Roadha Mihaaru
އަފްޣާނިސްތާނުގައި ނަމާދު ނުކުރާ މުވައްޒަފުންނަށް އަދަބު

ސަރުކާރު މުވައްޒަފުން މިސްކިތަށް ނުދާ ނަމަ އަދަބު ދޭން ތާލިބާނުން ނިންމައިފި

09 އޯގަސްޓް 2024

އަފްޣާނިސްތާނު ސަރުކާރުގެ މުވައްޒަފުން ފަސް ވަގުތު މިސްކިތަށް ދާން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ އަދަބު ދޭނެ ކަމަށް ތާލިބާނުންގެ އިސް ލީޑަރު ހިބަތުﷲ އަޚުންޒާދާ ވިދާޅުވެއްޖެ އެވެ.

އަފްޣާނިސްތާނު ސަރުކާރުގެ މުވައްޒަފުން ފަސް ވަގުތު މިސްކިތަށް ދާން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ އަދަބު ދޭނެ ކަމަށް ތާލިބާނުންގެ އިސް ލީޑަރު ހިބަތުﷲ އަޚުންޒާދާ ވިދާޅުވެއްޖެ އެވެ.

"[ތާލިބާން ސަރުކާރުގެ] ވުޒާރާތަކާއި މުއައްސަސާތަކުގެ އޮފިޝަލުންނަށް، ކަނޑައެޅިފައިވާ ވަގުތުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ޝަރީއާ އިން ލާޒިމު،" އަޚުންޒާދާ ސޮއިކުރައްވައި ނެރުއްވި އަމުރުގައިވެ އެވެ.

އެ އަމުރުގައި ވަނީ މަގުބޫލު އުޒުރަކާނުލައި ޖަމާއަތުގައި ނަމާދު ނުކުރާ މުވައްޒަފުންނަށް އެ މުވައްޒަފެއްގެ ކަންކަމާ ހަވާލުވެ ހުރި ވެރިޔަކު އިންޒާރުދޭން ޖެހޭނެ ކަމަށެވެ. އަދި އެކަން ތަކުރާރުކޮށްފި ނަމަ އެކަށީގެންވާ އަދަބު ދޭންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަމާއަތުގައި ނަމާދު ނުކުރާ މުވައްޒަފުންނަށް ދޭނީ ކޮން އަދަބެއް ކަމެއް އަމުރުގައި ބުނެފައެއް ނުވެ އެވެ. އަދި އެކަމާ ބެހޭ ގޮތުން އޭއެފްޕީން އަފްޣާނިސްތާނު ސަރުކާރުގެ އޮފިޝަލުންނާ ކުރި ސުވާލަށް ޖަވާބެއް ނުލިބުނެވެ.

އަމުރުގައި އޮތީ ރަސްމީ ގަޑީގައި ޖަމާއަތަށް ދިއުމުގެ ވާހަކަ ކަމަށް ވާއިރު ނުރަސްމީ ގަޑީގައި އެކަން މޮނިޓަކުރާނެ ގޮތެއް ބުނެފައެއް ނުވެ އެވެ.

އެންމެ ފުރަތަމަ 1996 އިން 2001 އަށް އަފްޣާނިސްތާނުގައި ވެރިކަންކުރި ތާލިބާނުންގެ ވެރިޔާ އަޚުންޒާދާ އޭނާގެ އަމުރުތައް ނެރުއްވަނީ ދެކުނު ކަންދަހާރުގައި ހުންނަވައިގެންނެވެ. އޭނާ ހުންނަވާ ތަނެއް ހާމައެއް ނުކުރެ އެވެ. އަދި އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވަނީ ވެސް ވަރަށް މަދުންނެވެ. -- އޭއެފްޕީ