Roadha Mihaaru
ތާލިބާނުން، މާބަނޑު ފުލުހެއް މަރާލައިފި

ތާލިބާނުން، މާބަނޑު ފުލުހެއް މަރާލައިފި

07 ސެޕްޓެމްބަރ 2021

ތާލިބާންގެ ހަނގުރާމަވެރިން އަނިޔާކޮށް ހަމަލާ ދީގެން، އަފްގާނިސްތާނު ފުލުހުންގެ މާބަނޑު އަންހެނަކު މަރާލާފައިވާ ކަމަށް އެ އަންހެން މީހާގެ އާއިލާ އިން ބުނެފި އެވެ.

ތާލިބާންގެ ހަނގުރާމަވެރިން އަނިޔާކޮށް ހަމަލާ ދީގެން، އަފްގާނިސްތާނު ފުލުހުންގެ މާބަނޑު އަންހެނަކު މަރާލާފައިވާ ކަމަށް އެ އަންހެން މީހާގެ އާއިލާ އިން ބުނެފި އެވެ.

ގޯރް ޕްރޮވިންސްގެ އާއިލާއެއްގެ އެ އަންހެން މީހާ މަރައިލި ކަމަށް، އާއިލާ އިން ބުނަނީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އެ ގޭތެރެއަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގައި، އާއިލާގެ އެހެން މީހުންގެ ކުރިމަތީގައި ކަމަށެވެ.

އަންހެން މީހާގެ އާއިލާ އިން ސީއެންއެން އަށް ކިޔައިދިން ގޮތުގައި، މަރުވި މާބަނޑު މީހާގެ ނަމަކީ ނިޖާރު މައުސޫމީ އެވެ. އެ ޕްރޮވިންސްގައި ތިބި ސީއެންއެންގެ ނޫސްވެރިން ވެސް ވަނީ، އެ އަންހެން މީހާ މަރުވި ކަން ކަށަވަރުކޮށްދީފަ އެވެ. ނޫސްވެރިން ބުނާ ގޮތުގައި ގޯރް ޕްރޮވިންސްގެ ޖަލުގައި ވަޒީފާ އަދާކުރާ ފުލުސް އަންހެން މީހާ މަރައިލި އިރު އޭނާގެ ބަނޑަށް އަށް މަހެވެ.

ނަމަވެސް ތާލިބާނުން ބުނާ ގޮތުގައި ފުލުސް އަންހެން މީހާ މަރައިލުމުގައި އެ ޖަމާއަތުގެ ބައިވެރިވުމެއް ނެތެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ތާލިބާނުން ބުންޏެވެ.

މަރުވި އަންހެން މީހާގެ ފިރިހެން ދަރި މުހައްމަދު ހަނީފް، ސީއެންއެން އަށް ކިޔައިދިން ގޮތުގައި، ތާލިބާނުންގެ ހަނގުރާމަވެރިން ހަތިޔާރާ އެކު އޭނާގެ ގެއަށް ވަދެ، އޭނާ އާއި ދެން ތިބި ހުރިހާ ފިރިހެން ކޮއްކޮމެން ގެއިން ބޭރަށް ނެރެ އަތްފައި ބަނީ އެވެ. އެއަށް ފަހު އެމީހުންނަށް ފެންނަ ހިސާބަށް މަންމަ ވެސް ނެރެ، އެމީހުންގެ ކުރިމަތީގައި މަންމަ އަށް ވަޅިއަކުން ހަމަލާދީ މަރާލީ ކަމަށް މުހައްމަދު ބުންޏެވެ.

މަންމަ މަރުވި އިރު އިނީ ބަލިވެ ކަމަށް ވާތީ، މަންމަގެ މަރަކީ ދެ ފުރާނައެއް މަރައިލުން ކަމަށް، މުހައްމަދު ބުންޏެވެ. މި މައްސަލަ ތަހުގީގުކޮށް އެ ޖަރީމާ ހިންގި މީހުންނަށް ހައްގު އަދަބު ދިނުމަށް، ތާލިބާނުންނަށް ގޮވައިލަމުން މުހައްމަދު ބުނީ، ތާލިބާނުންނަށް މިކަމުގައި ކަމެއް ނުކުރެވިއްޖެ ނަމަ، ދެން ގާނޫނު ތަންފީޒު ކުރާނީ އަމިއްލަ އަށް ކަމަށެވެ.

"އެ އަންހެން މީހާ މަރައިލީ ހަމަ ޔަގީނުންވެސް އަހަރެމެންގެ މުޖާހިދެއް ނޫން. ފަހަރެއްގައި ވެދާނެ އެ އަންހެން މީހާއާ ޒާތީ ދެކޮޅުވެރިކަމެއް އޮތް މީހަކު ކުރި ކަމަކަށް ވެސް. އެކަމަކު މިހާތަނަށް، އެ މައްސަލައިގެ ތަހުގީގުގެ ހޯދުންތަކެއް އަދި ނުލިބޭ. ތަހުގީގުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އޭގެ ރިޕޯޓް ލިބުމާ އެކު އެކަމުގެ ހަގީގަތް ހާމަކުރާނަން،" ތާލިބާނުންގެ ތަރުޖަމާނު ބިލާލް ކަރީމީ ބުންޏެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު އަފްގާނިސްތާނު ހިފުމަށް ފަހު ތާލިބާނުން ބުނެފައިވަނީ، އަފްގާނިސްތާނުން އަލުން އާރާސްތުކުރުމުގައި އަންހެނުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި 1996-2001 އަށް އެ ޖަމާއަތުން ވެރިކަން ކުރި ދުވަސްވަރު ކަންކުރި ގޮތާ ހިލާފަށް، އަންހެން ކުދިންނަށް ކިޔަވައިދޭނެ ކަމަށް ވެސް ބުންޏެވެ.

ތާލިބާނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، ހުރިހާ ސިޔާސީ ފަރާތްތަކާއި ހުރިހާ ދަރިކޮޅުތަކުގެ މީހުން ތަމްސީލު ކުރާ ފަދަ ސަރުކާރެއް އެކުލަވައިލުމަށެވެ. ސަރުކާރުގެ އިސް މަގާމުތަކުން އަންހެނުންނަށް ފުރުސަތު ދޭނެ ކަމަށް ބުންޏަސް، ކެބިނެޓްގެ އެއްވެސް މަގާމަކަށް އަންހެނުން ނުގެންނާނެ ކަމަށް ތާލިބާނުން ބުނެ އެވެ.