Roadha Mihaaru
ހުސްނީ މުބާރަކު މިނިވަންވެ ގެއަށް ވަޑައިގެންފި

ހުސްނީ މުބާރަކު މިނިވަންވެ ގެއަށް ވަޑައިގެންފި

24 މާޗް 2017

މިސްރުގެ ވެރިކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ފަހުން އާންމުންގެ ކެކިއަރައިގަތުމުގައި އިސްތިއުފާ ދެއްވި ހުސްނީ މުބާރަކު، ހަ އަހަރު ފަހުން، މިނިވަންވެގެން އަމިއްލަ ގެކޮޅަށް މިއަދު ވަޑައިގެންފި އެވެ.

މިސްރުގެ ވެރިކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ފަހުން އާންމުންގެ ކެކިއަރައިގަތުމުގައި އިސްތިއުފާ ދެއްވި ހުސްނީ މުބާރަކު، ހަ އަހަރު ފަހުން، މިނިވަންވެގެން އަމިއްލަ ގެކޮޅަށް މިއަދު ވަޑައިގެންފި އެވެ.

މުބާރަކުގެ ވެރިކަމާ ދެކޮޅަށް 2011 ގައި ނުކުތް އާންމުންގެ ތެރެއިން އެތައް ބަޔަކު މަރުވުމުގެ ޒިންމާ އުފުއްލަވަން ޖެހޭނެ ކަމަށް ސާބިތުވުމާ އެކު އޭނާ އުމުރަށް ޖަލަށް ލި އެވެ. އެކަމަކު ސިއްހީ ހާލުކޮޅު ދަށްކަމުން 2013 އިން ފެށިގެން މުބާރަކު ހުންނަވަނީ ވެރިރަށް ގާހިރާގެ ދެކުނުގައި ހުންނަ އަސްކަރީ ހޮސްޕިޓަލެއްގަ އެވެ.

މުބާރަކު މިނިވަންވީ މިސްރުގެ އެންމެ މަތީ އެޕީލް ކޯޓުން އޭނާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް މި މަހު ކުރީކޮޅު ނިންމުމާ ގުޅިގެންނެވެ.

ކުރީގެ ރައީސް އަންވަރު ސާދާތު 1981 ގައި އަވަހާރަކޮށްލުމާ އެކު ވެރިކަމަށް ވަޑައިގެންނެވި މުބާރަކު، 88، ވަނީ 2011 ގައި އިސްލާމީ ބައެއް ގައުމުތަކުގައި އުފެދުނު ވެރިކަމާ ދެކޮޅު ހަމަނުޖެހުންތައް މިސްރުގައި ބޮޑުވަންދެން، ރައީސްކަމުގައި ހުންނަވައިފަ އެވެ.

އާނާގެ މައްޗަށް އުމުރުދުވަހުގެ ހުކުމެއް އައީ ފެބްރުއަރީ 2011 ގައި ސަލާމަތީ ބާރުތަކުގެ ހަމަލާތަކުން އާންމުންގެ އެތައް ބަޔަކު މަރުވުމާ ގުޅިގެންނެވެ.

މުބާރަކު ދޫކޮށްލަން ދަށު ކޯޓަކުން 2015 ގައި ވެސް އަމުރުކުރި އެވެ. އެކަމަކު މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް-ސީސީގެ ސަރުކާރުން އޭރު އެގޮތަށް އެކަން ނުކުރީ އާންމުންގެ ރުޅިވެރިކަން ބޮޑުވެދާނެ ކަމަށް ބަލައިފަ އެވެ.

އަލް-ސީސީ އަކީ މުބާރާކުގެ ވެރިކަމުގައި ޖާސޫސީ އިދާރާގެ އެންމެ އިސް ވެރިޔާ އެވެ. އަދި މުބާރަކުގެ ވެރިކަމަށް ފަހު މިސްރުގައި ފުރަތަމަ ގާއިމްވި ޑިމޮކްރެޓިކް ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު މުރުސީގެ ސަރުކާރު 2013 ގައި ވައްޓާލުމުގެ އިސް ދައުރެއް އަދާކުރެއްވީ ވެސް ސީސީ އެވެ.

އިސްލާމީ އުއްމަތުގައި އޭރު އެންމެ ބާރުގަދަ ސިޔާސީ ލީޑަރުގެ ގޮތުގައި ބެލެވުނު މުބާރަކުގެ ވެރިކަމާ ދެކޮޅަށް މިސްރުގެ ބޮޑެތި ސިޓީތަކުގައި ހިންގި މުޒާހަރާތަކުގައި 800 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. މުބާރަކު އިސްތިއުފާ ދެއްވީ 18 ދުވަހަށް ދެމިގެން ދިޔަ މުޒާހަރާތަކަށް ފަހު، އެނޫން އެހެން ގޮތެއް ނެތިގެންނެވެ.