Roadha Mihaaru
މަންދުކޮލެޖަށް ބަދަލުގެ ފައިސާ އަދި ނުލިބޭ: އިބްރާ

މުއްދަތު ހަމަވެއްޖެ، މަންދުކޮލެޖަށް 15 މިލިއަނުގެ ބަދަލެއް އަދި ނުލިބޭ: އިބްރާ

26 މެއި 2021

މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓު ކުރި ހުކުމްގެ މުއްދަތު ހަމަވެގެން ދިޔައިރު، އެ ފައިސާ ލިބިފައިނުވާ ކަމަށް ކުންފުނީގެ ވެރިޔާ އިބްރާހީމް އިސްމާއީލް (އިބްރާ) މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މަންދު ކޮލެޖު ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓު ކުރި ހުކުމްގެ މުއްދަތު ހަމަވެގެން ދިޔައިރު، އެ ފައިސާ ލިބިފައިނުވާ ކަމަށް ކުންފުނީގެ ވެރިޔާ އިބްރާހީމް އިސްމާއީލް (އިބްރާ) މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުުން ބާތިލްކޮށް، ސަރުކާރުން އެތަން އަތުލި މައްސަލާގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ސިވިލް ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ.

ސިވިލް ކޯޓުގައި ދައުވާކުރުމުން ދައުލަތުން ވަނީ 15 މިލިއަން ދޭން ޑިސްޕިއުޓް މަރުހަލާގައި އެއްބަސްވެފަ އެވެ. އެ އެއްބަސްވުމާ އެއްގޮތަށް ކޯޓުން ހުކުމް ކުރީ މަސް ދުވަސް ތެރޭ ފައިސާ ދައްކާށެވެ. އެ މުއްދަތު ހަމަވީ މި މަހު 18 އަށެވެ.

"އެ ފައިސާ ލިބެންޖޭހެނެ ކަމަށް ހުކުމްގައި ބުނެފައިވާ މުއްދަތު ހަމަވި ނަމަވެސް އަދި އަޅުގަނޑަކަށް އެ ފައިސާ ލިބިފައެއް ނުވޭ. އަދި ލަސްވާ ސަބަބެއް ވެސް ސާފުވެފައެއް ނުވޭ،" އިބްރާ މިއަދު "މިހާރު" އަށް ވިދާޅުވި އެވެ.

މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް އެމްއީއެސް ކުރިން ހިންގި އިމާރާތް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ގައި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލައިފަ އެވެ. އެތަން އަތުލީ އެއްބަސްވުމާ އެއްގޮތަށް އިންޓަނޭޝަނަލް ސްކޫލެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ބުނެ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި ހުކުމްތަކަށް ފަހު، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން ދައުވާކުރި އެވެ. ނަމަވެސް ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން 15 މިލިއަނަށް އެއްބަސްވީ އެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ޚަރަދު ކަމަށް ދައުލަތުން ބުނެ އެވެ.

ކުރިން ވެފައިވާ އެއްބަސްވުންތައް އުވާލުމާއި އަދި މިފަދަ އެކި މައްސަލަތަކުގައި އެކި ފަރާތްތަކަށް ދައުލަތުން މިހާތަނަށް ބަދަލުގެ ގޮތުގައި ވަނީ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހިފަ އެވެ. މަންދު ކޮލެޖަށް ދޭންޖެހުނު ފައިސާގެ މައްސަލާގައި ވެސް ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.