Roadha Mihaaru

ގަތަރުގެ އަމީރު ޖެޓް ހަދިޔާ ކުރެއްވީ ގަންނަން ހުށަހެޅުމުން: އުރުދުޣާން

އަންކަރާ (ސެޕްޓެމްބަރު 18) - ގަތަރުގެ ޝާހީ އާއިލާގައި ބޭނުންކުރި އަގު ބޮޑު ޕްރައިވެޓް ޖެޓް ތުރުކީ އަށް ހަދިޔާ ކުރީ އެ ބޯޓް ގަންނަން ހުށަހެޅުމުން ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ގަތަރުގެ އަމީރު ޖެޓް ހަދިޔާ ކުރެއްވީ ގަންނަން ހުށަހެޅުމުން: އުރުދުޣާން
ހަސަން އާމިރު
ހަސަން އާމިރު

18 ސެޕްޓެމްބަރ 2018

އަންކަރާ (ސެޕްޓެމްބަރު 18) - ގަތަރުގެ ޝާހީ އާއިލާގައި ބޭނުންކުރި އަގު ބޮޑު ޕްރައިވެޓް ޖެޓް ތުރުކީ އަށް ހަދިޔާ ކުރީ އެ ބޯޓް ގަންނަން ހުށަހެޅުމުން ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މިހެން ވިދާޅުވެފައި ވަނީ އެއީ ބޮޑު އަގުގައި ތުރުކީން ގަތް ލަގްޒަރީ ޖެޓެއް ކަމަށް ތުރުކީގެ އިދިކޮޅު ފަރާތްތަކުން ބުނަން ފެށުމުންނެވެ.

"ތުރުކީން އެ ބޯޓު ގަންނަން ބޭނުންވެގެން ގަތަރަށް ހުށަހެޅުމުން ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ނިންމެވީ އެ ބޯޓު ހަދިޔާ ކުރައްވަން. އަމީރު ވިދާޅުވެފައި ވަނީ އަޅުގަނޑު ތުރުކީން ފައިސާއެއް ބޭނުން ނޫން ކަމަށް. އެހެންވެ އެއީ ގަތަރުން ދޭ ހަދިޔާއެއްގެ ގޮތުގައި އެ ބޯޓު ދޭނެ ކަމަށް އަމީރު ވިދާޅުވި،" އަރަބައިޖާނަށް ކުރެއވި ދަތުރުފުޅަކަށް ފަހު އުރުދުޣާން ވިދާޅުވި އެވެ.

ގަތަރާ ގާތް ގުޅުމެއް އޮންނަ އުރުދުޣާން ވިދާޅުވީ އެއީ އެމަނިކުފާނަށް ހަދިޔާ ކުރި ބޯޓެއް ނޫން ކަމަށާއި އަދި ބޯޓުން ދަތުރު ކުރާނީ ވެސް އެމަނިކުފާން އެކަނި ނޫން ކަމަށެވެ.

"އެއީ އަޅުގަނޑަށް ދިން ހަދިޔާއެއް ނޫން. އެއީ ތުރުކީ ރައްޔިތުންގެ މިލްކެއް،" އުރުދުޣާން ވިދާޅުވި އެވެ.

ބޯޓުގެ ބޭރުގެ ދަވާދު ބަދަލުކޮށް ނިމުމުން އެ ބޯޓުގައި ދަތުރުތައް ކުރައްވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އަގު ބޮޑު ޕްރައިވެޓް ޖެޓްތަކުގެ ތެރޭގައި ހިމެނޭ ބޮއިން 747-8 އައި ގެ ބޯޓުގެ އަގަކީ ގާތްގަނޑަކަށް 400-550 މިލިއަން ޑޮލަރެވެ. އެ މަތިންދާ ބޯޓު ގަތަރުން ކުރިން ބޭނުން ކުރީ އެ ގައުމުގެ ޝާހީ އާއިލާގެ ބޭފުޅުންނާއި ސަރުކާރުގެ އިސް އޮފިޝަލުންގެ ދަތުރުތައް ކުރާ ވީއައިޕީ ފްލީޓުގަ އެވެ. ދިގު މިނުގައި 76 މީޓަރު ހުންނަ ބޯޓް ބޮއިން އިން ޑިޒައިންކޮށްފައި ވަނީ 467 މީހުން އުފުލޭ ގޮތަށެވެ. ނަމަވެސް އެ ބޯޓުން ދަތުރު ކުރެވޭނީ 76 މީހުންނާއި 18 ކްރޫންނަށެވެ. ގަތަރުން 2015 ވަނަ އަހަރު ބޭނުން ކުރަން ފެށި އެ ބޯޓުގައި ވަނީ ސްޓޭޓްރޫމްތަކާއި ލައުންޖްތަކާއި ބޯޑްރޫމާއި ފަސްޓް ކްލާސް ސީޓިންގެ އިތުރުން ހޮސްޕިޓަލެއް ވެސް ގާއިމްކޮށްފަ އެވެ. ގަތަރުން ހަދިޔާކުރި ބޯޓު ބޭނުން ކުރާނީ ތުރުކީގެ ރިޔާސީ ފްލީޓުގަ އެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކުން މިދިޔަ އަހަރު ގަތަރާ ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު އެޅި ދަތުރުކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ގަތަރަށް އެންމެ ބޮޑަށް އެހީވި ގައުމަކީ ތުރުކީ އެވެ. އެއްގަމާއި ވައިގެ މަގުން ގަތަރުގެ ބޯޑަރު ބަންދުކުރުން އެ ގައުމުގެ ސުޕަމާކެޓްތަކުން ކާބޯތަކެތި ހުސްވުމާ ގުޅިގެން ތުރުކީން ވަނީ ކާބޯތަކެތި ވައިގެ މަގުން ގަތަރަށް ފޮނުވައިދީފަ އެވެ. ގަތަރުގެ އަމީރު ދާދި ފަހުން ވަނީ ތުރުކީގައި 15 ބިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.