Roadha Mihaaru

ޕާކިސްތާނަށް ވަންނަން އުޅުނު އަފްޣާނިސްތާނުގެ 54 ހަނގުރާމަވެރިޔަކު މަރާލައިފި

ޕާކިސްތާނުން އަފްޣާނިސްތާނާ ގުޅިފައި އޮންނަ ހުޅަނގު އުތުރު ބޯޑަރު ހުރަސްކޮށް ވަންނަން އުޅުނު 54 ހަނގުރާމަވެރިއަކަށް ޕާކިސްތާނު ސިފައިން ހަމަލާދީ މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

ޕާކިސްތާނަށް ވަންނަން އުޅުނު 54 މީހަކު މަރާލައިފި

ޕާކިސްތާނުން އަފްޣާނިސްތާނާ ގުޅިފައި އޮންނަ ހުޅަނގު އުތުރު ބޯޑަރު ހުރަސްކޮށް ވަންނަން އުޅުނު 54 ހަނގުރާމަވެރިއަކަށް ޕާކިސްތާނު ސިފައިން ހަމަލާދީ މަރާލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

"ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ހުރަސްކޮށް އެތެރެވާން އުޅުނު ބޮޑު ގްރޫޕެއްގެ ހަރަކާތްތައް... ސަލާމަތީ ބާރުތަކަށް ފާހަގަވި،" އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހަނގުރާމަވެރިންގެ އަމާޒަކީ "ޕާކިސްތާނުގެ ތެރޭގައި ޓެރަރިޒަމްގެ ބޮޑެތި ހަރަކާތްތައް ހިންގުން" ކަމަށާއި އެ 54 މީހުން ވެސް މަރާލާފައިވާ ކަމަށެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވެފައި ވާއިރު މިދިޔަ ހަފްތާގައި ޕާކިސްތާނުން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ލައްކައަކަށްވުރެ ގިނަ މީހުން ވަނީ ޕާކިސްތާން ދޫކޮށް ގޮސްފަ އެވެ. އެއީ އަފްޣާނިސްތާނުން ޕާކިސްތާނަށް އެެތެރެވެގެން އުޅެނީ ޓެރަރިސްޓުންނާއި ކުށްވެރިން ކަމަށް ބުނެ އެ މީހުންގެ ވިސާތައް ކެންސަލްކުރުމާއި އެ މީހުންނާ ދެކޮޅަށް ފަށާފައިވާ އެކި އޮޕަޜޭޝަންތަކުގެ ސަބަބުން ދިޔަ މީހުންނެވެ.

ބެލެވޭ ގޮތުގައި އަފްޣާނިސްތާނު މީހުންނާ މެދު ޕާކިސްތާނުން ހަރުކަށި ފިޔަވަޅު އަޅަމުންދާނީ ބޯޑަރު ސަރަހައްދުގައި ދޭ ހަމަލާތައް ހުއްޓުވަން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ޕްރެޝަރު ކުރުމަށެވެ.

ފާއިތުވި އަހަރުތަކުގައި، އަފްޣާނިސްތާނުގެ އެތައް މިލިއަން ބަޔަކު ޕާކިސްތާނަށް ވަދެފައިވަނީ ހިނގަމުންދާ ހަނގުރާމަތަކުން ސަލާމަތްވުމަށެވެ. އަދި 2021 ވަނަ އަހަރު ތާލިބާނުންގެ ސަރުކާރު އަލުން ވެރިކަމަށް އައި ފަހުން އެތައް ލައްކަ ބަޔަކު ވަނީ ޕާކިސްތާނަށް ވަދެފައިވެ އެވެ.