Roadha Mihaaru
ތާލިބާނުން އަންހެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި

ތާލިބާން ސަރުކާރުން އަންހެން މުވައްޒަފުންގެ މުސާރަ ކުޑަކޮށްފި

09 ޖުލައި 2024

އަފްޣާނިސްތާނުގެ ތާލިބާނުންނަށް ވެރިކަން ލިބުމާ އެކު ސަރުކާރުގެ ވަޒީފާތަކަށް އަންހެން މުވައްޒަފުން ނުކުތުން މަނާކޮށްފައި އޮތުމަށް ފަހު އެ މުވައްޒަފުންގެ މުސާރަ ވެސް ކުޑަކޮށްފި އެވެ.

އަފްޣާނިސްތާނުގެ ތާލިބާނުންނަށް ވެރިކަން ލިބުމާ އެކު ސަރުކާރުގެ ވަޒީފާތަކަށް އަންހެން މުވައްޒަފުން ނުކުތުން މަނާކޮށްފައި އޮތުމަށް ފަހު އެ މުވައްޒަފުންގެ މުސާރަ ވެސް ކުޑަކޮށްފި އެވެ.

ތާލިބާނުންނަށް 2021 ވަނަ އަަހަރު ވެރިކަން ލިބުމާ އެކު ސަރުކާރުގެ ވަޒީފާތަކުގައި ތިބި އަންހެނުންގެ ތެރެއިން ގިނަ ބަޔަކު ގެޔަށް ފޮނުވާލި ނަމަވެސް އެ މީހުންނަށް މިހާތަނަށް އައީ ބަރާބަރަށް މުސާރަ ދެމުންނެވެ.

"ގޭގައި ތިބި އަންހެނުން އޮފީހަކަށް ނުދޭ. އެ މީހުންގެ މުސާރަ އަކީ މަހަކު 5،000 އަފްޣާނިސް (70 އެމެރިކާ ޑޮލަރު)،" ފިނޭންސް މިނިސްޓްރީގެ ތަރުޖަމާނު އަހްމަދު ވަލީ ހަކްމަލް އޭއެފްޕީއަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ ތަންތަނުގައި، ފިރިހެނުންނާ ވަކިން މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް އެ މީހެއްގެ މަގާމާ ގުޅޭ ގޮތުން މުސާރަ ދެމުން ގެންދާނެ ކަމަށެވެ.

ތާލިބާނުން ވެރިކަމަށް އައި އިރު އަންހެން މުވައްޒަފުންނަށް 35،000 އަފްޣާނީއާ ހަމަޔަށް މުސާރަ ލިބެ އެވެ. މީގެ ތެރޭގައި ޔުނިވަސިޓީ ޕްރޮފެސަރުން ވެސް ހިމެނޭ އިރު އެ މީހުން ވަނީ ވަޒީފާއަށް ނުކުތުން މަނާކޮށްފަ އެވެ.

މިނިސްޓްރީތަކުގެ އިދާރީ މުވައްޒަފުންގެ ގޮތުގައި ތިބި އަންހެނުންނަށް ތާލިބާނުން އައި އިރު މަހަކު ގާތްގަނޑަކަށް 20،000 އަފްޣާނިސް ލިބެ އެވެ. އެކަމަކު އެ އަދަދު ވެސް ވަނީ ތާލިބާނުންނަށް ވެރިކަން ލިބުމާ އެކު 15،000 އަށް ދަށްކޮށްފަ އެވެ.

ތާލިބާނުން އެނބުރި ވެރިކަމަށް އައި ފަހުން އަންހެނުންގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އާންމުންގެ ތެރެއަށް އަންހެނުން ނުކުމެ އުޅުން ކޮންޓްރޯލްކޮށް ތައުލީމް ހާސިލްކުރުމަށް ވެސް ގެންދަނީ ހުރަސް އަޅަމުންނެވެ. -- އޭއެފްޕީ