Roadha Mihaaru
ހުސްނީ މުބާރަކުގެ ދެ ދަރިކަލުން ހައްޔަރުކޮށްފި

ހުސްނީ މުބާރަކުގެ ދެ ދަރިކަލުން ހައްޔަރުކޮށްފި

16 ސެޕްޓެމްބަރ 2018

ގާހިރާ (ސެޕްޓެމްބަރު 16) - ސްޓޮކް މާކެޓާއި މަރުކަޒީ ބޭންކުގެ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ދެ ދަރިކަލުން ކަމަށްވާ ޖަމާލް މުބާރަކާއި އަލާއު މުބާރަކު ހައްޔަރުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (ސެޕްޓެމްބަރު 16) - ސްޓޮކް މާކެޓާއި މަރުކަޒީ ބޭންކުގެ ގަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ދެ ދަރިކަލުން ކަމަށްވާ ޖަމާލް މުބާރަކާއި އަލާއު މުބާރަކު ހައްޔަރުކޮށްފި އެވެ.

ޖަމާލް އާއި އަލާއުގެ މައްސަލަ ބަލަން ފަށާފައި ވަނީ 2012 ވަނަ އަހަރު އެވެ. އެއީ އެ މީހުންގެ ބައްޕަގެ ސަރުކާރު ވައްޓާލިތާ އެއް އަހަރު ފަހުންނެވެ. އެކަމަކު ވޭތުވެދިޔަ އަހަރުތަކުގައި އެ މީހުން ތިބީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ދެބެން ވަނީ އެ މީހުން ކުށެއް ނުކުރާ ކަމަށް ބުނެފަ އެވެ. އެ މީހުން އަންނަ އޮކްޓޯބަރު މަހު 20 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރާނެ އެވެ.

ގާހިރާގެ ކޯޓަކުން ވަނީ އިތުރު ތިން މީހުން ހައްޔަރު ކުރަން ވެސް އަންގައިފަ އެވެ. އެ މީހުންގެ މައްޗަށް ވަނީ ޚިޔާނާތުގެ ދެ ބިލިއަން މިސްރު ޕައުންޑް (115 މިލިއަން ޑޮލަރު) ގެ މައްސަލައެއް އުފުލައިފަ އެވެ.

އަލާއު، 57، އާއި ޖަމާލް، 54، ގެ މައްޗަށް ވެސް ވަނީ 494 މިލިއަން މިސްރު ޑޮލަރުގެ މައްސަލައެއް އުފުލައިފަ އެވެ. އަލާއު އަކީ ސިޔާސީ ކަންކަމާ ދުރުގައި، ވިޔަފާރީގައި އުޅުއްވި ބޭފުޅެކެވެ. ބޭންކިންގެ ވިޔަފާރި ކުރެއްވި ޖަމާލް އަކީ މުބާރަކަށް ފަހު މިސްރުގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވުނު ބޭފުޅާ އެވެ. ނަމަވެސް އަރަބި ސްޕްރިންގައި މުބާރަކުގެ ވެރިކަން ވަނީ ވައްޓާލައިފަ އެވެ.

މުބާރަކާ އެކު އަލާއު އާއި ޖަމާލްގެ މައްޗަށް 2015 ވަނަ އަހަރު ވަނީ ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ސާބިތުވުމުން ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް ބަންދުގައި ތިބޭތާ ތިން އަހަރުވެފައިވާތީ އެ ހުކުމް އެ މީހުންގެ މައްޗަށް ތަންފީޒްކޮށް ނިމިފައިވާ ކަމަށް ވަނީ ނިންމައިފަ އެވެ.

މިސްރުގައި 30 އަހަރު ވެރިކަން ކުރެއްވި އުމުރުން މިހާރު 90 އަހަރުގެ މުބާރަކުގެ މައްޗަށް ވެސް ވަނީ 2011 ވަނަ އަހަރުގެ މުޒާހަރާތަކާ ގުޅިގެން މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް މުބާރަކުގެ ކުށެއް ނެތް ކަމަށް މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ.