Roadha Mihaaru
ކިޔެވުން މަނާކުރުމުން އަފްގާނު ކުދިން ކައިވެންޏަށް

ކިޔެވުން މަނާކުރުމުން އަފްގާނު އަންހެން ކުދިން ކައިވެންޏަށް

08 ޑިސެމްބަރ 2021

އަފްގާނިސްތާނުގެ މަދަރުސާތަކުގައި، ސާނަވީ މަރުހަލާގެ ގްރޭޑްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން، ތާލިބާން ސަރުކާރުން ހުއްޓައިލުމާ ގުޅިގެން، އެ ކުދިންގެ ކުރިމަގަށް ވަރަށް ބޮޑަށް ހުރަސްއެޅި، ޅަ އުމުރުގައި ކައިވެނިކުރާ ކުދިން އިތުރުވާން ފަށައިފި އެވެ.

އަފްގާނިސްތާނުގެ މަދަރުސާތަކުގައި، ސާނަވީ މަރުހަލާގެ ގްރޭޑްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން، ތާލިބާން ސަރުކާރުން ހުއްޓައިލުމާ ގުޅިގެން، އެ ކުދިންގެ ކުރިމަގަށް ވަރަށް ބޮޑަށް ހުރަސްއެޅި، ޅަ އުމުރުގައި ކައިވެނިކުރާ ކުދިން އިތުރުވާން ފަށައިފި އެވެ.

މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަން އަތުލުމާ އެކު، އަންހެނުންނާއި އަންހެން ކުދިންގެ އެތައް ހައްގުތަކެއް ވަނީ ނިގުޅައިގެންފަ އެވެ. އެގޮތުން، ސާނަވީ މަރުހަލާގެ ގްރޭޑްތަކުގެ އަންހެންކުދިން ސްކޫލަށް ހާޒިރުވުން މަނާކުރުން ހިމެނެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ވަޒީފާތަކުގައި ތިބި އަންހެން މުވައްޒަފުންގެ ތެރެއިން ވަރަށް މަދު ބަޔަކު ފިޔަވައި އެހެން ހުރިހާ އަންހެނުން ވަނީ ވަޒީފާތަކުން ވަކިކޮށްފަ އެވެ. ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އަންހެނުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާފައިވާ އިރު، ހުރިހާ އަންހެން ފަނޑިޔާރުން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އަންހެންކުދިން ސްކޫލްތަކަށް ހާޒިރުވުން މަނާކުރިތާ ތިން މަސް ވެގެން ދިޔައިރު ވެސް، އަލުން ސްކޫލްތަކަށް ދެވޭނެ ދުވަހެއް ނޭނގޭ ކަމަށް އަންހެން ދަރިވަރުން ބުނެ އެވެ. އަދި އެއީ އެކުދިންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށް ވެސް އެކުދިން ބުނެ އެވެ.

"ކިޔެވުމުގެ ހައްގު ނުލިބި މިހެން ތިބުމަކީ މަރުގެ އަދަބު ދިނުން ފަދަ ކަމެއް. ސްކޫލް ބަންދު ކުރީއްސުރެ އަހަރެމެންނަށް އިހްސާސް ކުރެވެނީ އަހަރެމެން މިތިބެނީ، ސަހަރާއެއްގެ ތެރެއަށް ބެހި ވާނުވާއެއް އަދި ދެވޭނުދެވޭއެއް ނޭނގޭ ފަދަ ގޮތެއްގައި ހެން،" ބަދަޚްޝާން ޕްރޮވިންސްގެ ސްކޫލެއްގައި ކިޔެވި ދަރިވަރެއް ކަމަށްވާ 15 އަހަރުގެ މީނާ، ބީބީސީ އަށް ބުންޏެވެ.

"ގޭތެރޭގައި މަންމަމެންގެ މަސައްކަތުގައި ބައިވެރިވުން ނޫނީ، މިހާރު ކުރާނެ އިތުރު ކަމެއް ނެތް. އަހަރެމެން މިތިބީ ގޭގެ ހަތަރު ފާރުން އެތެރޭގައި ގަނޑުވެފައި،" ޓަކާރް ޕްރޮވިންސްގެ ސްކޫލެއްގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށްވާ، ލައިލާ، 16، ބުންޏެވެ.

