Roadha Mihaaru

އުރުގާންގެ ވާދަވެރިޔާއަށް ޓެރަރިޒަމްގެ ތުހުމަތު، ގައުމު ހަލަބޮލިވެފައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ، އިސްތަންބޫލްގެ މޭޔަރު އެކްރާމް އިމާމުގްލޫ އަށް އިދިކޮޅު ސީއެޗްޕީގެ ރިޔާސީ ކެންޑިޑެސީކަން ދޭން ވަގުތު ކުޑަތަންވެފައި އޮއްވައި ޓެރިޒަމްގެ ތުހުމަތުތަކާ އެކު ހައްޔަރުކުރުމުން ގައުމު ހަލަބޮލިވެއްޖެ އެވެ.

އުރުގާންގެ ވާދަވެރިޔާއަށް ޓެރަރިޒަމްގެ ތުހުމަތު

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ، އިސްތަންބޫލްގެ މޭޔަރު އެކްރާމް އިމާމުގްލޫ އަށް އިދިކޮޅު ސީއެޗްޕީގެ ރިޔާސީ ކެންޑިޑެސީކަން ދޭން ވަގުތު ކުޑަތަންވެފައި އޮއްވައި ޓެރިޒަމްގެ ތުހުމަތުތަކާ އެކު ހައްޔަރުކުރުމުން ގައުމު ހަލަބޮލިވެއްޖެ އެވެ.

އިމާމުގްލޫ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އުރުދުޣާންއާ ވާދަކުރެއްވާނެކަން ގާތްގަނޑަކަށް ކަށަވަރުވެފައި ވަނިކޮށް ހައްޔަރުކުރުމުން އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ވަނީ މުޒާހަރާކޮށްފަ އެވެ. އިސްތަންބޫލްގައި ފެށި މުޒާހަރާތައް 81 ޕްރޮވިންސްގެ ތެރެއިން 55 ޕްރޮވިންސަކަަށް ފެތުރި ހަމަނުޖެހުން ބޮޑުވެފައި ވާއިރު މުޒާހަރާތަކުން 323 މީހަކު ވަނީ މިހާތަނަށް ހައްޔަރު ވެސް ކޮށްފަ އެވެ.

އިމާމުގްލޫ ހައްޔަރުކުރީ ކޮރަޕްޝަން ހިންގުމާއި ޓެރަރިސްޓް ޖަމާއަތަކަށް އެހީވާ ކަމަށް ތުހުމަތުކުރެވޭ ދެ ތަހުގީގަކާ ގުޅިގެން ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް އިންކާރު ކުރައްވައި އޭނާ ވިދާޅުވެފައި ވަނީ ފުލުހުންގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަމަށެވެ.

ތުރުކީގެ އިދިކޮޅު ލީޑަރު ހައްޔަރުކުރުމުން އާންމުން މަގުމަތަކަށް ނުކުމެ މުޒާހަރާ ކުރާއިރު ފުލުހުން ބާރުގެ ބޭނުންކޮށް ކޮންޓްރޯލްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ތުރުކީގެ އިދިކޮޅު ލީޑަރު ހައްޔަރުކުރުމުން އާންމުން މަގުމަތަކަށް ނުކުމެ މުޒާހަރާ ކުރާއިރު ފުލުހުން ބާރުގެ ބޭނުންކޮށް ކޮންޓްރޯލްކުރަނީ. -- ފޮޓޯ: އޭއެފްޕީ

އިދިކޮޅު ސީއެޗްޕީގެ ޕްރައިމަރީ މާ ކުރިން ޕްލޭންކޮށްފައި އޮއްވައި އެ ދުވަހުގެ ކުރިން އޭނާ ހައްޔަރުކޮށްފައި ވާއިރު މިއަދު ވަނީ ޕްރައިމަރީ ކުރިއަށް ގެންދަން ވެސް ނިންމައިފަ އެވެ. މި ޕްރައިމަރީގައި ޕާޓީގެ މެންބަރުންނަށް ނޫނަސް އެހެން މީހުންނަށް ވެސް ވޯޓު ލެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެއީ ވީހާ ވެސް ގިނަ ބަޔަކު މަގުތަކަށް ނެރެ އިތުރު ޕްރެޝަރު އުފެއްދުމުގެ ބޭނުމުގައި ކަމަށް ވަނީ ބެލެވިފަ އެވެ.

އިސްތަންބޫލްގައި މުޒާހަރާގެ ބައިވެރިންނާ މުހާތަބު ކުރައްވައި ސީއެޗްޕީގެ ލީޑަރު އޮޒްގުރް އޮޒެލް ވިދާޅުވީ އެ މީހުންގެ އަދަދު "ބައި މިލިއަނަށް ވުރެ ގިނަ" ކަމަށެވެ. ގައުމުގެ އެކި ކަންކޮޅުތަކުގައި ރޭގަނޑު މުޒާހަރާތައް ފެށުނީ ޕްރޮސެކިއުޓަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް އިމާމޮގްލޫ ކޯޓަށް ގެންދިޔަތާ ކުޑަ އިރުކޮޅެއް ފަހުންނެވެ.

އިދިކޮޅު ލީޑަރު އިމާމުގްލޫގެ ގާނޫނީ ވަކީލުން ބުނި ގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ ގޮތުން މިއަދު ކޯޓަށް ހާޒިރުކުރުމަށް ފަހު ވަނީ ދައުވާތައް ކުރިއަށްގެންދަން ބަންދުގައި ބަހައްޓަން ނިންމާފައި ކަމަށެވެ.