Roadha Mihaaru
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި

އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި

08 މެއި 2022

އަފްގާނިސްތާނުގެ ހުރިހާ ސަރަހައްދުތަކެއްގައި ވެސް، އާންމު ތަންތަނަށް އަންހެނުން ނުކުމެ އުޅޭ ނަމަ، މޫނު ނިވައިކުރުމަށް އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން މަޖުބޫރުކޮށްފި އެވެ.

އަފްގާނިސްތާނުގައި ތާލިބާނުން އެކުލަވައިލި ސަރުކާރުގައި އަލަށް އުފެއްދި، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމާ ބެހޭ މިނިސްޓްރީގެ ފަރާތުން އިއްޔެ އާންމުކުރި، އެ ޖަމާއަތުގެ ލީޑަރު ހިބަތުﷲ އަޚުންދްޒާދާގެ ގަރާރެއްގައި ބުނެފައިވާ ގޮތުން، އެ އެންގުމާ ޚިލާފުވާ ޢާއިލާއަކަށް އަދަބު ލިބޭނެ އެވެ. އެ ގަރާރުގައިވާ ގޮތުން، މުހިންމު ކަމެއް ނެތް ނަމަ، އެންމެ ރަނގަޅު ގޮތަކީ އަންހެނުން ގޭގައި ތިބުމެވެ.

"މާ މުސްކުޅި ނޫން، އަދި ޒުވާން އަންހެން ކުދިން ފިޔަވައި، ކޮންމެ އަންހެނަކު ވެސް، އާންމު ތަންތަނަށް ނުކުމެ އުޅޭ އިރު، މަހްރަމުންނަށް ނުވާ ފިރިހެނުންނާ ބައްދަލުވާ ހިނދު އެމީހުންގެ ފަރާތުން ފުރައްސާރައާ ކުރިމަތިވުން ހުއްޓުވުމަށްޓަކައި، އެކަނބަލުންގެ ދެ ލޯ ފިޔަވައި އެކަނބަލުންގެ މޫނުތައް، އިސްލާމީ ޝަރީއާގައި އަންގަވާފައިވާ ގޮތުގެ މަތިން ނިވައިކުރަންޖެހޭނެ،" ތާލިބާނުންގެ ލީޑަރު އިއްޔެ އާންމުކުރި ގަރާރުގައިވެ އެވެ.

މެއި 7، 2022: އަފްގާނިސްތާނުގެ އަންހެނުން މޫނު ބުރުގާ އަޅައިގެން ނޫނީ އާންމު ތަންތަނަށް ނުކުތުން މަނާކޮށް ތާލިބާނުންގެ ސަރުކާރުން ކަނޑައެޅި ގަރާރު، އެ ގައުމުގެ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމާ ބެހޭ ވަޒީރު މުހައްމަދު ޚާލިދު ހަނަފީ އިއުލާން ކުރައްވަނީ. --އޭއެފްޕީ

މި ގަރާރާ ބެހޭ ގޮތުން ތާލިބާނުންގެ ތަރުޖަމާނު ބުނީ، ސަރުކާރުން ނިންމި ނިންމުމާ އެއްވެސް އަންހެނަކު ޚިލާފުވެއްޖެ ނަމަ، އެ އަންހެނެއްގެ ބައްޕަ ނުވަތަ އޭނާއާ އެންމެ ތިމާގެ ފިރިހެނަކު ޖަލަށް ލެވޭނެ ކަމަށެވެ. އަދި އެފަދަ އަންހެނެއްގެ ބައްޕަ ނުވަތަ އެންމެ ތިމާގެ ފިރިހެނާ އުޅެނީ ސަރުކާރުގެ ވަޒީފާއެއްގައި ނަމަ، އެ ވަޒީފާއަކުން އެފިރިހެނަކު ވަކިކުރެވޭނެ އެވެ.

މީގެ ކުރިން 1996-2001 އަށް ތާލިބާނުން އެ ގައުމުގައި ވެރިކަން ކުރި ދުވަސްވަރު ވެސް، އަންހެނުންނާ މެދު މިފަދަ ހަރުކަށި އުސޫލުތަކެއް ގެންގުޅުނެވެ. ވިހި އަހަރަށް ފަހު، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތާލިބާނުންނަށް އަނެއްކާ އެ ގައުމުގެ ވެރިކަން ލިބުމާ އެކު، އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމުގެ އަމަލުތައް ވަނީ ފަށައިފަ އެވެ.

މެއި 7، 2022: މޫނު ބުރުގާ އެޅި ދެ އަންހެނަކު ސައިކަލަކަށް އަރުވައިގެން ފިރިހެނަކު ކާބުލްގެ މަގަކުން ސައިކަލުގައި ދުއްވަނީ. --އޭއެފްޕީ

މެއި 7، 2022: މޫނު ބުރުގާ އެޅި ދެ އަންހެނަކު ސައިކަލަކަށް އަރުވައިގެން ފިރިހެނަކު ކާބުލްގެ މަގަކުން ސައިކަލުގައި ދުއްވަނީ. --އޭއެފްޕީ

އެ ގޮތުން ސާނަވީ މަރުހަލާ އިން ފެށިގެން މަތީ އުމުރުފުރާގެ އަންހެންކުދިން ސްކޫލްތަކަށް ކިޔަވަން ދިއުން މަނާކުރުމާއި، ސަރުކާރުގެ ވަޒީފާތަކުން އަންހެނުން ވަކިކުރުމާއި، ފަނޑިޔާރުންގެ ގޮތުގައި ތިބި އަންހެނުންނާއި ގާނޫނީ ވަކީލުންގެ ގޮތުގައި ތިބި އަންހެނުންނަށް ވެސް، އެމީހުންގެ ވަޒީފާ އަދާނުކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.

އޭގެ އިތުރުން، ފިރިމީހާ ނުވަތަ ކާވެނި ހެޔޮނުވާ ފިރިހެނަކާ އެކުގައި ނޫނީ އަންހެނުން ދަތުރުކުރުން މަނާކޮށް، އަންހެނުންނާއި ފިރިހެނުން އެއް ވަގުތެއްގައި ޕާކްތަކަށް ވަދެ އުޅުން ވެސް، މީގެ ދެތިން މަސް ކުރިން ވަނީ މަނާކޮށްފަ އެވެ.