ބީބީސީގެ ނޫސްވެރިން އަފްގާނިސްތާނުގެ 13 ޕްރޮވިންސަކަށް ދަތުރުކޮށް، އަންހެން ކުދިންގެ ކިޔެވުމުގެ ހާލަތު ވަޒަންކުރި އިރު، އެއިން އެއްވެސް ޕްރޮވިންސެއްގައި އަންހެން ކުދިން ސްކޫލަށް ދިއުން ހުއްދައެއް ނޫނެވެ. އެހެންކަމުން، އެ ކުދިންނާއި އެކުދިންނަށް ކިޔަވައިދޭން އުޅުނު ޓީޗަރުން ތިބީ ވަރަށް ބޮޑަށް ނާއުންމީދުވެފައި ކަމަށް ބީބީސީން ބުނެ އެވެ.

އަންހެން ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ބުނި ގޮތުގައި، އަންހެން ކުދިންނަށް ކިޔަވައިދިނުން ހުއްޓާލާފައިވާތީ، އެ މީހުން ވެސް މިހާރު ތިބީ ސްކޫލްތަކަށް ދިއުން މަނާކޮށްފަ އެވެ. ނަމަވެސް ވަޒީފާއިން ވަކިކުރި ކަން އަންގާފައި ނެތަސް، މިދިޔަ ޖޫން މަހުން ފެށިގެން މުސާރަ ނުލިބޭ ކަމަށް ޓީޗަރުން ބުނެ އެވެ.

އެއް ޓީޗަރަކު ބުނި ގޮތުގައި އަންހެން ކުދިން ސްކޫލަށް ހާޒިރުވުން މަނާކުރުމާ ގުޅިގެން، އޭނާ ކުރިން ކިޔަވައިދިން ތިން ކުއްޖަކު މިހާރު ވަނީ، ޅައުމުރުގައި މީހުންނާ އިނދެފަ އެވެ. އަދި މިހާރުވެސް 15، 16 އަހަރުގެ ކުދިންނާ ކާވެނިކުރުމަށް ބައެއް ފިރިހެނުން ހުށަހަޅައި، އެކުދިންގެ މައިންބަފައިން އެއްބަސް ކުރުވަމުންދާ ކަމަށް ވެސް ޓީޗަރުން ބުނެ އެވެ.

"އަހަރެމެން ބައެއް ދަރިވަރުންނާ ވަޓްސްއެޕް މެދުވެރިކޮށް ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަން. އެކުދިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި. ނަފްސާނީ ގޮތުން އެކުދިން ތިބީ ވަރަށް އަސަރުކޮށްފައި. އެކުދިންނަށް ކޮންމެވެސް އުންމީދެއް ދެވޭތޯ އަހަރެން މަސައްކަތް ކުރަން. ނަމަވެސް ކަންތައް ވަމުންދާ ގޮތުން، އެ ކުދިންނަށް ކުރިމަތިވާ ނާއުންމީދު އެއަށް ވުރެ މާބޮޑު،" ކާބުލްގެ ސްކޫލެއްގައި ކިޔަވައިދިން އަންހެން ޓީޗަރަކު ބުންޏެވެ.

ސާނަވީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކޮށްފައި އޮތުމުން، އެއަށް ވުރެ ދަށް ގްރޭޑްތަކުގެ އަންހެން ކުދިންނަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ޓީޗަރުން ބުނެ އެވެ. އެކަން ފާހަގަކުރެވެނީ، ސާނަވީ ގްރޭޑްތަކުގެ އަންހެން ކުދިން ސްކޫލަށް ދިއުން މަނާކުރުމާ ގުޅިގެން، ސްކޫލަށް ހާޒިރުވާ ދަށް ގްރޭޑްތަކުގެ އަންހެން ކުދިންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުވެފައިވާތީ އެވެ.