Roadha Mihaaru
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ

އެހީ ދޭ ޖަމާއަތްތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާ

27 ޑިސެމްބަރ 2022

އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އަންނަ، ބައިނަލްއަގުވާމީ އެހީ ދޭ ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން މަނާކޮށްފި އެވެ.

އަފްޣާނިސްތާނުގައި ހާލުގައި ޖެހިފައިވާ އާންމު ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުން އަންނަ، ބައިނަލްއަގުވާމީ އެހީ ދޭ ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ސަރުކާރުން މަނާކޮށްފި އެވެ.

ތާލިބާން ސަރުކާރުގެ މި ނިންމުމާ ގުޅިގެން، އެ ޖަމިއްޔާތަކުން މިހާރު ވަނީ އަފްޣާނިސްތާނުގައި ކުރަމުން އައި މަސައްކަތްތައް މެދުކަނޑާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، އެކްޝަން އެއިޑް، އިނގިރޭސި ވިލާތުގެ ކްރިސްޓިއަން އެއިޑް، އިނގިރޭސި ވިލާތުގެ ސޭވް ދަ ޗިލްޑްރެން، ނޯވޭޖިއަން ރެފިއުޖީ ކައުންސިލް، ކެއާ ޖަމިއްޔާ އަދި އިންޓަނޭޝަނަލް ރެސްކިޔޫ ކޮމިޓީ އެވެ.

އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ މި ހަ ޖަމިއްޔާގައި 3000 އަށް ވުރެ ގިނަ އަންހެނުން މުވައްޒަފުންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނުގެ އަންހެނުންނާއި އެހެން ގައުމުތަކުގެ އަންހެނުން ވެސް ހިމެނެ އެވެ.

އެ ޖަމިއްޔާތަކުގެ ތެރެއިން ކްރިސްޓިއަން އެއިޑްގެ ހެޑް އޮފް ގްލޯބަލް ޕްރޮގްރާމްސް ރޭ ހަސަން ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގައި އަންހެނުން ވަޒީފާ އަދާކުރުން މަނާކުރި ސަބަބެއް އޮޅުން ފިލުވައިދިނުމަށް، އަފްޣާން ސަރުކާރުގައި މިހާރު ވާނީ އެދިފަ އެވެ. އަދި އެ ނިންމުން އަނބުރާ ގެންދިއުމަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަފްޣާނިސްތާނުގެ އެތައް މިލިއަން ބަޔަކު މިހާރު ވެސް ހައިހޫނުކަމުގެ ތުންފަތްމަތީގައި. ކާބޯތަކެތި ގަންނާނެ ފައިސާ ހޯދުމަށްޓަކައި ދަރިން ވެސް ވިއްކާލާ ހިސާބަށް ބައެއް އާއިލާތަކުގެ ހާލަތު ގޯސްވެފައިވާ ކަމަށް އިވޭ އަޑުތަކުން ހިތް ފަޅައިގެންދާ ވަރުވޭ،" ރޭ ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހީދޭ ޖަމާއަތްތަކުގައި އަންހެނުން މަސައްކަތް ކުރުން މަނާކުރުމުން، ހާލުގައި ޖެހިގެން އެހީ އަށް އެދިއެދި ތިބި މީހުންނަށާއި ހައިހޫނުކަމާ ކުރިމަތިލަމުން ދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާނެ އެވެ.

އެކްޝަން އެއިޑް އިން ބުނި ގޮތުގައި އެހީ ފޯރުކޮށްދިނުމުގައި އަންހެނުން ބައިވެރިވުން މަނާކުރުމުން، މުޖްތަމައުގެ ތެރޭގައި ތިބި ހައިހޫނުކަން ކުރިމަތިވެފައިވާ މީހުންގެ ދެ ބައިކުޅަ އެއްބައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓިގެންދާނެ އެވެ.

އަފްޣާނިސްތާނުގެ އެތައް މިލިއަން ބަޔަކު މިހާރު ވެސް ހައިހޫނުކަމުގެ ތެރޭގައި ތިބި އިރު، ތާލިބާނުން މި ނިންމި ނިންމުމުގެ ސަބަބުން ހައިހޫނުކަމުގެ ހާލަތު އިތުރަށް ގޯސްވެ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖްތަމައުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އިބްރާހީމް ތާހާ ވެސް ވަނީ، ތާލިބާނުންގެ އެ ނިންމުން އަނބުރާ ގެންގޮސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސް ނޭޅުމަށް ގޮވާލައިފަ އެވެ. އަދި އދ.ގެ އެސިސްޓެންސް މިޝަން އިން އަފްޣާނިސްތާންގެ ފަރާތުން ވެސް ވަނީ، ތާލިބާނުންގެ އެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލައިފަ އެވެ.

އެހީ ދޭ ޖަމިއްޔާތަކުގައި އަންހެނުން މަސައްކަތް ކުރުން ތާލިބާނުންގެ ސަރުކާރުން މަނާކުރީ، އެ ގައުމުގެ އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމަށް މި މަހުގެ ތެރޭގައި ގިނަ ނިންމުންތަކެއް ނިންމުމަށް ފަހު އެވެ. އެ ގޮތުން މި މަހުގެ ތެރޭގައި ތާލިބާން ސަރުކާރުން އެޅި އެއް ފިޔަވަޅަކީ، އެ ގައުމުގެ ހުރިހާ ޔުނިވަސިޓީތަކުގައި އަންހެނުންނަށް ކިޔަވައިދިނުން މަނާ ކުރުމެވެ.

އޭގެ ފަހުން ތާލިބާނުން ވަނީ، އެ ގައުމުގެ އަމިއްލަ މީހުން ހިންގާ ކުންފުނިތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުގައި ވެސް އަންހެނުން ވަޒީފާ އަދާކުރުން ވެސް މި މަހުގެ ތެރޭގައި މަނާކޮށްފަ އެވެ.

ވިހި އަހަރު ވަންދެން އަފްޣާނިސްތާން އަޅުވެތިކޮށްގެން ތިބުމަށް ފަހު، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ނޭޓޯގެ ސިފައިން، އޮގަސްޓް 2021 ގައި އެ ގައުމުން ފޭބުމާ އެކު، އެ ގައުމުގައި ވެރިކަން ކުރަމުން އަންނަނީ ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. އެއަށް ފަހު އެ ގައުމުގެ އަންހެނުންނާ މެދު ތާލިބާން ސަރުކާރުން އަމަލުކުރަމުން އަންނަނީ ވަރަށް އިހާނެތި ގޮތަކަށެވެ.

އެ ގޮތުން ތާލިބާނުން އެޅި އެންމެ ފުރަތަމަ ފިޔަވަޅަކީ، ސަރުކާރުގެ ވަޒީފާތަކުގައި ތިބި ހުރިހާ އަންހެނުން ވަޒީފާތަކުން ވަކިކޮށްލުމެވެ. އެއަށް ފަހު، 2021ގެ ޑިސެމްބަރު މަހުން ފެށިގެން، ސާނަވީ މަރުހަލާގެ ސްކޫލްތަކުގައި އަންހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރި އެވެ.