Roadha Mihaaru
ސައޫދީ އަންހެނަކު 110 އަހަރުގައި ސްކޫލަށް

ސައޫދީ އަންހެނަކު 110 އަހަރުގައި ސްކޫލަށް

07 އޯގަސްޓް 2023

ރިޔާޒް (އޯގަސްޓް 7) - ލިޔަންކިޔަން ނުދަތުން ފޮހެލުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ ޚާއްސަ ޕްރޮގްރާމްގައި، އުމުރުން ދުވަސްވީ ގިނަ ބަޔަކު ބައިވެރިވެ ކިޔަވަމުން އަންނަ އިރު، އުމުރުން 110 އަހަރުގެ އަންހެނަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ރިޔާޒް (އޯގަސްޓް 7) - ލިޔަންކިޔަން ނުދަތުން ފޮހެލުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ފަށާފައިވާ ޚާއްސަ ޕްރޮގްރާމްގައި، އުމުރުން ދުވަސްވީ ގިނަ ބަޔަކު ބައިވެރިވެ ކިޔަވަމުން އަންނަ އިރު، އުމުރުން 110 އަހަރުގެ އަންހެނަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

ސައޫދީ އަރަބިއްޔާގެ އެންމެ ދެކުނުގައި އޮންނަ އަސީރް ޕްރޮވިންސްގައި ދިރިއުޅޭ ފަގީރު އާއިލާއެއްގެ، ނައުޟާއު އަލްގަހްތާނީ އަށް، އެ ގައުމުގެ އިތުރުން މެދުއިރުމަތީގެ ޚަބަރުފަތުރާ ވަސީލަތްކުގައި ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. މިހާރު އުމުރުން 110 ވަނަ އަހަރު ގުނަމުން އަންނަ ނައުޟާއު އަކީ އެ ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަމުން އަންނަ އެންމެ މުސްކުޅި މީހާ އެވެ. އަދި އެންމެ މުސްކުޅި އަންހެނާ ވެސްމެ އެވެ.

"ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ފަހު އަލުން ކިޔެވުން ފުރިހަމަ ކުރަން އުޅުމަކީ، ވަކިން ޚާއްސަ ކޮށް އުމުރުން 100 އަހަރުން މަތިވެފައިވާ މީހަކަށް ވަރަށް އުނދަގޫ ކަމެއް. އެހެން ނަމަވެސް، އެކަން ނުކޮށް ހުރުމަށް ވުރެ، ކިތަންމެ ފަހުން ވިޔަސް އެކަން ކުރެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަލް އަރަބް ނިއުސް އަށް ދިން އިންޓަވިއުގައި ނައުޟާއު ބުންޏެވެ.

ނައުޟާއުގެ އުމުރުން 110 އަހަރުން މަތިވެފައިވާ އިރު އޭނާގެ އެންމެ ދޮށީ ދަރީގެ އުމުރަކީ 80 އަހަރެވެ. އަދި އެންމެ ހަގު ދަރިވެސް މިހާރު ހުރީ އުމުރުން 50 އަހަރުން މަތިވެފަ އެވެ. ނައުޟާއު ބުނި ގޮތުގައި ލިޔަންކިޔަން އެނގެން ފެށުމާއެކު، އޭނާގެ ޙަޔާތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ.

މީގެ ހަތަރު މަސް ކުރިން މަދަރުސާ އަށް ދާން ފެށި އިރު، އޭނާއާ އެއް ކުލާހުގައި ތިބެނީ މުޅިން ވެސް އުމުރުން ދުވަސްވީ މީހުންނެވެ. އޭނާގެ ކްލާހުގައި 50 އަށް ވުރެ ގިނަ މީހުން ތިބޭ އިރު، އެމީހުންނަށް އެންމެ ފުރަތަމަ ކިޔަވައިދޭން ފެށީ އަލިފުބާ އެވެ. އަކުރު ކިޔަން އެނގެން ފެށުމާއެކު އިސްލާމް ދީނުގެ އަސާސީ ބައިތައް މިހާރު އަންނަނީ އެމީހުންނަށް ކިޔަވައިދެމުންނެވެ.

މަދަރުސާގައި ބައިވެރިވި ފަހުން ނައުޟާއު ކޮންމެ ދުވަހަކު ވެސް މަދަރުސާ އަށް ދަނީ އޭނާގެ ދެ ވަނަ ދަރިފުޅު، އުމުރުން 60 އަހަރުގެ މުހައްމަދާ އެކު އެވެ. މަންމަގެ ކިޔެވުން ނިމެންދެން މަދަރުސާ ކައިރީގައި މަޑުކުރުމަށް ފަހު، މުހައްމަދު އެނބުރި ގެއަށް އަންނަނީ މަންމަ ގޮވައިގެންނެވެ. އެނބުރި ގެއަށް އައުމަށް ފަހު، މެންދުރު ފަހު ނައުޟާއުގެ މަސައްކަތަކީ، މަދަރުސާ އިން ދޭ ފިލާވަޅުތައް ގޭގައި ހެދުމާއި ދަސްކުރުމެވެ.

އޭނާ ބުނީ އުމުރުގެ ކުރީކޮޅު ލިޔަންކިޔަން ދަސް ނުކުރެވުނީތީ މިހާރު ހިތާމަކުރާ ކަމަށެވެ. އަދި އޭރު ކިޔެވުނު ނަމަ، އޭނާގެ ދިރިއުޅުމަށް މީގެ އަހަރުތަކެއް ކުރިން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ސައޫދީ ސަރުކާރުން ފަށާފައިވާ، ލިޔަންކިޔަން ނުދަތުން ފޮހެލުމުގެ މި ޕްރޮގްރާމްގައި އެންމެ ގިނައިން ބައިވެރިވެފައިވަނީ ރަށްފުށު ސަރަހައްދުތަކުގައި ދިރިއުޅޭ ފަގީރު އާއިލާތަކުގެ މީހުންނެވެ. ހުރިހާ އުމުރެއްގެ މީހުން ވެސް ބައިވެރިކޮށްގެން ހިންގާ މި ޕްރޮގްރާމް، ސައޫދީ އަރަބިއްޔާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި މިހާރު ވަނީ ފަށައިފަ އެވެ.

ނައުޟާއު ބުނި ގޮތުގައި ޒުވާން އުމުރުގައި ނުކިޔެވުނީ އޭނާގެ އަމިއްލަ މައްސަލައަކުން ނޫނެވެ. އެކަން އެ ގޮތަށް މެދުވެރިވީ، އޭނާ ހެދި ބޮޑުވެގެން އައި ދުވަސްވަރު، ރަށްފުށު ސަރަހައްދުތަކުގައި ކުދިންނަށް ކިޔަވައިދިނުމަށް މާ ބޮޑު ސަމާލުކަމެއް ނުދީ، ހަމައެކަނި މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް އިސްކަން ދޭތީ އެވެ. ވަކިން ޚާއްސަކޮށް އަންހެން ކުދިންނަށް ކިޔަވައިދިނުމަކީ އެ ދުވަސްވަރު އެއް ގޮތަކަށް ވެސް ސަމާލުކަން ދޭ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.