Roadha Mihaaru
ޕްރިލިމިނަރީ ހީޓުގެ ފޭވަރިޓުންގެތެރޭގައި ސާއިދު

ޕްރިލިމިނަރީ ހީޓުގެ ފޭވަރިޓުންގެތެރޭގައި ސާއިދު

30 ޖުލައި 2021

ޓޯކިޔޯ އޮލިމްޕިކްސްގެ 100 މީޓަރު ސްޕްރިންޓުގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ރާއްޖޭގެ ހަސަން ސާއިދު ހިމެނޭ ހީޓު 1ގެ ފޭވަރިޓުންގެ ތެރޭގައި އޭނާ ހިމެނިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޯކިޔޯ އޮލިމްޕިކްސްގެ 100 މީޓަރު ސްޕްރިންޓުގެ ޕްރިލިމިނަރީ ބުރުގައި ވާދަކުރާ ރާއްޖޭގެ ހަސަން ސާއިދު ހިމެނޭ ހީޓު 1ގެ ފޭވަރިޓުންގެ ތެރޭގައި އޭނާ ހިމެނިއްޖެ އެވެ.

މާދަމާ ހެނދުނު ރާއްޖޭ ގަޑިން 7:35 ގައި ފަށާ ޕްރިލިމިނަރީ ބުރުގައި ސާއިދު ވާދަ ކުރާނީ ހީޓު 1 ގަ އެވެ. އެ ހީޓުގެ ހިމެނޭ އެތުލީޓުންގެ ތެރެއިން ރޭންކިންއަށް ބަލާއިރު ހަތަރު ވަނައިގައި ހިމެނެނީ ސާއިދު އެވެ. ސާއިދު އަކީ ދުނިޔޭގެ ރޭންކިންގެ 883 ވަނަ އެވެ

އެ ހީޓުގައި ރޭންކިންގެ އެންމެ ކުރިގައި އުޅޭ ދުވުންތެރިޔަކީ ޒިމްބާބްވޭގެ މަކްޝާ ނޮގާނީ އެވެ. އޭނާގެ ރޭންކިންއަކީ 254 ވަނަ އެވެ. އެ ހީޓުގައި ރޭންކިންގެ ދެ ވަނައިގައި ހިމެނެނީ ޓޯގޯގެ ފެބްރީޝީ ޑަބާލާ އެވެ. އޭނާގެ ރޭންކިން އަކީ 449 އެވެ. ރޭންކިންގެ ތިން ވަނަ އަކީ ނިކަރާގްއާގެ އެތުލީޓު، ރޮމޭރޯ އެވެ. ދުނިޔޭގެ ރޭންކިންގައި އޭނާގެ މަގާމަކީ 718 ވަނަ އެވެ.

ޕްރިލިމިނަރީ ބުރުގެ ކޮންމެ ހީޓަކުން އެންމެ ގަދަ ތިން އެތުލީޓުން ކޮލިފައި ވަނީ ހީޓު ރައުންޑަށެވެ. ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އިވެންޓުން ރަން މެޑަލް ހޯދި ސާއިދު ރޭސް ނިންމީ 10.49 ސިކުންތުންނެވެ.

ޕްރިލިމިނަރީ ބުރުގެ ހީޓު 1ގައި މާދަމާ ސާއިދު އާ ވާދަކުރާ މަކްޝާ ނޮގާނީގެ ޕާސަނަލް ބެސްޓު ނަތީޖާއަކީ 10.17 ސިކުންތެވެ. ފެބްރީޝީ ޑަބާލާގެ ޕާސަނަލް ބެސްޓު ނަތީޖާއަކީ 10.36 ސިކުންތެވެ. ރޭންކިންއަށް ބަލައިގެން ތިން ވަނައިގައި އުޅޭ އެތުލީޓު ނިކަރާގްއާގެ ރޯމޭރޯގެ ޕާސަނަލް ބެސްޓަކީ 10.50 ސިކުންނެވެ. ސާއިދުގެ ޕާސަނަލް ބެސްޓު ނަތީޖާ އަކީ 10.33 އެވެ.

ރާއްޖޭގެ 33 އަހަރުވީ، އޮލިމްޕިކުސް ތާރީހުގައި، އޮލިމްޕިކުގެ މަރުހަލާއެއް ކަޑަތު ކުރި ހަމައެކަނި އެތުލީޓަކީ ސާއިދު އެވެ. ބްރެޒިލްގެ ރިއޯ ޑީ ޖެނީރޯގައި އެންމެ ފަހުން ބޭއްވި އޮލިމްޕިކް ގޭމްސްގައި ސާއިދު ވަނީ ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައި ހީޓު ބުރަށް ކޮލފައިވެފަ އެވެ.