Roadha Mihaaru
ތާލިބާނުން އަފްޣާނުގެ އަންހެން ޓީމު ބަލައެއް ނުގަތް

ތާލިބާން ސަރުކާރުން އަފްޣާނުގެ އަންހެން އޮލިމްޕިކް ޓީމު ބަލައެއް ނުގަތް

09 ޖުލައި 2024

ކާބުލް (ޖުލައި 9) - މި މަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕެރިސް އޮލިމްޕިކް ގޭމްސްގައި އަފްޣާނިސްތާން ތަމްސީލުކުރާ ތިން އަންހެން އެތުލީޓުނަކީ، އެ ގައުމުގެ އެތުލީޓުން ގޮތުގައި ބަލައި ނުގަންނާނެ ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނެފި އެވެ.

ކާބުލް (ޖުލައި 9) - މި މަހުގެ 26 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕެރިސް އޮލިމްޕިކް ގޭމްސްގައި އަފްޣާނިސްތާން ތަމްސީލުކުރާ ތިން އަންހެން އެތުލީޓުނަކީ، އެ ގައުމުގެ އެތުލީޓުން ގޮތުގައި ބަލައި ނުގަންނާނެ ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ބުނެފި އެވެ.

ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ މިއަހަރުގެ އޮލިމްޕިކް ގައި ބައިވެރިވާން އަފްޣާނުގެ ހަ އެތުލީޓުންނަށް ދައުވަތު ދީފަ އެވެ. އެއީ ތިން ފިރިހެން އެތުލީޓުންނާއި ތިން އަހެން އެތުލީޓުންނެވެ.

"އަފްޣާނިސްތާން ތަމްސީލުކުރާނީ ތިން އެތުލީޓުން. މިވަގުތު އަފްޣާނިސްތާނުގައި އަންހެނުންގެ ކުޅިވަރު ހަރަކާތްތަށް މި އޮތީ ހުއްޓާލާފައި. އަންހެނުންގެ ކުޅިވަރު ނުކުޅޭއިރު ގައުމީ ޓީމެއް އޮންނާނީ ކިހިނެއް؟" އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ކުޅިވަރާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަތާމް މަޝްވާނީ، ފްރާންސްގެ އޭއެފްޕީއާ ވާހަކަ ދައްކަމުން ހާމަކުރި އެވެ.

އެތުލެޓިކްސް އާއި ސައިކްލިންގައި ވާދަލުރާ އަންހެން ތިން އެތުލީޓުން ވެސް ދިރިއުޅެނީ އަފްޣާނިސްތާނުން ބޭރުގަ އެވެ.

ފިރިހެން ތިން އެތުލީޓުންގެ ތެރެއިން ގައުމުގައި ތަމްރީނު ހަދާ ހަމައެކަނި އެތުލީޓަކީ ޖޫޑޯ ފައިޓަރެކެވެ. ދެން ތިބީ އެތުލެޓިކްސް އާއި ސްވިމިންގެ އެތުލީޓުންނެވެ.

އައިއޯސީން ބުނިގޮތުގައި، ޓީމާ ބެހޭ ގޮތުން ތާލިބާނުންގެ އޮފިޝަލުންނާ މަޝްވަރާކޮށްފައި ނުވާކަމަށާއި، އެ ފަރާތްތަކަށް ގޭމްސްތަކަށް ދައުވަތު ދީފައިވެސް ނުވާނެ ކަމަށެވެ.

ހަމަ އެއާ އެކު އަފްޣާން ޓީމުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރާ ހަމައެކަނި ފަރާތަކީ އަފްޣާނިސްތާނުން ބޭރުގައި ދިރިއުޅެމުންދާ ގައުމީ އޮލިމްޕިކް ކޮމިޓީގެ ރައީސް އަދި ސެކްރެޓަރީ ޖެނެރަލް ކަމަށް ވެސް އައިއޯސީގެ ތަރުޖަމާނު މާކް އެޑަމްސް ވަނީ ބުނެފަ އެވެ.

ނަމަވެސް އަފްޣާނުގައި ދިރިއުޅޭ އެގައުމުގެ އޮލިމްޕިކް ކޮމިޓީގެ ސީއީއޯ ދާދު މުހައްމަދު ޕަޔެންޑާ އަޚްތާރި ބުނީ، އަންހެން އެތުލީޓުން ގައުމުން ބޭރުގައި ތިބުމާ ގުޅިގެން، ތާލިބާން ސަރުކާރާ މަޝްވަރާ ކުރެވުނީ ހަމައެކަނި ފިރިހެން އެތުލީޓުންނާ ގުޅޭގޮތުން ކަމަށެވެ.

ތާލިބާން ސަރުކާރުން ބުނީ ފިރިހެން އެތުލީޓުންނަށް ޓްރޭނިން އާއި ސްކޮލާޝިޕްގެ ފުރުސަތު ފަހި ކޮށްދޭ ކަމަށެވެ.

"އަހަރެމެން ޒިންމާ ވަނީ އޮލިމްޕިކްސްގައި ވާދަކުރާ ފިރިހެން ތިން އެތުލީޓުންނަށް އެކަނި،" މަޝްވާނީ ބުންޏެވެ.

ތާލިބާނުން ދެވަނަ ފަހަރަށް އަފްޣާނިސްތާނުގައި ވެރިކަން ކުރަން ފެށީ، މީގެ ތިން އަހަރު ކުރިން، 2021 ގަ އެވެ. މިއާ އެކު އަންހެނުން ކުޅިވަރުގައި ޝާމިލްވެ އުޅުމާއި ސްކޫލް މަދަރުސާތަކަށް އަންހެން ކުދިން ފޮނުވުން އޮތީ މަނާކޮށްފަ އެވެ. އެންމެ ފުރަތަމަ 1996-2001 އަށް ވެރިކަން ކުރި އިރު ވެސް ތާލިބާނުން މިފަދައިން ކަން ކުރި އިރު، 2000 ވަނަ އަހަރުގެ ގޭމްސްގައި އެ ގައުމު ބައިވެރި ނުކުރި އެވެ.