15 އޯގަސްޓް 2016
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 15) - އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، ޖެހިޖެހިގެން ތިން އޮލިމްޕިކްސްގައި އެ އިވެންޓް ކާމިޔާބުކުރި ފުރަތަމަ ދުވުންތެރިޔާގެ ޝަރަފް ޖެމެއިކާގެ އުސެއިން ބޯލްޓް މިއަދު ހޯދައިފި އެވެ.
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 15) - އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، ޖެހިޖެހިގެން ތިން އޮލިމްޕިކްސްގައި އެ އިވެންޓް ކާމިޔާބުކުރި ފުރަތަމަ ދުވުންތެރިޔާގެ ޝަރަފް ޖެމެއިކާގެ އުސެއިން ބޯލްޓް މިއަދު ހޯދައިފި އެވެ.
ބޯލްޓް ރަން މެޑަލް ހޯދީ އޭނާއާ އެންމެ ވާދަވެރި އެމެރިކާގެ ޖަސްޓިން ގެޓްލިންގެ މައްޗަށް ކުރި ހޯދައި 9.81 ސިކުންތުން ރޭސް ނިންމައިގެންނެވެ. ގެޓްލިން ރިހި މެޑަލް ހޯދިއިރު އޭނާ ރޭސް ނިންމީ 9.89 ސިކުންތުންނެވެ. ލޯ މެޑަލް ހޯދީ 9.91 ސިކުންތުން ރޭސް ނިންމި ކެނެޑާގެ އަންދްރޭ ޑި ގްރާސޭ އެވެ. ކުރިން ރިހި މެޑަލް ހޯދާފައިވާ ބޯލްޓުގެ ޕާޓްނަރު ޖެމެރިކާގެ ޔޮހާން ބްލޭކް ދިޔައީ ހަތަރު ވަނަ އަށެވެ.
ބޯލްޓް ބުނީ މިއަށް ވުރެ ބާރަށް ދުވަން އުއްމީދުކުރި ކަމަށާއި މިއީ އެންމެ ފުރިހަމަ ދުވަސް ނޫން ކަމަށެވެ.
"އެކަމަކު އަހަރެން ކުރަން އައި ކަންތައް ހާސިލްވެއްޖެ. އެކަމާ ފަހުރުވެރިވޭ. މިއީ އެއްވެސް މީހަކަށް ހާސިލްކުރެވުނު ކަމެއް ނޫން އަދި ހާސިލްކުރަން ހިތަށް އެރުވި ކަމެއް ވެސް ނޫން،" ބޯލްޓް ބުންޏެވެ.
މި ފަހަރުގެ އޮލިމްޕިކްސް އަށް ފަހު ބޯލްޓް ރިޓަޔާކުރާއިރު އޭނާގެ މިހާރުގެ ޓާގެޓަކީ 200 މީޓަރު ދުވުމުންނާއި ހަތަރެއް ގުނަ 100 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދުމެވެ. އޭނާ ވަނީ 2008 ގެ ބެއިޖިން އޮލިމްޕިކްސް އާއި 2012 ގެ ލަންޑަން އޮލިމްޕިކްސްގައި ވެސް އެ ދެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އެހެންވެއްޖެ ނަމަ ބޯލްޓް ވެގެންދާނީ، އޮލިމްޕިކްސްގެ އެންމެ މުހިއްމު ސްޕްރިންޓް ތިން އިވެންޓުން ޖެހިޖެހިގެން ތިން ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓަށެވެ.
100 މީޓަރުގެ ފައިނަލަށް ތައްޔާރުވެފައި. --ފޮޓޯ: އޭއެފްޕީ
އަންނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕަށް ފަހު އެތުލެޓިކްސް އިން ރިޓަޔާކުރަން ނިންމާފައިވާ އުމުރުން 29 އަހަރުގެ ބޯލްޓަށް ވުރެ ބާރަށް ގެޓްލިން ވަނީ ފުރަތަމަ 40 މީޓަރު ދުވެފަ އެވެ. ސަތޭކަ މީޓަރު ދުވުމުން 2004 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި ގެޓްލިން، އަލުން ރަން މެޑަލް ހޯދުމަށް އުއްމީދު ކުރި ނަމަވެސް، ބޯލްޓް ވަނީ ފަހު 60 މީޓަރުގައި ކުރި ހޯދައި ހަމަޖެހިލުމަށް ފަހު އޭނާގެ ހަތް ވަނަ އޮލިމްޕިކް ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ.
ރިއޯ ޑި ޖެނީރޯގެ އޮލިމްޕިކް ސްޓޭޑިއަމަށް އެއްވެ ތިބި އެންމެން ބޯލްޓަށް ހޫނު ތަރުހީބެއް ދިން އިރު، ގެޓްލިން، 34، އަށް ތަރުހީބެއް ނުލިބުނެވެ. މަނާބޭހަށް ޕޮޒިޓިވްވެ 2001 ވަނަ އަހަރު ސަސްޕެންޑްކޮށް އަދި އެނބުރި އައިސް 2004 ގެ އޮލިމްޕިކްސް އާއި 2005 ގެ ވޯލްޑް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދި ނަމަވެސް 2006 ވަނަ އަހަރު އަނެއްކާ ވެސް އޭނާ ސަސްޕެންޑްކުރި އެވެ. އޭނާ 2010 ވަނަ އަހަރު އެނބުރި އައި ނަމަވެސް 2012 ގެ އޮލިމްޕިކްސް އާއި 2015 ގެ ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް ދިޔައީ ބޯލްޓުގެ ފަހަތަށެވެ. މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕާއި މި ފަހަރުގެ އޮލިމްޕިކްސްގައި ވެސް އޭނާ ރަން މެޑަލް ހޯދާނެ ކަމަށް ބެލެވުނު ނަމަވެސް ބޯލްޓް މި ވަނީ އޭނާގެ މައްޗަށް އަނެއްކާ ވެސް ކުރި ހޯދައިފަ އެވެ.
ނުވަ ރަން މެޑަލް ހަމަކޮށް ބޯލްޓަށް ހާއްސަ ރެކޯޑެއް
200 މީޓަރުން ވެސް ބޯލްޓް ރަން މެޑަލް ހޯދައިފި
200 މީޓަރު ދުވުމުން ބޯލްޓް ފައިނަލަށް
ތާލިބާނުން އަފްޣާނުގެ އަންހެން ޓީމު ބަލައެއް ނުގަތް
ވިސާ ނުލިބުމުން ނަބާ އަށް ޓްރޭނިން އަށް ނުދެވުނު
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
އޮލިމްޕިކްސް އަށް ނުދާން މެސީ ނިންމައިފި
އޮލިމްޕިކް ގޭމްސްގެ ޗެފް ޑެ މިޝަނަރަކަށް އަލީ ރަޝީދު
ދީމާގެ ކާމިޔާބު، ސައުދީ ސަފީރު އަގުވަޒަން ކުރައްވައިފި
ރޭންކިންގެ ކުރިހޯދައި އޮލިމްޕިކްސްގެ ޖާގަ އިބާދުﷲ އަށް