Roadha Mihaaru
އަންހެން މުވައްޒަފުން ގޭގައި މަޑުކޮށްލާ: ތާލިބާން

އަންހެން މުވައްޒަފުން ގޭގައި މަޑުކޮށްލާ: ތާލިބާން

20 ސެޕްޓެމްބަރ 2021

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މުނިސިޕަލް އޮފީހުގައި މަސައްކަތް ކުރާ އަންހެނުން "މި ވަގުތަށް" ގޭގައި މަޑުކޮށްލުމަށް، ކާބުލްގެ އާ މޭޔަރު ހަމްދުﷲ ނުއުމާނީ އިއްޔެ އަމުރު ނެރުއްވައިފި އެވެ.

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ މުނިސިޕަލް އޮފީހުގައި މަސައްކަތް ކުރާ އަންހެނުން "މި ވަގުތަށް" ގޭގައި މަޑުކޮށްލުމަށް، ކާބުލްގެ އާ މޭޔަރު ހަމްދުﷲ ނުއުމާނީ އިއްޔެ އަމުރު ނެރުއްވައިފި އެވެ.

އާ މޭޔަރު ނެރުއްވި ދެންނެވުމުގައި ބުނެފައިވަނީ، މުނިސިޕަލް އޮފީހުގައި މިހާރު އަންހެނުން އަދާކުރާ ވަޒީފާތަކުގެ ތެރެއިން ފިރިހެނުންނަށް އަދާނުކުރެވޭ ވަޒީފާއެއް ހުރި ނަމަ، އެ ފަދަ ވަޒީފާތަކަށް އަންހެނުން ނެރޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުޑަ ދުވަސްކޮޅަކަށް އަންހެނުން ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކޮށްލުން މިދުވަސްވަރު ބޭނުންތެރި ކަމަށެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުގެ އަންހެން މުވައްޒަފުން ގޭގައި މަޑުކުރުމަށް، ތާލިބާނުން މި އެންގީ ސާނަވީ މަރުހަލާގެ އަންހެން ކުދިންނަށް ސްކޫލްތަކުގައި މިވަގުތު ކިޔަވައިނުދޭން ނިންމާފައި ވަނިކޮށެވެ. މިދިޔަ ހުކުރު ދުވަހުގެ އެ ނިންމުމާ ގުޅިގެން، މި ހަފުތާގައި ވެރިރަށް ކާބުލްގެ މަދަރުސާތަކުގައި ވެސް، އަންހެން ކުދިންގެ ތެރެއިން ސްކޫލްތަކަށް ވަދެވެނީ، ގްރޭޑް ހަޔަކުން ދަށުގެ ކްލާސްތަކުގެ އަންހެން ކުދިންނަށެވެ.

މީގެ ކުރިން 1996-2001 އަށް ތާލިބާނުން އަފްގާނިސްތާނުގައި ވެރިކަން ކުރި އިރު، އަންހެން ކުދިން ސްކޫލް މަދަރުސާތަކުގައި ކިޔެވުމާއި އަންހެނުން ވަޒީފާ އަދާކުރުން އޮތީ މަނާކޮށްފަ އެވެ. ނަމަވެސް، މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، އަފްގާނިސްތާނު ހިފުމަށް ފަހު، ތާލިބާނުން ބުނަމުން އަންނަނީ، އަންހެން ކުދިންނަށް ސްކޫލް މަދަރުސާތަކުގައި ކިޔެވޭނެ ކަމަށާއި، އަންހެނުންނަށް ވަޒީފާ ވެސް އަދާކުރެވޭނެ ކަމަށެވެ.

ނަމަވެސް ތާލިބާނުންގެ ވެރިކަމަށް މަސްދުވަސް ވެގެން ދިޔައިރު، ފެންނަމުން މިދަނީ އެމީހުން ވެފައިވާ ވައުދުތަކާ ހިލާފުވާ މަންޒަރު ކަމަށް އެ ގައުމުގެ އަންހެނުން ބުނެ އެވެ.

