްވި ޓައިމް ޓްރަޔަލްގައި ސާއިދު ރޭސް ނިންމީ 10.80 ސިކުންތުން ކަމަށެވެ. އިއްޔެ 10.70 ސިކުންތުން ރޭސް ނިންމައި "ސީޒަން ބެސްޓް" ނަތީޖާއެއް ހެދުމަކީ ގޯސް ނަތީޖާއެއް ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސް އަށް ރާއްޖެ އިން ދޭ ސަމާލުކަން އޮލިމްޕިކްސްއަކަށް ނެތެވެ. އޮލިމްޕިކުސް އަށް ވާ ތައްޔާރީތައް ވެސް ކުޑަ އެވެ. އެހެން ނަމަވެސް ތޮލާލް ވިދާޅުވީ، އޮލިމްޕިކްސްއާ މެދު އޮތް ސަމާލުކަން ކުޑަ ނުކުރާ ކަމަށެވެ. ކޮވިޑުގެ ހާލަތުގައި ބޭނުންވާ ވަރަށް ތައްޔާރު ވާން ފުރުސަތު ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަން ކުރައްވާ ތޮލާލް ވިދާޅުވީ އޮލިމްޕިކްސް އަށް ތައްޔާރުވާން ބޭރުގެ ޓްރޭނިން ކޭމެޕެއް ލިބޭތޯ ވަރަށް ކުރިން ފެށިގެން މަސައްކަތް ކުރެއްވި ކަމަށެވެ. ކޮވިޑުގެ ހާލަތުގައި ވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދަތުރު ކުރުމުގައި ލުއިތަކެއް ލިބުމުން އެ ގައުމުން ވެސް ޓްރެއިނިން ކޭމްޕެއް ލިބޭތޭ މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ވެސް ޓްރޭނިން ހެދުމުގެ ހުއްދަ ލިބޭތޯ އެޗްޕީއޭގައި އެދިގެން ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެ ހުއްދަ ވެސް ނުލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"މާލޭގައި ޓްރޭނިން ހެދޭ ގޮތެއް ނުވި. ދެން ދޭތެރެދޭތެރެއިން ލިބޭ ލުއިތަކުގައި ޓްރޭނިން ހަދަން ހުއްދަ ލިބުނަސް ޓްރޭނިންއަކަށްވާ ކަހަލަ ޓްރޭނިންއެއް ހަދަން ފުރުސަތެއް ނުލިބޭ. ބޭރު ގައުމުތަކުން ވެސް ފުރުސަތު ލިބޭތޯ މަސައްކަތް ކުރިން. އެކަމަކު އެ ގައުމުތަކުގައި ވެސް އެ ފުރުސަތުތައް އެހާ ފަސޭހަ ގޮތަކަށް ނޫން އޮތީކީ ވެސް، އެހެންވީމަ ބޭރަށް ފޮނުވައިގެން ވެސް އެ ގައުމުތަކުގައި އެންމެ ރަނގަޅަށް ޓްރޭން ކުރެވޭ ގޮތަކަށް ނޫން އޮތީީކީ" އޭނާ ވިދާޅުވީ އެވެ.
"ދެން މިއީކީ އުޒުރު ދައްކަނީކީ ނޫން. އެކަމަކު މިފަހަރު ލިބުނު ފުރުސަތުތަކާ ބަލައި ނަތީޖާ ގޯހެއް ނޫނޭ މިބުނީ."
ރިއޯ ޑީ ޖެނީރޯގެ އޮލިމްޕިކްސް އަށް ތައްޔާރުވާން އޭރު ލިބުނު ފުރުސަތާއި އެހެން ގޭމްސްތަކާއި މުބާރާތްތަކަށް ލިބުނު ފުރުސަތާއި މި އަހަރު އޮލިމްޕިކްސްއާ އަޅާ ކިޔަން އުޅުމަކީ ގޯހެއް ކަމަށް ތޮލާލް ސިފަ ކުރެއްވި އެވެ.
