Roadha Mihaaru
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި

އެމްއީއެސް އިމާރާތް ހޯދަން މަންދު ކޮލެޖުން ކުރި ދައުވާ ކާމިޔާބެއް ނުވި

20 ފެބުރުއަރީ 2022

އެމްއީއެސް ކުރިން ހިންގި އިމާރާތް އަތުލި މައްސަލާގައި އެތަން އަލުން ހޯދަން، މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްއީއެސް ކުރިން ހިންގި އިމާރާތް އަތުލި މައްސަލާގައި އެތަން އަލުން ހޯދަން، މަންދު ކޮލެޖް ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.

މިހާރު އިއްޒުއްދީން ސްކޫލް ހިންގަމުން އަންނަ، އެމްއީއެސް ހިންގި އިމާރާތް މާލެ ހައި ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި ވަނިކޮށް 2015 ވަނަ އަހަރު ސަރުކާރުން ވަނީ އެތަނުގެ އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލައިފަ އެވެ. އެކަމަކު ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ނިންމާފައިވަނީ އެތަނުގެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އަދި އެކަމުގެ ބަދަލު އެ ކުންފުންޏަށް ދޭންޖެހޭނެ ކަމަށެވެ.

މާލެ ހައި ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ އެމްއީއެސް ހިންގި އިމާރާތް އެ ކުންފުންޏަށް އަލުން ދިނުމާ އެކު، އެއްބަސްވުމަށް އަމަލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުން އެދި އެވެ. އަދި އެ ކުންފުންޏަށް ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދޭން ވެސް އެ ކުންފުނިން އެދުނެވެ. އެކަމަކު ދައުލަތުން ކޯޓުގައި ބުނެފައިވަނީ އެއްބަސްވުން ބާތިލްކުރި މައްސަލާގައި މާލެ ހައި ކުންފުނިން ކުރިން ކުރި ދައުވާގައި އެމްއީއެސް އިމާރާތް އަލުން ހޯދައި، އެއްބަސްވުމަށް އަމަލު ކުރުމުގެ އަމުރަކަށް އެދިފައިނުވާތީ މި މައްސަލާގައި އިތުރަށް އެފަދަ ކަމަކަށް ނޭދެވޭނެ ކަމަށެވެ.

ސިވިލް ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމުގައިވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން މާލެ ހައި ކުންފުންޏަށް ލިބުނު ގެއްލުންތަކަކީ ކޮބައިކަން އެނގެން ނެތީސް، ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އަމުރު ނެރެދެވޭނެ ހަމައެއް ނެތް ކަމަށެވެ. އަދި ލިބުނު ގެއްލުންތައް ބެލުމަށްޓަކައި އެމްއީއެސް ހިންގި އިމާރާތަށް ވަނުމުގެ ފުރުސަތު ކޯޓު އަމުރެއްގެ ދަށުން އެ ކުންފުންޏަށް ފަހިކޮށް ދިނަސް، އެތަނުގައި ހުރި މުދާތައް ބަލައި، ގެއްލުން ވަޒަން ކުރަން އެ ކުންފުނިން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ކޮންޓްރެކްޓާ ބެހޭ ގާނޫނު އޮތްގޮތުން ވަކިކަމެއް ކުރަން އަމުރެއް ކުރެވޭނީ ގެއްލުމުގެ މިިންވަރު ކަނޑައެޅުމަށްފަހު އަދި އެކަމަށް ދެވެން އޮތް ބަދަލަކީ އެކަށީގެންނުވާ ބަދަލަކަށްވާ ހާލަތުގައި ކަމަށެވެ. އަދި ގެއްލުން ވަޒަން ކުރުމުގެ ފުރުސަތު މާލެ ހައި ކުންފުންޏަށް ދިނުމުން ވެސް، އެ ފުރުސަތުގެ ބޭނުން ހިފާފައި ނުވާތީ ގެއްލުމުގެ ބަދަލު ވަޒަން ކުރުމެއް ނެތި، ވަކި ކަމެއް ކުރަން އަމުރެއް ނެރެވޭނެ ހަމައެއް ނެތް ކަމަށް ގާޒީ އަބްދުﷲ އަލީ ކުރެއްވި އެ ހުކުމުގައިވެ އެވެ.

މާލެ ހައި ކުންފުންޏަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ކުރިން ވެސް ސަރުކާރުން ދިނެވެ. އެއީ އެމްއީއެސް އިމާރާތުން މަންދު ކޮލެޖް ބޭރުކޮށްލުމުން އެތަން އެހެން އިމާރާތެއްގައި ހިންގަން ޚަރަދުވި ފައިސާ އެވެ.