Roadha Mihaaru
އަފްގާނުގައި އަންހެން ކުދިންނަށް ކިޔަވައިދޭން ފަށަނީ

އަފްގާނުގައި އަންހެން ކުދިންނަށް ކިޔަވައިދޭން ފަށަނީ

18 އޮކްޓޯބަރ 2021

އަފްގާނިސްތާނުގެ ސާނަވީ މަރުހަލާގެ އަންހެން ކުދިންނަށް ވަރަށް އަވަހަށް ކިޔަވައިދޭން ފަށާނެ ކަމަށް، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތާ ހަވާލީ، އދ. އިން ބުނެފި އެވެ.

އަފްގާނިސްތާނުގެ ސާނަވީ މަރުހަލާގެ އަންހެން ކުދިންނަށް ވަރަށް އަވަހަށް ކިޔަވައިދޭން ފަށާނެ ކަމަށް، އެ ގައުމުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތާ ހަވާލީ، އދ. އިން ބުނެފި އެވެ.

އދ.ގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ސާނަވީ މަރުހަލާގެ އަންހެން ކުދިންނަށް ކިޔަވައިދިނުމާ ގުޅޭ އޮނިގަނޑެއް ތައްޔާރު ކުރުމުގެ މަސައްކަތް، އަފްގާނު ސަރުކާރުގެ ތައުލީމާ ބެހޭ ވުޒާރާ އިން މިހާރު އަންނަނީ ކުރަމުންނެވެ.

ތާލިބާނުން އެ ގައުމު ހިފުމަށް ފަހު، ގްރޭޑް ހަޔަކުން ފެށިގެން މަތީގެ އަންހެން ކުދިން ސްކޫލްތަކަށް ހާޒިރުވުން ވަނީ މަނާކޮށްފަ އެވެ. އޭގެ އިތުރުން ސިއްހީ ހިދުމަތުގެ ދާއިރާ ފިޔަވައި، ސަރުކާރުގެ އެހެން ހުރިހާ އޮފީސްތަކުގެ އަންހެން މުވައްޒަފުން ވަނީ ވަޒީފާތަކުން ވަކިކޮށް ގެއަށް ފޮނުވާލައިފަ އެވެ.

މިދިޔަ ހަފުތާގައި އަފްގާނިސްތާނުގެ ވެރިރަށް ކާބުލް އަށް ޒިޔާރަތް ކުރައްވައި ތާލިބާނުންނާ މަޝްވަރާ ކުރެއްވުމަށް ފަހު، ޔުނިސެފްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑިރެކްޓަރު އުމަރު އަބްދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި އަފްގާނުގެ ބައެއް ޕްރޮވިންސްތަކުގައި މިހާރު ވަނީ އަންހެން ކުދިންނަށް ކިޔަވައިދޭން ފަށައިފަ އެވެ.

ތާލިބާނުން އަފްގާނު ހިފުމާ ގުޅިގެން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލައި ވެރިރަށް ކާބުލްގައި އަންހެނުންތަކެއް މުޒާހަރާ ކުރަނީ. --އޭއެފްޕީ

ތާލިބާނުން އަފްގާނު ހިފުމާ ގުޅިގެން، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލައި ވެރިރަށް ކާބުލްގައި އަންހެނުންތަކެއް މުޒާހަރާ ކުރަނީ. --އޭއެފްޕީ

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ސާނަވީ މަރުހަލާގެ އަންހެން ކުދިންނަށް ކިޔަވައިދެމުން އަންނަނީ، އެ ގައުމުގެ 34 ޕްރޮވިންސްގެ ތެރެއިން ފަސް ޕްރޮވިންސެއްގަ އެވެ. އެއީ ބަލްޚު އާއި ޖައުޒްޖާން އާއި ސަމަންގަން އާއި ކުންދޫޒް އެވެ.

އަފްގާނިސްތާނުގައި އަންހެން ކުދިން ސްކޫލްތަކަށް ހާޒިރުވުން ތާލިބާނުން މަނާކުރީ، އަންހެން ކުދިންނާއި ފިރިހެން ކުދިން މަސްހުނިކޮށް ކިޔެވުމަށް ފުރުސަތު ނުދިނުމަށް ކަނޑައެޅި އުސޫލުގެ ތެރެއިންނެވެ. ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ގްރޭޑްތަކުގައި މިހާރު ވެސް ކިޔަވައިދެނީ ދެ ޖިންސުގެ ކުދިން މަސްހުނިކޮށެވެ.

އުމަރު އަބްދު ވިދާޅުވި ގޮތުގައި، ސާނަވީ މަރުހަލާގެ އަންހެން ކުދިންނަށް ކިޔަވައިދޭން ފެށުމާ ގުޅޭ ގޮތުން އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ތާލިބާނުންގެ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި، އެ އޮނިގަނޑު އާންމު ކުރާނެ ކަމަށް ވެސް ތައުލީމާ ބެހޭ ވަޒީރު ވިދާޅުވި އެވެ.

އަފްގާނިސްތާނުގެ ސާނަވީ މަރުހަލާގެ އަންހެން ކުދިން ސްކޫލްތަކަށް ހާޒިރުވުން މަނާކުރިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމަށް ފަހު، އެ ގައުމުގެ ތައުލީމާ ބެހޭ ވުޒާރާ ވަނީ އުވާލައިފަ އެވެ. އެ ވުޒާރާ ހިންގި އިމާރާތުގައި މިހާރު ހިންގަނީ ތާލިބާނުން އަލަށް އުފެއްދި، ހެޔޮ ކަންތަކަށް އަމުރު ކުރުމާއި މުންކަރާތްތައް މަނާކުރުމާ ބެހޭ ވުޒާރާ އެވެ.