Roadha Mihaaru
ތުރުކީގެ ލޯކަލް އިންތިހާބުން އުރުދުގާނަށް ބޮޑު ބައްޔެއް

ތުރުކީގެ ލޯކަލް އިންތިހާބުގައި ރައީސް އުރުދުގާނަށް ބޮޑު ބައްޔެއް

01 އެޕްރީލް 2024

ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް އިންތިހާބުގައި ބޮޑެތި ސިޓީތަކާ އެކު މުޅި ގައުމުން ވެސް އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިން ރައީސް ރަޖަބް ތައްޔިބް އުރުދުގާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ (އޭކޭޕީ) ގެ މައްޗަށް ކުރި ހޯދައިފި އެވެ.

މި ނަތީޖާ ގަބޫލުކުރައްވައި އުރުދުގާން ވަނީ މިއީ ސިޔާސީ ހަޔާތުގައި ބަދަލެއްގެ ފެށުން ކަމަށް ވިދާޅުވެފަ އެވެ.

"ބޭނުންވި ނަތީޖާ، ނަސީބު ދެރަކަމުން، ނުހޯދުނު،" އޭކޭޕީގެ މައި އޮފީހުގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި އުރުދުގާން ވިދާޅުވި އެވެ.

"ގައުމުގެ މި ނިންމުމަށް އިހުތިރާމްކުރާނަން. ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށް ނެރުނު މި ނަތީޖާ ގަބޫލު ނުކޮށް ބޯހަރުކަމެއް ނުދައްކާނަން."

އިސްތަންބޫލްގެ މޭޔަރުކަމަށް އިންތިހާބުވި އިދިކޮޅު ސީއެޗްޕީގެ އިކްރާމް އިމާމްގްލޫ ސަޕޯޓާރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

އިސްތަންބޫލްގެ މޭޔަރުކަމަށް އިންތިހާބުވި އިދިކޮޅު ސީއެޗްޕީގެ އިކްރާމް އިމާމްގްލޫ ސަޕޯޓާރުންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

އިދިކޮޅު ސީއެޗްޕީ އިން ވަނީ އޭކޭޕީން މީގެ ކުރިން ފަސޭހަކަމާ އެކު ކާމިޔާބުކުރަމުން އައި އިސްތަންބޫލާއި އަންކާރާ ފަދަ ބޮޑެތި ސިޓީތަކުން ވެސް ކާމިޔާބު ހޯދައިފަ އެވެ.

އިސްތަންބޫލްގެ މޭޔަރުކަން 2019 ވަނަ އަހަރު ހޯދި އިދިކޮޅު ލީޑަރު އިކްރާމް އިމާމްގްލޫ ވިދާޅުވީ "ފެންނަނީ ވަރަށް އުފާވެރި މަންޒަރެއް" ކަމަށެވެ. އިކްރާމަކީ ރައީސްކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އުރުދުގާން އިންތިހާބުކުރުމާ އެކު އެ ސިޓީގެ މޭޔަރުކަން ހޯދައި ކަންކަން ބަދަލުކުރުމުގެ ބޮޑު ހުވަފެނެއް އޮތްކަން ހާމަކުރެއްވި ބޭފުޅެކެވެ.

ސެކިއިލާ ޕާޓީއެއް ކަމަށްވާ ސީއެޗްޕީ ތުރުކީގެ ބޮޑެތި ސިޓީތައް ކަމަށްވާ އިޒްމީރް އަދި ބުސްރާ އާއި އަދަނާ އަދި އަންޓާލިއާ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް އިންތިހާބުގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް އިންތިހާބުގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށް އުފާ ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

މިއީ މިދިޔަ 21 އަހަރު ތުރުކީގެ ވެރިކަންކުރެއްވި އުރުދުގާނަށް ސިޔާސީ ގޮތުން ބޮޑު ނާކާމިޔާބީއެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. މިއީ އުރުދުގާން ވެރިކަމަށް ވަޑައިގަތްފަހުން މުޅި ގައުމުން މިހާ ދަށް ނަތީޖާއެއް އޭކޭޕީ އަށް ލިބުނު ފަހަރެވެ.

މި ނަތީޖާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، އުމުރުން 70 އަހަރުގެ އުރުދުގާން ވިދާޅުވީ "މިއީ އަހަރެމެންގެ ނިމުން ނޫން" ކަމަށެވެ. އެކަމަކު މިއީ ބަދަލެއްގެ ފެށުން ކަމަށް ވިދާޅުވި އެވެ. އުރުގާން ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަން ދިޔައީ އުންމީދުކުރެއްވި ގޮތަކަށް ނޫނެވެ.

ސީއެޗްޕީން ވަނީ އެތައް އަހަރަކަށް ފަހު "ތުރުކީގެ ސިޔާސީ މައިދާން ބަދަލުކުރުމަށް" ރައްޔިތުން ނިންމައި މި ދިނީ ތާރީހީ ވޯޓެއް ކަމަށް ބުނެ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 61 މިލިއަން މީހުންނަށް ލިބިފައިވެ އެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ ޒުވާނުންގެ އަދަދު މިލިއަނަކަށްވުރެ ގިނަ އެވެ. ގައުމުގެ 81 ޕްރޮވިންސުން 76 ޕަސެންޓް މީހުން ވޯޓު ދިން ކަމަށް އަންދާޒާކުރެވިފައިވެ އެވެ.