03 އޮކްޓޯބަރ 2023
ގާހިރާ (އޮކްޓޯބަރު 3) - މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ، ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައި ރޭ އެކަން އިއުލާން ކުރައްވައިފި އެވެ.
ގާހިރާ (އޮކްޓޯބަރު 3) - މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ، ރިޔާސީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވައި ރޭ އެކަން އިއުލާން ކުރައްވައިފި އެވެ.
"ޙިކާޔަތު ވަޠަން" (ވަޠަނުގެ ވާހަކަ) ނަމުގައި ތިން ދުވަހަށް ބޭއްވި މަހާސިންތާ ނިންމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ރައީސް ސީސީ ވިދާޅުވީ ރިޔާސީ ތިން ވަނަ ދައުރަކަށް ވާދަކުރައްވަނީ، ތަރައްގީއަށްޓަކައި ދެކެވަޑައިގަންނަވާ ހުވަފެން ހަގީގަތަކަށް ހެއްދެވުމުގެ މަގްސަދުގަ އެވެ.
އަންނަ ޑިސެމްބަރުގައި އޮންނަ ރިއާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރެއްވި އިރު، ރައީސް ސީސީގެ މައްޗަށް ކުރި ހޯއްދެވޭ ވަރުގެ ސިޔާސީ ބުރަދަން ހުރި ބޭފުޅަކު، އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ. އިންފްލޭޝަން ނިސްބަތް ރެކޯޑް މިންވަރަކަށް މައްޗަށް ގޮސް، އިގްތިސާދު އަޑި އަޅާލާފައި އޮތަސް، ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީ، ރައީސް ސީސީ އެވެ.
އާބާދީގައި 109 މިލިއަން މީހުން ދިރިއުޅޭ މިސްރުގައި، އަންނަ ޑިސެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 65 މިލިއަނަށް ވުރެ ގިނަ ވާނެ ކަމަށް ބެލެވެ އެވެ. އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ މީހަކު ވޯޓުލުމަކީ މިސްރުގައި މަޖުބޫރު ކަމެއް ކަމަށް ވިޔަސް، އިންތިޚާބުތަކުގައި ވޯޓު ނުލާ މީހުންގެ ނިސްބަތް އަހަރުން އަހަރަށް އަންނަނީ މަތިވަމުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ޑިސެމްބަރު 10، 11 އަދި 12 ވަނަ ދުވަހު އެވެ. ގައުމުން ބޭރުގައި އުޅޭ މިސްރުގެ ރައްޔިތުން ވޯޓުލުމަށް ކަނޑައަޅާފައިވަނީ ޑިސެމްބަރު 1، 2 އަދި 3 ވަނަ ދުވަހު އެވެ.
މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ވެރިކަމާ ދެކޮޅަށް ޖޫން 2013 ގައި އާންމުން ކުރި މުޒާހަރާގެ ނާޖާއިޒު ފައިދާ ނަގައި، ސިފައިން ގެނައި އިންގިލާބެއްގައި މުރުސީގެ ވެރިކަން ވައްޓައިލުމަށް ފަހު، މިހާތަނަށް ބޭއްވި އިންތިޚާބުތައް ކާމިޔާބު ކުރެއްވީ ރައީސް ސީސީ އެވެ.
ރައީސް ސީސީ އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގަތީ މުރްސީގެ ވެރިކަން ވައްޓައިލުމަށް ފަހު، މެއި 2014 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ. އޭގެ ފަހުން 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުވެސް ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި ދެ ވަނަ ދައުރަކަށް އިންތިޚާބުވި އެވެ.
އޭގެ ފަހުން 2019 ވަނަ އަހަރު މިސްރުގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމުގެ ގާނޫނުއަސާސީ އަށް ގެނައި ބަދަލާއެކު، ރިޔާސީ ދައުރުގެ މުއްދަތު މިހާރު ވަނީ ހަތަރު އަހަރުން ހަ އަހަރަށް އިތުރު ކޮށްފަ އެވެ. އަދި އެންމެ ގިނަ ވެގެން ވެރިކަމުގައި ހުންނެވޭނެ މުއްދަތު ވެސް މިހާރު ވަނީ ހަތަރު އަހަރުގެ ދެ ދައުރުން ހަ އަހަރުގެ ދެ ދައުރަށް އިތުރުކޮށްފަ އެވެ.
ކުރިން އޮތް ގޮތުން ނަމަ، 2022 ވަނަ އަހަރުގެ ފަހުން ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ރައީސް ސީސީއަކަށް ނޯންނާނެ އެވެ. ނަމަވެސް 2019 ވަނަ އަހަރު ގާނޫނުއަސާސީ އަށް ގެނައި ބަދަލުގައިވާ ގޮތުގެ މަތިން ހަ އަހަރުގެ ރިޔާސީ ދެ ދައުރު ވެރިކަން ކުރުމުގެ ހައްގު ލިބިދޭތީ، 2033 ވަނަ އަހަރުގެ ނިޔަލަށް ވެރިކަމުގެ ހުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.
މިސްރުގައި 2014 އަދި 2018 ވަނަ އަހަރު އޮތް ރިއާސީ އިންތިޚާބުގައި ވެސް، ވޯޓު ލާފައިވަނީ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން މަދު އަދަދެއްގެ ބައެކެވެ. އެ ގޮތުން 2014 ވަނަ އަހަރުގެ އިންތިޚާބުގައި 47 ޕަސެންޓް މީހުން ވޯޓުލާފައިވާ އިރު، ރައީސް ސީސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓު ލީ މީހުންގެ 97 ޕަސެންޓް ތާއީދު ހޯއްދަވައިގެންނެވެ.
އަދި 2018 ވަނަ އަހަރު ބޭއްވި ރިއާސީ އިންތިޚާބުގައި 41 ޕަސެންޓް މީހުން ވޯޓުލާފައިވާ އިރު، އެ އަހަރު ވެސް ރައީސް ސީސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ވޯޓު ލީ މީހުންގެ 97 ޕަސެންޓް ތާއީދު ހޯއްދަވައިގެންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް، ރައީސް ސީސީއާ އެކު މިހާތަނަށް އަށް ބޭފުޅަކު ވަނީ އިއުލާން ކުރައްވައިފަ އެވެ. ނަމަވެސް އޭގެ ތެރޭގައި، ރައީސް ސީސީ އަށް ގޮންޖެހުމަކަށް ވާވަރުގެ ބޭފުޅަކު ނެތެވެ.
މުރްސީ އަވަހާރަކޮށްލި ކަމުގެ ތުހުމަތު ސީސީގެ މައްޗަށް
ހުސްނީ މުބާރަކު މިނިވަންވެ ގެއަށް ވަޑައިގެންފި
ގާޒާގެ ރެފިއުޖީން މިސްރަކަށް ނުގެނެވޭނެ: ސީސީ
ބައިޑެންއާ ބައްދަލުނުކުރަން މިސްރާއި ޖޯޑަން ނިންމައިފި
އިޒްރޭލު މިހާރު އެކުރަނީ ދިފާއީ ހަނގުރާމައެއް ނޫން
ތިން ވެރިން އިޒްރޭލު ކުށްވެރި ކުރައްވައިފި
އިންތިޚާބަށް ފަހު އުރުދުޣާންގެ ފުރަތަމަ ދަތުރު މިސްރަށް
ރަޝިޔާއަށް ފޮނުވަން ހަތިޔާރެއް ނުއުފައްދަން: މިސްރު
ސަރަހައްދީ ދަތުރެއްގައި ސައޫދީ ވަލީ އަހުދު މިސްރަށް
މިސްރުގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކްރިސްޓިއަނެއް