Roadha Mihaaru
ހަމަލާދިނީ އިލްމު ފަތުރަން ހުރަސްއަޅަން: މަންދު ކޮލެޖް

ހަމަލާ ދިނީ އިލްމު ފަތުރަން ހުރަސް އަޅާބަޔަކު: މަންދު ކޮލެޖް

23 ޖެނުއަރީ 2019

މަންދު ކޮލެޖަށް ހަމަލާ ދިނީ ރާއްޖޭގައި އިިލްމު ފަތުރަން ކުރާ މަސައްކަތަށް ހުރަސްއަޅަން އުޅޭ ބަޔަކު ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެ ކޮލެޖުން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަންދު ކޮލެޖަށް ހަމަލާ ދިނީ ރާއްޖޭގައި އިިލްމު ފަތުރަން ކުރާ މަސައްކަތަށް ހުރަސްއަޅަން އުޅޭ ބަޔަކު ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެ ކޮލެޖުން ރޭ ބުނެފި އެވެ.

ކޮލެޖުގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދިނުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ތައުލީމު ފޯރުކޮށްދިނުމުގެ 20 އަހަރުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް އެކަންކަމުން އަރައިގަތުމުގެ ހެޔޮ ތައުފީގު މިންވަރުކުރައްވާ ކަމަށާއި ކޮލެޖުގެ މުވައްޒަފުން ތިބީ ދަރިވަރުންނާއި ގައުމަށް ހިދުމަތް ކުރުމުގެ އަޒުމުގައި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

މަންދު ކޮލެޖު ކައިރިއަށް އެއްވެ އެތަނަށް ހަމަލާދީފައިވަނީ، އެ ކޮލެޖުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދައްކާ ކަމަށް ބުނެ އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ އެ ތަނަށް ބަޔަކު އެއްވެ އިބުރާއާ ދެކޮޅަށް އަޑު އުުފުލި އެވެ. ކޮލެޖަށް ހަމަލާ ދިނީ އެ ރޭ ދަންވަރު އެވެ.

މިދިޔަ ހޯމަ ދުވަހު ކޮލެޖު ހުޅުވަން ދިޔަ މުވައްޒަފުންނަށް ތިން މީހަކު ހުރަސްއެޅި ކަމަށާއި އެހެންވެ އެތަން ހުޅުވަންޖެހުނީ ފުލުހުންގެ އެހީގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި ކޮލެޖު ހިންގާ އިމާރާތް ކައިރިއަށް ބަޔަކު އެއްވެ ދަރިވަރުންނާއި ކޮލެޖުގެ މުވައްޒަފުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައިވާ ކަމަށް ވެސް ބުންޏެވެ.

ބަޔާނުގައި ބުނީ އެއްވެސް ބަޔަކު، އެބައެއްގެ އަމިއްލަ ކަމެއްގައި އެ ކޮލެޖަށް އަމާޒުކޮށް އެބާވަތުގެ ކަންކަން ހިންގާތީ ހިތާމަކުރާ ކަމެކެވެ. އަދި އެފަދަ އަމަލުތަކަކީ ރާއްޖޭގެ އިލްމު ފަތުރަން ކުރާ މަސައްކަތަށް ހުރަސްއެޅުމަށް ހިންގާ ފިނޑިއަމަލެއް ކަމަށް ބުންޏެވެ. މިއީ ދަރިވަރުންގެ އުނގެނުމަށް ހުރަސްއަޅައި ކޮލެޖުގެ ނަން ކިލަނބުކުރުމަށް ބަޔަކު ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށް ބުނެ އެކަން ހުއްޓާލުމަށާއި އިލްމަށް ލޯބިކުރުން އިތުރުކުރުމަށް މަސައްކަތް ކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މި ދަނޑިވަޅުގައި، ކޮލެޖުގެ އެންމެހައި ދަރިވަރުންނާއި އަލަށް ކޮލެޖަށް ގުޅުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ އެންމެހައި ދަރިވަރުންނަށް އެ ކުދިންގެ އުނގެނުމަށް ހުއްޓުމެއްނައިސް، ރައްކާތެރި މާހައުލެއްގައި އުނގެނެމުން ދިއުމުގެ ފުރުސަތު މާތްﷲގެ ވާގިފުޅާއެކު ކޮލެޖުން ތަނަވަސްކޮށްދީ، މި ކޮލެޖުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެމެވެ،" ބަޔާނުގައި ބުންޏެވެ.

މަންދު ކޮލެޖުން ބުނި ގޮތުގައި، ރާއްޖޭގެ އިޖުތިމާއީ އަދި ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައި ނަމަވެސް އެ ކޮލެޖަކީ އެއްވެސް އިރެއްގައި ސިޔާސީގޮތުން ވަކި ފަޅިއެއް އިހުތިޔާރުކުރާ ކޮލެޖެއް ނޫނެވެ.