Roadha Mihaaru
ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިފި

އޮލިމްޕިކްސްގައި ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދައިފި

27 ޖުލައި 2021

ޓޯކިޔޯ (ޖުލައި 27) - އަންހެނުންގެ ބަރު އުފުލުމުގެ މުބާރާތުގައި 55 ކިލޯ ކެޓަގަރީ، ފިލިޕީންސްގެ ހިޑްލީންޑާ ޑިއާޒް ކާމިޔާބުކޮށް، އޮލިމްޕިކްސްގެ ތާރީހުގައި ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލެއް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޯކިޔޯ (ޖުލައި 27) - އަންހެނުންގެ ބަރު އުފުލުމުގެ މުބާރާތުގައި 55 ކިލޯ ކެޓަގަރީ، ފިލިޕީންސްގެ ހިޑްލީންޑާ ޑިއާޒް ކާމިޔާބުކޮށް، އޮލިމްޕިކްސްގެ ތާރީހުގައި ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލެއް ހޯދައިފި އެވެ.

ރަން މެޑަލް ލިބުމާ އެކު ޑިއާޒުގެ ލޮލުން ފައްދާލީ އުފާވެރިކަމުގެ ކަރުނަ އެވެ. ރަން މެޑަލް ހޯދުމާ ހަމައަށް އޭނާ ދިޔައީ ޖުމްލަ 244 ކިލޯ އުފުލައިގެންނެވެ. އަދި ޑިއާޒު ވަނީ އޮލިމްޕިކް ރެކޯޑު ވެސް މުގުރާލައިފަ އެވެ. ބަރު އުފުލުމުގެ އަންހެނުންގެ ވޯލްޑް ރެކޯޑު އޮންނަ ވެއިޓްލިފްޓާ، ޗައިނާގެ ލިއާއޯ ކިއުއާން ހަދާފައިވާ އޮލިމްޕިކު ރެކޯޑަކީ 243 ކިލޯގެ ބަރު އުފުލުމެވެ. ނަމަވެސް އޭނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕުގައި ޖުމްލަ 227 ކިލޯ އުފުލައިގެން ދުނިޔޭގެ ރެކޯޑު ހަދައިފަ އެވެ.

ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދީ ޑިއާޒު ބަރު އުފުލަނީ --- ފޮޓޯ: އޭއެފްޕީ

ފިލިޕީންސުން ފުރަތަމަ ފަހަރަށް ރަން މެޑަލް ހޯދީ ޑިއާޒު ބަރު އުފުލަނީ --- ފޮޓޯ: އޭއެފްޕީ

ފިލިޕީންސުން އޮލިމްޕިކުގައި ފުރަތަމަ ރަން މެޑަލްއެއް ހޯދީ ގޭމްސްގައި އެ ގައުމުން ބައިވެރިވާން ފެށިތާ 97 އަހަރު ފަހުންނެވެ. ފިލިޕީންސުން އެންމެ ފުރަތަމަ ފަހަރަށް އޮލިމްޕިކުސްގައި ވާދަކުރީ ފްރާންސްގައި 1924 ގައި ބޭއްވި އޮލިމްޕިކްސްގަ އެވެ.

އޮލިމްޕިކުގައި ފިލިޕީންސުން ފުރަތަމަ ހޯދީ ލޯ މެޑަލް އެވެ. އެއީ 1928 ގައި ނެދަލޭންޑްސްގައި ބޭއްވި ގޭމްސްގައި ފިރިހެނުންގެ 200 މީޓަރު ބްރެސްޓްސްޓޯރޯކް ފެތުމުންނެވެ. ފިލިޕީންސުން ފުރަތަމަ ރިހި މެޑަލްއެއް ހޯދީ ޖަޕާންގައި 1964 ގައި ބޭއްވި ގޭމްސްގައި ފެދާ ވެއިޓް ބޮކްސިން އިންނެވެ.

އެމެރިކާގައި 1964 ގައި ބޭއްވި ގޭމްސްގައި އަދި ބްރެޒިލްގައި 2016 ގައި ބޭއްވި ގޭމްސްގެ ލައިޓް ފްލައި ވެއިޓް ބޮކްސިން ވެސް ފިލިޕީންސުން ރިހި މެޑަލް ހޯދި އެވެ.

ފެންސިންގައި ފިރިހެން ކެޓެގަރީން ހޮންކޮންގެ އެޑެގާ ޗެއުންގް ކާލޯންގް އެއް ވަނަ ހޯދައި 25 އަހަރަށް ފަހު ހޮންކޮންގުން ވަނީ އޮލިމްޕިކުސްގައި އެ ގައުމުގެ ފުރަތަމަ ރަން މެޑަލް ހޯދައިފަ އެވެ. ހޮންކޮންގުން މީގެ ކުރިން ރަން މެޑަލް ހޯދީ އެމެރިކާގެ އެޓްލާންޓާގައި 1996 ގެ ގޭމްސްގައި ވިންޑް ސާފިން އިން ލޯ މެޑަލް ހޯދައިގެންނެވެ.