Roadha Mihaaru
ސެމީއަށް ނުހޮވުނު ނަމަވެސް، ސާއިދު ތާރީހުގެ ތެރެއަށް

ސެމީއަށް ނުހޮވުނު ނަމަވެސް، ސާއިދު ތާރީހުގެ ތެރެއަށް

13 އޯގަސްޓް 2016

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ވާދަކޮށް، ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލަށް ނުހޮވުނު ނަމަވެސް އޭނާ ގޭމްސް ނިންމާލީ ތާރީހުން ޖާގަ ހޯދުމަށް ފަހު އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި ވާދަކޮށް، ރާއްޖޭގެ ހަސަން ސާއިދު ސެމީ ފައިނަލަށް ނުހޮވުނު ނަމަވެސް އޭނާ ގޭމްސް ނިންމާލީ ތާރީހުން ޖާގަ ހޯދުމަށް ފަހު އެވެ.

ފުރަތަމަ ބުރުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް ސާއިދު އަށް ވަނަ އަށް ދިޔައިރު އޭނާ ރޭސް ނިންމީ 10.47 ސިކުންތުންނެވެ. މިއީ ގައުމީ ރެކޯޑަށް ވުރެ 0.14 ސިކުންތު ލަސް ވަގުތެވެ. އޭނާ ރޭސް ފެށި ވަގުތު، ރަނގަޅު ހިސާބެއްގައި އޮތް ނަމަވެސް ފަހު ވަގުތު އެހެން ދުވުންތެރިން ވަނީ ލީޑު ނަގައިފަ އެވެ. މި ހީޓުން އެއް ވަނަ ހޯދީ 10.03 ސިކުންތުން ރޭސް ނިންމި އައިވަރީ ކޯސްޓުގެ ބެން ޔޫސުފެވެ.

ސާއިދު ފުރަތަމަ ބުރުން ޖާގަ ހޯދީ، ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައިގެންނެވެ. އެ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ސާއިދު އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު (ކ) 100 މީޓަރު ޕްރިލިމިނަރީ ބުރުގައި ދުވަނީ. --ފޮޓޯ: އޭއެފްޕީ

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު (ކ) 100 މީޓަރު ޕްރިލިމިނަރީ ބުރުގައި ދުވަނީ. --ފޮޓޯ: އޭއެފްޕީ

ސާއިދަކީ މި ފަހަރުގެ އޮލިމްޕިކްސްގެ ޕްރިލިމަރީ ބުރު ފަހަނައަޅައި ދިޔަ ދެކުނު އޭޝިއާގެ ހަމައެކަނި އެތުލީޓެވެ. އަދި ސާއިދު ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ދެ ވަނަ އެތުލީޓަށެވެ. އެ ޝަރަފް މީގެ ކުރިން ހޯދާފައިވަނީ، 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ފުރަތަމަ ބުރުން ޖާގަ ހޯދި އަޒްނީމް އަހުމަދު (އައްޒަ) އެވެ. އެހެންކަމުން، ކެރިއަރުގެ ފުރަތަމަ އޮލިމްޕިކްސްގެ ތަޖުރިބާ ސާއިދަށް ކާމިޔާބެވެ. އޭނާ މިވަނީ ދިވެހި ކުޅިވަރު ތާރީހުން ޖާގަ ހޯދައިފަ އެވެ.

ފުރަތަމަ ބުރުގައި ހަތް ހީޓެއް އޮތްއިރު، ސެމީ ފައިނަލަށް ހޮވުނީ ކޮންމެ ހީޓެއްގެ އެންމެ ބާރު ދެ ދުވުންތެރިންނެވެ. ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އަދި އެންމެ ފަހުގެ އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ޖެމެއިކާގެ އުސެއިން ބޯލްޓް ވަނީ ހަތް ވަނަ ހީޓުގެ އެއް ވަނަ ހޯދައި ސެމީން ޖާގަ ހޯދައިފަ އެވެ. އޭނާ ރޭސް ނިންމީ 10.07 ސިކުންތުންނެވެ. މީގެ އިތުރުން އޭނާގެ ފަހަތުން، އެންމެ ފަހުގެ އޮލިމްޕިކްސްގައި ރިހި މެޑަލް ހޯދި ޔޮހާން ބްލޭކާއި ބޯލްޓާ އެންމެ ވާދަވެރި އެމެރިކާގެ ޖަސްޓިން ގެޓްލިން ވެސް ވަނީ ހީޓު ކާމިޔާބުކޮށް ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ގެޓްލިން ދެ ވަނަ ހީޓުގެ އެއް ވަނަ ހޯދީ 10.01 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަދި ހަ ވަނަ ހީޓުގެ އެއް ވަނަ ބްލޭކް ހޯދީ 10.11 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސެމީ ފައިނަލާއި ފައިނަލް އޮންނާނީ ހޯމަ ދުވަހުގެރެ އެވެ. އޮލިމްޕިކްސްގައި ރާއްޖޭން ވާދަކުރާ އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް ބައިވެރިވެފައިވަނީ 200 މީޓަރު ދުވުމުގަ އެވެ. އެ އިވެންޓް ވެސް އޮންނާނީ ހޯމަ ދުވަހުގެ ރެ އެވެ.