Roadha Mihaaru
މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

މަންދު ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

06 ސެޕްޓެމްބަރ 2018

މަންދު ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަންދު ކޮލެޖުން އަންނަ މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

އެ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މަންދުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ، ސެޓްފިކެޓް ލެވެލް އިން ފެށިގެން މާސްޓާސްއާ ހަމައަށް ކުރިއަށްގެންދާ ކޯސްތަކަށް އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

އަންނަ މަހުގެ އިންޓޭކުގައި ވެސް ރާއްޖެއަށް މުހިއްމު ދާއިރާތަކުން މަތީ ތައުލީމް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކިޔަވައިދިނުމުގެ ދާއިރާ އާއި ބިޒްނަސް މެނޭޖްމަންޓް ފަދަ ދާއިރާތައް ހިމެނެ އެވެ. މެދުކެނޑުމަކަށްފަހު، ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ވެސް މިފަހަރު ވަނީ ހުޅުވާލައިފަ އެވެ.

އިބްރާ ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ފެށި ވާޗުއަލް ކެމްޕަހާއެކު މަންދު ކޮލެޖުން ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. މާލޭގައި ތިބި ދަރިވަރުން ވެސް މިހާރު އިހުތިޔާރުކުރަމުން އަންނަނީ ވާޗުއަލް ކެމްޕަސްކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ ވާޗުއަލް ކެމްޕަހުގައި، އަމިއްލަ ރަށުގައި ވަޒީފާގައި ތިބެގެން ކިިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުން. ވަކި ރަށްރަށެއް ނޫން. ފާހަގަކުރެވިފައި އެބަހުރި މާލޭގައި އުޅޭ ދަރިވަރުން ވެސް މިހާރު ކިޔަވަން ބޭނުންވަނީ ވާޗުއަލް ކެމްޕަސް އިން،" އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތުގެ ތަޖުރިބާ ހުއްޓަސް ސެޓްފިކެޓެއް ނެތުމުގެ ސަބަބުން ވަޒީފާގެ ކުރިއެރުން ނުލިބި ބައެއް މީހުން އެބަތިބި ކަމަށެވެ. އެމީހުންނަށް ހާއްސަކޮށްގެން ޕްރީ ޔުނިވާސިޓީ ޕްރޮގްރާމްތަކެއް އަންނަނީ ހިންގަމުންނެވެ. އެ ޕްރޮގްރާމް ނިމުމާއެކު، ސީދާ ޑިގްރީ އަށް ކިޔެވުން ފެށޭނެ އެވެ.

އެ ޕްރީ ޔުނިވާސިޓީ ޕްރޮގްރާމްތަކަކީ މަތީ ތައުލީމް ފޯރުކޮށްދިނުމަށް ދުނިޔޭގެ މަޝްހޫރު ތަންތަނުގައި ވެސް މަގުބޫލު ޕްރޮގްރާމްތަކެއް ކަމަށް އިބްރާ ވިދާޅުވި އެވެ.

އެ ކޮލެޖުގެ ރެޖިސްޓްރާ މުނީޒާ އަފީފް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީނުކޮށް، ރަސްމީ ތައުލީމް ފުރިހަމަ ނުކުރިއަސް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެމުން އަންނަ ކަމަށެވެ. އެ ދަރިވަރުންނަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނައިރު އެއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ފުރިހަމައަށް ގަބޫލުކުރާ ޕްރޮގްރާމްތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މަތީ ތައުލީމް ހާސިލް ކުރުމުގައި މާލީ ގޮތުން އެހީތެރިވެދިނުމުގެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ފައިނޭންޝަލް ސްކީމެއް ތައާރަފް ކޮށްފި އެވެ.