Roadha Mihaaru
ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި

ތާލިބާނުންގެ ނިންމުން ބަދަލުކުރުމަށް ސައޫދީން ގޮވާލައިފި

22 ޑިސެމްބަރ 2022

އަފްޣާނިސްތާނުގައި ހިންގާ ޔުނިވަސިޓީތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރި ކުރުން އަލުން މުރާޖައާކޮށް، އަންހެން ކުދިން ތައުލީމުގެ ހައްގުން މަހުރޫމް ނުކުރުމަށް، އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތަށް ސައޫދީ އަރަބިއްޔާ އިން ގޮވާލައިފި އެވެ.

އަފްޣާނިސްތާނުގައި ހިންގާ ޔުނިވަސިޓީތަކުގައި އަންހެނުންނާއި އަންހެން ކުދިންނަށް ކިޔަވައިދިނުން މަނާކުރި ކުރުން އަލުން މުރާޖައާކޮށް، އަންހެން ކުދިން ތައުލީމުގެ ހައްގުން މަހުރޫމް ނުކުރުމަށް، އެ ގައުމުގައި ވެރިކަންކުރާ ތާލިބާން ޖަމާއަތަށް ސައޫދީ އަރަބިއްޔާ އިން ގޮވާލައިފި އެވެ.

ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަފްޣާނިސްތާނުގެ ޔުނިވަސިޓީތަކުގައި އަންހެން ކުދިންނަށް ކިޔަވައި ދިނުން ހުއްޓައިލުމުން ސައޫދީ އަރަބިއްޔާ އެކަމާ ދެރަވެ ކަންބޮޑުވާ ކަމަށެވެ. އަދި އަފްޣާނިސްތާނުގެ އަންހެންކުދިން މަތީ ތައުލީމުގެ ފުރުސަތުން މަހުރޫމް ކުރުމަކީ، އިސްލާމީ ހުރިހާ ގައުމަކަށް ލިބުނު ބޮޑު ޝޮކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އަންހެން ކުދިންނަށް މަތީ ތައުލީމު މަނާކުރުމަކީ، އަފްޣާނިސްތާނުގެ އަންހެނުންނަށް ލިބިގެންވާ ގާނޫނީ ހައްގުތައް ފުރިހަމައަށް ލިބިދިނުމާ ފުށުއަރާ ކަމެއް. އަފްޣާނިސްތާނާއި އަފްޣާނިސްތާނު ރައްޔިތުންގެ ތަރައްގީއާއި ފާގަތިކަމާއި ރައްކާތެރިކަމާއި ހަމަޖެހުމަށް މަގު ފަހިކޮށްދިނުމަށްޓަކައި، އަންހެނުން ތައުލީމް ހާސިލުކުރުމަކީ އެމީހުންނަށް ލިބިގެންވާ ހައްގެއް،" ސައޫދީގެ ޚާރިޖިއްޔާ އިން އާންމުކުރި ބަޔާނުގައިވެ އެވެ.

ތާލިބާން ސަރުކާރުގެ އެ ނިންމުމާ މެދު، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އިބްރާހީމް ތާހާ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ތާލިބާން ސަރުކާރުގެ މި ނިންމުމަކީ އޯއައިސީން ދަމަހައްޓަމުން އަންނަ އުސޫލުތަކާއި ހަމަތަކާއި ޚިލާފު، އަދި އަންހެނުންނަށް ލިބިގެންވާ ހައްގުތަކާ ވެސް ޚިލާފު ނިންމުމެއް ކަމަށެވެ.

އެ ގައުމުގެ މަތީ ތައުލީމާ ބެހޭ ވުޒާރާ އިން ހުރިހާ ޔުނިވަސިޓީތަކަށް މިދިޔަ އަންގާރަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ސަރުކާރުން ވަކި ގޮތަކަށް އަންގަންދެން، މި ސިޓީ ލިބޭ ހިނދުން ފެށިގެން، އެއްވެސް އަންހެން ދަރިވަރަކަށް ޔުނިވަސިޓީގައި ކިޔަވައިދިނުން މަނާވީ ކަމަށެވެ. އަފްޣާނިސްތާނުގެ ކެބިނެޓުން ނިންމި އެ ނިންމުމުގައިވާ ގޮތުން، ސަރުކާރުގެ އެ ނިންމުން އެ ގައުމުގައި ސަރުކާރުން ހިންގާ ޔުނިވަސިޓީތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ ޔުނިވަސިޓީތަކަށް ވެސް ހިނގާނެ އެވެ.

އަފްޣާނިސްތާނުގެ މަތީ ތައުލީމާ ބެހޭ ވަޒީރު ނިދާ މުހައްމަދު ނަދީމު ސޮއިކުރައްވައި، އެ ގައުމުގެ ހުރިހާ ޔުނިވަސިޓީތަކަށް ފޮނުއްވި ސިޓީގައި، މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި އަންހެން ކުދިންނަށް ކިޔަވައިނުދޭން ސަރުކާރުން ނިންމި ސަބަބެއް ނުބުނެ އެވެ. އަދި އެއީ ވަގުތީ ނިންމުމެއް ކަމެއް ވެސް ނުވަތަ ދާއިމީ ނިންމުމެއް ކަމެއް ވެސް ނުބުނެ އެވެ.

އަފްޣާނިސްތާނުގެ އަންހެނުންނަށް ޔުނިވަސިޓީތަކުގައި ކިޔަވައިދިނުން މަނާކުރި އިރު، އެ ގައުމުގެ އަންހެން ކުދިންނަށް ސާނަވީ މަރުހަލާގެ ސްކޫލްތަކުގައި ކިޔަވައިދިނުން މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަފްޣާނިސްތާނުގައި އޮތް ތާލިބާނުންގެ ވެރިކަމުން ނިންމި ނިންމުން، މިދިޔަ 20 އަހަރު އެ ގައުމު އަޅުވެތިކޮށްގެން އުޅުނު އެމެރިކާ އާއި އިނގިރޭސި ވިލާތުން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ދެ ގައުމުން ބުނި ގޮތުގައި ތާލިބާނުންގެ ސަރުކާރުން އެ ގައުމުގެ އާންމު ރައްޔިތުންގެ ހައްގުތަކަށް ހުރިމަތްތެރިކޮށް ހިތައިފުމަށް ދާންދެން، އަދި ޚާއްސަކޮށް އެ ގައުމުގެ އަންހެނުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމަށް އިހުތިރާމް ކޮށްފުމަށް ދާންދެން، ތާލިބާނުންގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ބައިނަލްއަގުވާމީ މުޖްތަމައުން ބަލައެއް ނުގަންނާނެއެވެ.