Roadha Mihaaru
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ

ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ

22 ޖޫން 2023

ނިއުޔޯކް (ޖޫން 22) - އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތުގެ ސަރުކާރުން، އެ ގައުމުގެ އަންހެނުންނާއި އަންހެން ކުދިންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އެ ގޮތުގައި ދެމި އޮތްހާ ހިނދަކު، ތާލިބާނުންގެ ސަރުކާރު ބަލައިގަތުމަކީ ގާތްގަނޑަކަށްހެން ކުރެވޭނެ ކަމެއް ކަމަށް. އދ. މަޖިލީހުން ބުނެފި އެވެ.

ނިއުޔޯކް (ޖޫން 22) - އަފްޣާނިސްތާނުގައި ވެރިކަން ކުރަމުންދާ ތާލިބާން ޖަމާއަތުގެ ސަރުކާރުން، އެ ގައުމުގެ އަންހެނުންނާއި އަންހެން ކުދިންނާ ދެކޮޅަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އެ ގޮތުގައި ދެމި އޮތްހާ ހިނދަކު، ތާލިބާނުންގެ ސަރުކާރު ބަލައިގަތުމަކީ ގާތްގަނޑަކަށްހެން ކުރެވޭނެ ކަމެއް ކަމަށް. އދ. މަޖިލީހުން ބުނެފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އދ. އިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަ މަންދޫބު ރޯޒާ އޮޓުންބަޔޭވާ އިއްޔެ ވިދާޅުވި ގޮތުގައި އދ. މަޖިލީހުން ތާލިބާނުންގެ ވެރިކަން ބަލައިގަތުމަށް އެ ޖަމާއަތުން މިހާރު އޮތީ ހުށަހަޅައިފަ އެވެ. އެކަމަށް އެދި ހުށަހެޅިއިރުވެސް އަދި މިހާރު ވެސް ތާލިބާނުންގެ ސަރުކާރުން އަމަލު ކުރަމުން ދަނީ އދ. މަޖިލީހުގެ ޗާޓަރުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަފްޣާނިސްތާނުގައި ވެރިކަން ކުރާ މީހުންނާ އެކުގައި އާންމުކޮށް އަޅުގަނޑު މި ބާއްވާ ބައްދަލުވުންތަކުގައި ވެސް މި ބުނަނީ، އެމީހުންގެ ސަރުކާރު ބަލައިގަތުމަށް ހުރަސްތައް ކުރިމަތިކުރަނީ ހަމަ އެމީހުން އަމިއްލައަށޭ. އެ ހުރަސްތަކަކީ، އެ ގައުމުގެ އަންހެނުންނާއި އަންހެން ކުދިންނާ ދެކޮޅަށް އެމީހުން ކަނޑައަޅާފައިވާ ގަރާރުތަކާއި ނިންމާފައިވާ ހަރުކަށި ނިންމުންތައް،" އދ.ގެ މަންދޫބު ރޯޒާ އޮޓުންބަޔޭވާ ސަލާމަތީ މަޖިލީހުގައި އިއްޔެ ވިދާޅުވި އެވެ.

"އެ ގައުމުގެ އަންހެނުންނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެ ގޮތުގައި އޮތްހާ ހިނދަކު، ބައިނަލްއަގުވާމީ މުޖްތަމައުން އެމީހުންގެ ސަރުކާރު ބަލައިގަތީ މުޅިންހެން މުސްތަހީލު ކަމެއް ކަމަށް އެމީހުން ގާތުގައި އޮންނާނީ ބުނެފައި."

އެމެރިކާ އާއި އިނގިރޭސި ސިފައިން، 20 އަހަރު ވަންދެން އަފްޣާނިސްތާނު އަޅުވެތިކޮށް ތިބުމަށް ފަހު، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާއެކު، ތާލިބާނުންގެ ހަނގުރާމަވެރިން ވަނީ، އެ ގައުމުގައި އޮތް ސަރުކާރު ވައްޓާލައި، ވެރިކަމަށް އަރައިފަ އެވެ. ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވިތާ ގާތްގަނޑަކަށް ދެ އަހަރު ވެގެންދާއިރު، ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ބައިނަލްއަގުވާމީ ޖަމާއަތަކުން ވެސް ތާލިބާނުންގެ ސަރުކާރު ގަބޫލެއް ނުކުރެ އެވެ.

އެމެރިކާ ސިފައިން 2001 ވަނަ އަހަރު އަފްޣާނިސްތާނަށް އެރުމުގެ ކުރިން، 1996 ން 2001 އަށް ވެސް އަފްޣާންގައި އޮތީ ތާލިބާން ޖަމާއަތުގެ ވެރިކަމެކެވެ. ތާލިބާނުންގެ ވެރިކަން އޮތް ދުވަސްވަރު، އެ ގައުމުގެ އަންހެނުން ތިބީ ގިނަ ހައްގުތަކުން މަހުރޫމް ކޮށްފަ އެވެ. އަންހެނުންނަށް ކިޔަވައިދިނުމާއި އަންހެން ކުދިން ސްކޫލްތަކަށް ފޮނުވުން ހުއްޓާލައި، ވަޒީފާ އަދާކުރުން ވެސް މަނާކުރި އެވެ. އޭގެ އިތުރުން އާންމު ތަންތަނަށް އަންހެނުން ނުކުމެ ކުޅިވަރުތައް ކުޅުމާއި ޕާޓީތައް ބޭއްވުން ވެސް މަނާކުރި އެވެ.

އޭގެ 20 އަހަރު ފަހުން، އޮގަސްޓް 2021 ގައި އަލުން ވެރިކަމަށް އެރުމަށް ފަހު، ތާލިބާނުން އެންމެ ފުރަތަމަ ވެސް ބުނީ، މިއީ ކުރީގެ ތާލިބާން ޖަމާއަތް ނޫން ކަމަށާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކޮށްދޭނެ ކަމަށެވެ. ނަމަވެސް ވެރިކަމުގައި މާ ގިނަ ދުވަސްތަކެއް ނުވަނީސް، ތާލިބާން ޖަމާއަތުގެ ހަގީގީ ސޫރަ ފެންނަން ފެށި އެވެ.

އެ ގޮތުން ތާލިބާނުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި ހުރިހާ އަންހެނުން ވަޒީފާތަކުން ވަކިކޮށްލުމެވެ. އެއަށް ފަހު، 2021ގެ ޑިސެމްބަރު މަހުން ފެށިގެން، ސާނަވީ މަރުހަލާގެ ސްކޫލްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރި އެވެ. އަދި ޔުނިވަސިޓީތަކުގައި އަންހެނުންނަށް ކިޔަވައިދިނުން، ޑިސެމްބަރު 20، 2022 އިން ފެށިގެން މަނާކުރި އެވެ.

އޭގެ އިތުރުން އެ ގައުމުގެ އަމިއްލަ މީހުން ހިންގާ ކުންފުނިތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުގައި އަންހެނުން ވަޒީފާ އަދާކުރުން ވެސް މަނާކުރި އެވެ. އަދި ބައިނަލްއަގުވާމީ މުޖްތަމައުން ފޮނުވާ އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ކުރާ، ބޭރުގެ އަމިއްލަ ޖަމާއަތްތަކާ އެކުގައި މަސައްކަތް ކުރުން ވެސް އަންހެނުންނަށް މަނާކުރި އެވެ.