އަފްގާނިސްތާނުގައި ހުރި އަންހެނުންނާ ބެހޭ މިނިސްޓްރީ ވެސް، ތާލިބާނުން މިހާރު ވަނީ އުވާލައިފަ އެވެ. އޭގެ ބަދަލުގައި އެ އިމާރާތުގެ ބޭރުގައި މިހާރު ޖަހާފައިވާ ނަންބޯޑުގައި އޮންނަނީ، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް މަނާކުރާ މިނިސްޓްރީގެ ނަމެވެ.

އަންހެނުންނާ ބެހޭ މިނިސްޓްރީ އުވައިލުމާ ގުޅިގެން، އެ މިނިސްޓްރީ ހިންގި އިމާރާތުގެ ކައިރީއަށް އިއްޔެ އަންހެނުންތަކެއް އެއްވެ އެކަމާ ދެކޮޅަށް މުޒާހަރާ ކުރި އެވެ. އަދި އެހެން އަންހެން ގުރޫޕެއްގެ ބަޔަކު، އަންހެނުންގެ ހައްގުތަކަށް ގޮވާލައި ނިއުސް ކޮންފަރެންސެއް ވެސް ބޭއްވި އެވެ.

މި ހަފުތާގައި ސާނަވީ މަދަރުސާތަކުގެ ކިޔެވުން ފެށި އިރު، އެ މަރުހަލާގެ ކުދިންގެ ތެރެއިން ސްކޫލަށް ހާޒިރުވުމަށް ހުއްދަ ދީފައި އޮތީ ފިރިހެން ކުދިންނަށް އެކަންޏެވެ. އަދި އަންހެން މުވައްޒަފުން ވެސް ސާނަވީ ސްކޫލްތަކުގައި ކިޔަވައިދިނުން މިހާރު އޮތީ މަނާކޮށްފަ އެވެ.

ތާލިބާނުން ބުނެފައިވަނީ އަންހެން ކުދިންނަށް ހާއްސަ ސްކޫލްތަކެއް ވަރަށް އަވަހަށް ހުޅުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަދި އެ ސްކޫލްތަކުގައި ކިޔަވައިދޭނީ ވެސް އަންހެން ޓީޗަރުން ކަމަށާއި، އަންހެން ޓީޗަރަކު ނެތް ހާލަތެއްގައި ނޫނީ، އަންހެން ކުދިންނަށް ކިޔަވައިދިނުމުގައި ފިރިހެން ޓީޗަރުން ބޭނުން ނުކުރާނެ ކަމަށެވެ.

ކާބުލްގެ މޭޔަރު ވިދާޅުވި ގޮތުގައި ކާބުލްގެ މުނިސިޕަލް އޮފީހުގައި މަސައްކަތް ކުރާ 3،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ތިން ބައިކުޅަ އެއް ބަޔަކީ އަންހެނުންނެވެ. އޭގެ ތެރެއިން މި ވަގުތު ވަޒީފާ އަށް ނެރޭނީ ވަރަށް މަދު ބައެކެވެ. އެ ގޮތުން އަންހެނުންނަށް ހާއްސަ ފާހާނާތައް ސާފުކުރުން ފަދަ ވަޒީފާތަކަށް ނެރޭނީ އަންހެނުން ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

ނަމަވެސް ފިރިހެނުންނަށް އަދާކުރެވޭ ވަޒީފާތަކުގައި ތިބި އަންހެނުން ގޭގައި މަޑުކޮށްލުމަށް އަންގާފައިވާ އިރު، އެމީހުން ގޭގައި ތިއްބަސް މުސާރަ ދޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން އިއްޔެ ބުނި ގޮތުގައި، ތާލިބާނުން އެ ގައުމު ހިފުމާ ގުޅިގެން، އެ ކޮމިޝަންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރެވޭ ގޮތެއް ނުވެ އެވެ. އެ ކޮމިޝަން ހިންގަމުން އައި އިމާރާތް ވެސް ތާލިބާނުން އަތުލައި، އެ ކޮމިޝަންގެ އެއްގަމު އުޅަނދުތަކާއި ހުރިހާ ކޮމްޕިއުޓަރުތައް ވެސް ތާލިބާނުން ގެންގޮސްފައިވާ ކަމަށް، އެ ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.