Roadha Mihaaru
ރޭންކިންގެ ކުރިހޯދައި އޮލިމްޕިކްސްގެ ޖާގަ އިބާދުﷲ އަށް

އެތުލެޓިކްސް؛ ރޭންކިންގެ ކުރި ހޯދައިގެން އޮލިމްޕިކްސްގެ ޖާގަ އިބާދުﷲ އަށް

27 މެއި 2024

އެތުލެޓިކްސްގެ ރޭންކިންގެ ކުރި ހޯދައިގެން، ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމަށް އޮލިމްޕިކްސްގެ ޖާގަ ލިބިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެތުލެޓިކްސްގެ ރޭންކިންގެ ކުރި ހޯދައިގެން، ސްޕްރިންޓް ދުވުންތެރިޔާ އިބާދުﷲ އާދަމަށް އޮލިމްޕިކްސްގެ ޖާގަ ލިބިއްޖެ އެވެ.

އޮލިމްޕިކްސްގައި ރާއްޖެ އަށް ވައިލްޑް ކާޑް ދައުވަތުގެ ދަށުން ފުރުސަތު ލިބޭ އެއް ކުޅިވަރަކީ އެތުލެޓިކްސް އެވެ. އެ އުސޫލުގެ ދަށުން ދެން ދައުވަތު ލިބެނީ ސްވިމިން އަށެވެ.

އެ ފުރުސަތު އިބާދުﷲ އަށް ލިބުނީ ރޭންކިންގެ އެއްވަނަ ހޯދައިގެންނެވެ. ރޭންކިން އެތުރިފައިވާ ގޮތުގެ އެއްވެސް ތަފުސީލެއް، އެތުލެޓިކްސް އެސޯސިއޭޝަނުން މީޑިއާ އަށް ހިއްސާއެއް ނުކުރެ އެވެ.

"މިހާރު" އަށް ލިބިފައިވާ ރޭންކިންގެ ޑޮކިޔުމެންޓެއްގައިވާ ގޮތުން އިބާދުﷲ އެއްވަނަ ހޯދީ 1003 ޕޮއިންޓް ހޯދައިގެންނެވެ.

އެއްހާސް ޕޮއިންޓަށް ވުރެ މަތިން ރޭންކިން ޕޮއިންޓް ހޯދުނު އެހެން އެތުލީޓަކު ވެސް އޭނާ ނޫނީ ދެން ނެތެވެ. އެންމެ ފަހުން އޭނާ ވާދަ ކުރި ރޭހުގައި މި މަހު 18 ވަނަ ދުވަހު 100 މިޓަރުގެ ރޭސް 10.7 ސިކުންތުން ނިންމި އެވެ.

ރޭންކިންގެ ތަރުތީބު

1. އިބާދުﷲ އާދަމް - ރޭންކިން ޕޮއިންޓް 1003

2. މަރްޔަމް ރޫޔާ އަލީ - ރޭންކިން ޕޮއިންޓް 974

3. ހަސަން ސާއިދު - ރޭންކިން ޕޮއިންޓް 965

4. މުހައްމަދު މިންހާލް - ރޭންކިން ޕޮއިންޓް 956

އެތުލެޓިކްސްގައި ރާއްޖެ އުފެއްދި އެންމެ ކާމިޔާބު ދުވުންތެރިޔާ ހަސަން ސާއިދު ދިޔައީ ރޭންކިންގެ ތިންވަނަ އަށެވެ. އޭނާ އަށް ލިބުނީ 965 ޕޮއިންޓެވެ. މިދިޔަ ހޮނިހިރު ދުވަހު ޓައިމް ޓްރެއަލްގައި 100 މީޓަރު އިވެންޓްގައި ވާދަކޮށް ސާއިދު ރޭސް ނިންމީ 11.87 ސިކުންތުންނެވެ.

ރޭންކިންގެ ދެވަނަ ހޯދީ އަންހެނުންގެ 100 މީޓަރުގައި އިއްޔެ އާދަޔާ ހިލާފް އަވަސްމިނުގައި ރޭސް ނިންމައިގެން ގައުމީ ރެކޯޑް މުގުރާލި މަރްޔަމް ރޫޔާ އަލީ އެވެ. އޭނާ އަށް ލިބުނީ 974 ޕޮއިންޓެވެ.

ރޭންކިންގެ ހަތަރުވަނަ ހޯދި މިންހާލް އަށް ލިބުނީ 956 ޕޮއިންޓެވެ. ހޮނިހިރު ދުވަހު ވާދަކުރި ރޭހުން 100 މީޓަރު އޭނާ ނިންމީ 10.62 ސިކުންތުންނެވެ.

ޓޯކިޔޯގައި އެންމެ ފަހުން ބޭއްވި އޮލިމްޕިކްސްއިން ފެށިގެން ވައިލްޑްކާޑްގެ ދައުވަތުގެ ތެރެއިން އެތުލެޓިކްސްއިން ރާއްޖެ އަށް ޖާގަ ލިބެނީ އެއް އެތުލީޓަކަށެވެ. އެންމެ ފަހުގެ ގޭމްސްގައި އެތުލެޓިކްސްއިން ޖާގަ ލިބުނީ ސާއިދަށެވެ.

މި އަހަރު އޮލިމްޕިކްސްގައި ވާދަކުރާނެ ތިން އެތުލީޓަކު މިހާރު ވަނީ ކަށަވަރު ވެފަ އެވެ. އެއީ އޮލިމްޕިކްސް އަށް ކޮލިފައިވެގެން ޖާގަ ހޯދި ދިވެހި ހަމައެކަނި އެތުލީޓް، ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އާއި ޓްރިޕާޓައިޓް އިންވިޓޭޝަންގެ ދަށުން އޮލިމްޕިކްސްގެ ޓްރިޕާޓައިޓް ކޮމިޝަނުން ޖާގަ ދިން، ބެޑްމިންޓަންގެ ތަރި ފާތިމަތު ނަބާހާ އަބްދުރައްޒާގެވެ.