Roadha Mihaaru
ކުރީގެ ރައީސް މުބާރަކް ވަރަށް އަވަހަށް މިނިވަންކުރާނެ

މިސްރުގެ ކުރީގެ ރައީސް މުބާރަކް ވަރަށް އަވަހަށް މިނިވަންކުރާނެ

14 މާޗް 2017

ގާހިރާ (މާޗް 14) - މިސްރު ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ނުކުތް މީހުންގެ ތެރޭން ބައެއް މީހުން މެރުމުގެ ފަހަތުގައިވާ ކަމަށް ބުނެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެ ގައުމުގެ އިސްތިއުނާފް ކޯޓުން ބާތިލްކޮށްފައިވާތީ އެ މަނިކުފާން މިނިވަން ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ގާހިރާ (މާޗް 14) - މިސްރު ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ނުކުތް މީހުންގެ ތެރޭން ބައެއް މީހުން މެރުމުގެ ފަހަތުގައިވާ ކަމަށް ބުނެ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެ ގައުމުގެ އިސްތިއުނާފް ކޯޓުން ބާތިލްކޮށްފައިވާތީ އެ މަނިކުފާން މިނިވަން ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އަންގަވައިފި އެވެ.

ބަލި ހާލަތު ހުރި ގޮތުން 88 އަހަރުގެ މުބާރަކް ބާއްވާފައި އޮތް އަސްކަރީ ހޮސްޕިޓަލުން މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ގެއަށް ދޫކޮށްލާނެ ކަމަށް އެމަނިކުފާނުގެ ވަކީލް ފަރީދު އަލް ދީބު ވިދާޅުވި އެވެ. މުބާރަކް ގެއަށް ދޫކޮށްލި ނަމަވެސް ގައުމުން ބޭރަށް ވަޑައިގަތުން ވަނީ މަނާކޮށްފަ އެވެ. އެއީ އެ މަނިކުފާނާ ދެކޮޅަށް ކޮރަޕްޝަނުގެ މައްސަލައެއް މިހާރު ބަލަމުންދާތީ އެވެ.

މުބާރަކުގެ ކުށެއް ނެތް ކަމަށް އިސްތިއުނާފް ކޯޓުން ހުކުމް ކުރީ މި މަހު 2 ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ ކުށެއް ނެތް ކަމަށް ކޯޓުން ނިންމުމާ އެކު 2011 ގެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އާއިލާތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މި މައްސަލާގައި މުބާރަކުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައި ވަނީ 2012 ވަނަ އަހަރު އެވެ. އެކަމަކު މި ޝަރީއަތް އަލުން ކުރުމަށް ދެ ފަހަރެއްގެ މަތިން ވަނީ އަމުރުކޮށްފަ އެވެ. އަލުން ޝަރީއަތް ކުރަން ފުރަތަމަ އެންގީ 2013 ވަނަ އަހަރު އެވެ. ނަމަވެސް މި ޝަރީއަތް ފަނޑިޔާރު ހުއްޓާލުމުން އިސްތިއުނާފް ކޯޓުން ދެ ވަނަ ފަހަރަށް ވަނީ ޝަރީއަތް ކުރުމަށް އަންގައިފަ އެވެ.

މުބާރަކް ދޫކޮށްލުމަށް 2015 ވަނަ އަހަރުގެ މެއި މަހު ވެސް ފަނޑިޔާރަކު ވަނީ އަންގަވައިފަ އެވެ. ނަމަވެސް ރައީސް އަބްދުލް ފައްތާހު ސީސީގެ ސަރުކާރުން މުބާރަކް ދޫކޮށްނުލާ ބަހައްޓާފައި ވަނީ މިފަދަ ކަމެއް ކޮށްފި ނަމަ އާއްމުންގެ ރުޅިވެރިކަން އިތުރުވެދާނެތީ އެވެ. މުބާރަކުގެ ދިގު ވެރިކަމުގައި ސީސީ އަކީ ސިފައިންގެ ޖާސޫސީ އިދާރާގެ ވެރިޔާ އެވެ. އަދި މުބާރަކަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު މުރްސީގެ ސަރުކާރު 2013 ވަނަ އަހަރު ވައްޓާލުމުގައި ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ އިސް ރޯލެއް އަދާކުރެއްވީ ވެސް ސީސީ އެވެ.

މުބާރަކުގެ 30 އަހަރުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސް ވަންދެން ގާހިރާ، އިސްކަންދަރިއްޔާ ފަދަ ސިޓީތަކުގައި ކުރި މުޒާހަރާތައް ހުއްޓުވުމަށް ސިފައިން ބާރުގެ ބޭރުން ކުރުމުން ވަނީ 850 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. އެކަމަކު މުބާރަކު ވަނީ އެއްވެސް މީހަކު މެރުމަށް އަމުރު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަކީ އަމިއްލަ އެދުމެއް ނެތި ގައުމަށް ޚިދުމަތް ކުރި މުހާޖިދެއްގެ ގޮތުގައި ތާރީޚް ހެކިވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.