އޮލިމްޕިކްސް އަށް ތައްޔާރު ވާން އެތުލީޓުންނަށް އެކަށީގެންވާ ޓްރޭނިން ދެވިފައި ނެތުމަކީ އެސޯސިއޭޝަނުން ޒިންމާ ނަގަން ޖެހޭނެ ކަމެއް ކަމަށް ނުދެކެންތޯ ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ ޒިންމާ ނަގަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.
"އެނގޭނެ އޮލިމްޕިކްސް ވެސް އެއް އަހަރަށް ފަސް ވެގެން ދިޔަކަން. އަދި އޮލިމްޕިކްސް އަށް ދާން ތައްޔާރުވިއިރު ރާއްޖެ ވަރަށް ޓައިޓް ލޮކުޑައުންއަކަށް ދިޔަ. މި ހާލަތުގައި އޮއްވާ އެސޯސިއޭޝަނުން ޒިންމާވާން ޖެހޭ ކަމެއް ނެތެއް ނޫންތޯ،" ތޮލާލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރީމޭ ޓްރޭނިން ކޭމްޕް ހޯދަން. އެކަމަކު މުޅި ދުނިޔެ އޮތް ހާލަތުން ކިހިނެއްތޯ ޓްރޭނިން ހަދާނީ. އެންމެ ފަހުން އަޅުގަނޑުމެން މަސައްކަތް ކުރީ ދުބާއީން. ދުބާއީގައި ތަން ކޮޅެއް ލުއިތަކެއް ހޫރިމަ. އެކަމަކު އެކަން ވެސް ހަމަ ނުޖެހި ދިޔައީ. ކޮންމެ ގައުމެއްގައި ވެސް 14 ދުވަހު ކަރަންޓީންވެފައި، ދެން އޭގެ ފަހުން ނުކުމެފައި ފުރިހަމަ ކުރަން ޖެހޭ އެހެން ކަންކަން ފުރިހަމަ ކުރަން ޖެހޭގޮތަށް އޮތީ. އެކަމަކު ގިނަ ގައުމުތަކުގައި އޮތީ ފުލު ލޮކުޑައުން.
"މިއީ ބަޔަކަށް ކަމެއް ނުކުރެވިގެން ޓްރޭނިން ކޭމްޕް ނުލިބިގެން އުޅެނީކީ ނޫން. މި ވަގުތު އޮތް ހާލަތުގެ ގޮތުން އެކަން ނުވެ ދިޔައީ. ކިރިޔާވެސް އަޅުގަނޑުމެންނަށް ފުރުސަތެއް ލިބުނީ އިންޑީއާ އިން. އެހެންވެ އިންޑިއާ އަށް ފޮނުވިން އެއް މަސް ދުވަހުގެ ޓްރޭނިން އަށް."
ޕްރިލިމިނަރީގައި ވާދަކުރި ހީޓުން ސާއިދަށް ހަތަރު ވަނަ
ޕްރިލިމިނަރީ ހީޓުގެ ފޭވަރިޓުންގެތެރޭގައި ސާއިދު
ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިފި
17 އަހަރަށް ފަހު ބަލިވުމުން އެމެރިކާއަށް ބޮޑު ޝޮކެއް
ހަނގުރާމައިގެ ތެރެއިން އޮލިމްޕިކުގެ ޒުވާން އެތުލީޓު
ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން އޮލިމްޕިކްސް ބެލޭނެ
ސާއިދަށް ހާއްސަކޮށް ބޭރުގެ ޓްރޭނިން ކޭމްޕެއް
އޮލިމްޕިކްސް އަށް ތައްޔާރުވާ ސާއިދު އަށް ރޭހެއް ނުދިން
އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ވާދަކުރާނީ ސާއިދު
އޮލިމްޕިކްސްއާ މެދު ސުވާލު އުފެދި ތައްޔާރީތަކަށް ހިޔަނި